ހަތް ލަނޑު ފެނުނު ފޯރިގަދަ، ވަރުގަދަ ހިފުމެއްގައި ލިވަޕޫލް ބަލިކޮށް ޔުނައިޓެޑް ސެމީ ފައިނަލަށް
މިއީ އެ މެޗު ބެލި މީހުންގެ ހަނދާނުން އެހާ އަވަހަށް ފޮހެވޭނެ މެޗެއް ނޫނެވެ. އޯލްޑް ޓްރެފޯޑް ފުރާލި މެންޗެސްޓަ ޔުނައިޓެޑްގެ ސަޕޯޓަރުން މުޅި ރޭ އުފާކުރަން ވެސް ހައްގެވެ. އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގެ މި މެޗު އެހާވެސް ފުރިހަމަ އެވެ. ފޯރިގަދަ އެވެ. ވަރުގަދަ ވާދަކުރުމެކެވެ. ޖުމްލަ ހަތް ލަނޑެވެ.
ސީޒަންގެ ހަތަރު ތަށި ހޯދުމުގެ އުއްމީދުގައި ދަނޑަށް ނުކުތް ލިވަޕޫލަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވަންދެން ވެސް، އެ މަގު އޮތީ ތަނަވަސްވެފަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ޔުުނައިޓެޑުން ލަނޑެއް ޖަހާ ނެގި ލީޑު، އެލެކްސް މެކް އެލިސްޓާ އާއި މުހައްމަދު ސަލާހުގެ ލަނޑުން ބަދަލުކޮށްލީ އެ ހާފު ނިމުމުގެ ކުރިންނެވެ.
އެކަމަކު މެޗު ނިމެން އެންމެ ތިން މިނިޓަށް ވެފައި އޮއްވާ އެންޓޮނީ ލަނޑެއް ޖަހައި 2-2 އަށް ނަތީޖާ ބަދަލުކޮށްލައި، ޔުނައިޓެޑްގެ ކުޅުންތެރިންނާއި މުޅި ދަނޑު ކައްކުވާލި އެވެ.
ދެން ދިޔައީ އިތުރު 30 މިނިޓްގެ ކުޅުމަށެވެ. ލިވަޕޫލްގެ ހާވީ އެލިއޮޓްގެ ލަނޑުން 3-2 އިން ކުރި ހޯދިތާ މާ ގިނަ އިރެއް ނުވެ ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އަނެއްކާ 3-3އިން އެއްވަރުކޮށްދިނެވެ.
ދެން އައީ އެންމެ މުހިންމު، އަދި ހަނދާނުން ފޮހެލަން އުނދަގޫ ވަގުތުކޮޅެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު މިނިޓް ކޮޅުގައި، ބަދަލު ކުޅުންތެރިޔާ އަމަދު ޑައަލޯ ލިވަޕޫލްގެ ގޯލަށް ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ. މި ލަނޑުގެ އުފާ ފާޅުކުރުމުގެ ތެރޭޭގައި ޖާޒީ ބޭލުމުން ދެއްކި ދެވަނަ ރީނދޫ ކާޑާ އެކު އޭނާއަށް ރަތް ކާޑު ވެސް ދެއްކި އެވެ. ނަމަވެސް އެއީ 4-3 އިން މޮޅުކޮށްދޭން މެޗުގައި އޭނާ ނެރެދިން ނަތީޖާއަށް ބަލާއިރު މާ ބޮޑު މައްސަލައެއް ނޫނެވެ.
ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ މެޗެއްގައި ލިވަޕޫލް ބަލިކޮށް ސެމީ ފައިނަލަށް ދިއުމަކީ ކޯޗު އެރިކް ޓެން ހޭގްއަށް ވަރަށް ފުން ނޭވާއެއް ވެސް ލެވުމެވެ. އަދި ސީޒަންގައި ތައްޓެއް ނުލިބި ނިންމާލަން އަދި ނުޖެހޭކަން ޔުނައިޓެޑަށް ކަށަވަރު ވެސް ވުމެވެ.