ޕީއެސްޖީގެ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭ

ރެއާލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމަކަށް އެމްބާޕޭ ރުހުން ދީފި ކަމަށް އަޑުއަރައިފި

ފްރާންސް އާއި ޕީއެސްޖީގެ ތަރި މި ސީޒަންއަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ސްޕެއިންގެ ބިޔަ ކްލަބަށް ދާ ވާހަކަ މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފައި
20 ފެބްރުއަރީ 2024

މިދިއަ އަހަރުގެ ހޫނު މޫސުމުގައި ކީލިއަން އެމްބާޕޭ އާއި ޕީއެސްޖީ ޖެހުނު މައްސަލަ ހައްލުވީ މި އަހަރުގެ ސީޒަން ނިމެންދެން ފްރާންސްގެ ޗެމްޕިއަން ޓީމުގައި މަޑުކުރަން އެއްބަސްވެގެންނެވެ. އެކަން މިހާރު މި އޮތީ ނިމޭ ހިސާބުގަ އެވެ. އަދި އެމްބާޕޭ ސްޕެއިންއާ ދިމާލަށް ނަޒަރު ވެސް ހުއްޓާލައިފި ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ސްޕެއިންގެ ނޫހަކުން ބުނީ ރެއާލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމަކަށް އެމްބާޕޭ މިހާރު އާނބަސް ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާ ނުވަތަ ރެއާލްގެ ފަރާތުން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކަ އެވެ.

މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެ ވާހަކަ އޭނާ މިހާރު ވަނީ އެ ކްލަބަށް އަންގައިފަ އެވެ. އެހެންވެ މި ހަފުތާގެ ލީގު މެޗުގައި ފުރަަތަމަ 11އަށް ވެސް ނާރުވާ ބެންޗުގައި ބޭންދި އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޕީއެސްޖީއަށް ލަނޑު ވެސް ޖަހައިދިނެވެ.

އެމްބާޕޭގެ އެއް ހުވަފެނަކީ ރެއާލްގެ ތަރިއަކަށް ވުމެވެ. މިދިއަ ސީޒަންގައި އޭނާއަށް އެކަން ނުކުރެވުނީ ޕީއެސްޖީން އޭނާ ދޫކޮށްނުލުމުންނެވެ. ރެއާލްގެ ބަދަލުގައި ސައުދީ ލީގުގެ ކްލަބްތަކަށް ވިއްކާލަން ވެސް ޕީއެސްޖީން މަސައްކަތްކުރި އެވެ. ނަމަވެސް އެމްބާޕޭ އެކަން ގަބޫލެއްނުކުރި އެވެ. އެހެންވެ އޭނާ ނިންމީ ޕީއެސްޖީގައި އަދި މަޑުކުރާށެވެ.

މި ސީޒަނަށް ފަހު 25 އަހަރުގެ ކުޅުންތެރިޔާ ރެއާލްއަށް ހިނގައްޖެ ނަމަ އެކަން ވާނީ ފުޓްބޯޅައިގެ ވަރަށް ބޮޑު ބަދަލަކަށެވެ. 

ރެއާލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމަކަށް އެމްބާޕޭ ރުހުން ދީފައި އޮތަސް ދުނިޔޭގެ ބޮޑެތި އެހެން ބައެއް ކްލަބްތަކުން ވެސް އޭނާއަށް ހުށައެޅުންތައް ދާނެ ކަމާ މެދު ޝައްކެއް ނެތެވެ. އޭގެ ތެރޭގައި ޕްރިމިއަ ލީގުގެ ކްލަބްތައް ވެސް ހިމެނޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް