ޖަރުމަން ލީގުގައި ރޭ ބޯކަމްގެ ކުޅުންތެެރިޔަކު ބަޔާން މިޔުނިކްގެ ގޯލަށް ބޮލުން ހަމަލާއެއް ފޮނުވާލަނީ

ބަޔާން މިޔުނިކް

ބަޔާާން މިޔުނިކަށް މި ވަނީ ކިހިނެއް؟ ރޭ ތިން ވަނަ ބަލި

އެންމެ ފަހު 11 އަހަރުގެ ޗެމްޕިއަންގެ މައްޗަށް މިހާރު ކުރި ހޯދާފައި ވަނީ ބަޔާން ލެވަކޫސަން
19 ފެބްރުއަރީ 2024

ޔޫރަޕްގެ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް މިހާރު އޮތީ ޖަރުމަން ލީގު، ބުންޑެސްލީގާގައި ދިމާވަމުން އަންނަ ކަންކަމަށެވެ. މިދިއަ 11 އަހަރު ޖަރުމަން ލީގު ޗެމްޕިއަން ބަޔާން މިޔުނިކް މިހާރު އޮތީ އެ ކާމިޔާބު ތަކުރާރުނުކުރެވިދާނެތީ ހާސްކަމެއްގަ އެވެ.

ރޭ ބޯކަމް އަތުން 3-2 އިން ބަލިވުމާ އެކު މިހާރު ތާވަލްގެ ކުރީގައި އޮތް ބަޔާން ލެވަކޫސަންއަށް ވުރެ އަށް ޕޮއިންޓް ފަހަތަށް ބަޔާން މިޔުނިކް ވެއްޓުނީ އެވެ. މިއީ ކޯޗު ތޯމަސް ޓުޗެލްއަށް ވެސް ބޮޑު ޕްރެޝަރެކެވެ.

މިއީ މިދިއަ އަށް އަހަރުގެ ތެރޭގައި ޖެހިޖެހިގެން ތިން މެޗުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ނަތީޖާއާ ކުރިމަތިވީ ކޯޗަކަށް ޕެޕް ގާޑިއޯލާ ހުރި އިރު 2015ގަ އެވެ.

ރޭ ފުރަތަމަ ލީޑު ނެގީ ވެސް ބަޔާނުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ބޯކަމް ކުރި އަތުލި އެވެ. ބަޔާނުން ދެ ވަނަ ލަނޑު ޖެހީ އިނގިރޭސި ފޯވަޑް ހެންރީ ކޭން އެވެ. މިއީ ލީގުގައި އޭނާގެ 25 ވަނަ ލަނޑެވެ.

ލެވަކޫސަން ވުރެ އަށް ޕޮއިންޓް ތަފާތު އޮތުމުން ޓުޗެލް ބުނީ ލީގު ޗެމްޕިއަންކަން ހޯދުމަކީ މިހާރު އެހާ ގާތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

ލީގު ޗެމްޕިއަންކަން ނުލިބިއްޖެ ނަމަ މި ސީޒަން ބަޔާނުން ނިންމާލުން ގާތީ އެއްވެސް ތައްޓެއް ނެތި އެވެ. ޖަރުމަންގެ ބޮޑު އެހެން ދެ މުބާރާތުން ބަޔާން ވަނީ ކަޓައިފަ އެވެ. އަދި ޗެމްޕިއަންސް ލީިގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އިޓަލީގެ ލާޒިއޯ އަތުން ވެސް ވީ ބައްޔެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް