ދެވަނަ ޑިވިޒަންގެ ފައިނަލަށް ގޮސް އެއްވަނަ ޑިވިޒަނުން ފުރުސަތު ހޯދައިގެން ވިކްޓަރީގެ ޓީމު އުފާ ފާޅުކުރަނީ (ފޮޓޯ/ސިޑިބަރި)
ވިކްޓަރީ އެއްވަނަ ޑިވިޒަނަށް، ނިއުއަށް އަނެއްކާވެސް އިންތިޒާރު
ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބް އަލުން އެއްވަނަ ޑިވިޒަނަށް އަރަން މި އަހަރު ކުރި މަސައްކަތް ވިކްޓަރީ މިއަދު ކާމިޔާބުކޮށް، ނިއު ރޭޑިއަންޓްގެ އިންތިޒާރު އަނެއްކާވެސް ދިގުދެމިއްޖެ އެވެ.
މާލީ މައްސަލަތަކާ ހެދި ދެވަނަ ޑިވިޒަނަށް ވެއްޓި އެތައް އަހަރެއް ވީ ދެ ކްލަބް އަލުން ކުރީގެ މަގާމު ހޯދަން މިދިއަ އަހަރު ފެށި ދަތުރު ވީ ނާކާމިޔާބީ އެވެ. ނަމަވެސް މިފަހަރު ދެވަނަ ޑިވިޒަންގެ ފައިނަލަށް ގޮސް ވިކްޓަރީން ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތަށް އެރީ، ސެމީ ފައިނަލްގައި ނިއުގެ މައްޗަށް ހޯދި 2-0ގެ ނަތީޖާ އިންނެވެ.
ވިކްޓަރީ މޮޅުކޮށްދޭން ދެ ހާފުގައި ލަނޑު ޖެހީ ހުސެއިން ފައިސަލް އާއި އިބްރާހިމް ރިޒްހާން އެވެ.
ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ ގޮތުން އެއް ބައެއްގެ ނަޒަރުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ، އެއްވަނަ ޑިވިޒަންގައި އޮތުން މުހިންމެވެ. މިއީ މިހާތަނަށް ރާއްޖެ ދުށް ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދި ތިން ކްލަބެވެ.
ވެލެންސިއާ މިހާރު ވެސް އޮތި އެއްވަނަ ޑިވިޒަންގަ އެވެ. އެކަމަކު ކުޅިވަރުގައި މާ ހަގު ކްލަބްތަކަށް ވުރެ ނަތީޖާގެ ގޮތުން މި އަހަރު ދަށެވެ.
ވިކްޓަރީ އާއި ނިއުއަށް ކުރިމަތިވެފައި އޮތް މާލީ މައްސަލަތަކުން އަރައިގަނެ، އަލުން އެއްވަނަ ޑިވިޒަނަށް އަރަން މިދިއަ އަހަރު، ސަރުކާރުގެ އިސް ބައެއް ވެރިންގެ އެހީތެރިކަން ވެސް އޮތެވެ. ނަމަވެސް އެއް ވަނަ ޑިވިޒަނަށް އެރޭ ވަރެއް ނުވި އެވެ.
ދެވަނަ ޑިވިޒަންގެ ފައިނަލަށް ގޮސް ވިކްޓަރީއާ އެކު އެއްވަނަ ޑިވިޒަނަށް މި އަހަރު ދެން އެރީ، އިއްޔެ އޮތް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް 5-1އިން ބަލިކޮށްގެން މަސްއޮޑި ސްޕޯޓްސް ކްލަބެވެ.