ދުނިޔޭގެ މެރެތަންގެ ރެކޯޑް އޮންނަ ކެންޔާގެ ކެލްވިން ކިޕްޓުމް
މެރެތަންގެ ރެކޯޑް އޮތް ކިޕްޓުމް ކާރު އެކްސިޑެންޓްވެ، މަރުވެއްޖެ
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެރެތަންގެ ދުނިޔެ ބަދަލުކޮށްލާނެ ކަމަށް ބެލެވުނު ކެންޔާގެ ދުވުންތެރިޔާ ކެލްވިން ކިޕްޓުމް ރޭ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
ދުވުންތެރިޔާ މަރުވީ އޭނާގެ ކޯޗު ރުވަންޑާގެ ގާވައިސް ހަކިޒިމާނާއާ އެކު ކާރުގައި ދަނިކޮށް ވީ އެކްސިޑެންޓްގަ އެވެ. ހަކިޒިމާނާ ވެސް ވަނީ މަރުވެފަ އެވެ.
އުމުރުން އެންެމެ 24 އަހަރުގެ ކިޕްޓުމް މިދިއަ އަހަރުގެ އޮކްޓޯބަރުގައި އޮތް ޗިކާގޯ މެރެތަން 2 ގަޑި 35 ސިކުންތުން ނިންމައިގެން ދުނިޔޭގެ ރެކޯޑް ހެދުމަކީ ވެސް ހައިރާންކުރުވަނިވި ނަތީޖާއެކެވެ.
މެރެތަންގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ކެންޔާގެ އެލިއުޑް ކިޕްޗޯގީ ކުރިން ހެދި ރެކޯޑް މުގުރާލުމާ އެކު ކިޕްޓުމް ބެލެވުނީ ދެން އަރަން ހުރި ދުވުންތެރިޔާ ކަމަށެވެ. މި ދެ ދުވުންތެރިން ވެސް ވަނީ މި އަހަރުގެ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ވީ އިރު ދުއްވަން އިނީ ވެސް ކިޕްޓުމް އެވެ. ކޮންޓްރޯލް ނުވެގެން ގޮސް ކާރު ފުރޮޅާލީ އެވެ. ދެ މީހުން ވަގުތުން މަރުވި އެވެ. އޭރު ކާރުގައި އަންހެނަކު ވެސް އިން ކަމަށް ވެ އެވެ. އަނިޔާވެގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ދެ ގަޑިއިރަށް ވުރެ އަވަހަށް ވާދަވެރި މެރެތަންއެއް ޖެހުމަކީ އިންސާނަކަށް ނުވާނެ ކަމެއް ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ކިޕްޗޯގީ ވަނީ ހާއްސަ އިންތިޒާމެއްގެ ދަށުން އަދި އެތައް ޕޭސްމޭކަރުންނެއް ބޭނުންކޮށްގެން 2 ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމައިފަ އެވެ. އެއީ ދުނިޔޭގެ ރެކޯޑެއް ކަމަށް ނުބަލަނީ ވާދަވެރި ރޭހަކަށް ނުވާތީ އެވެ.
އެކަމަކު ކިޕްޓުމްގެ ޓީމުން މިދިއަ ހަފުތާގައި އިއުލާންކުރީ ކުރިއަށް އޮތް ރޮޓެޑަމް މެރެތަންގައި ކިޕްޓުމް އެ ނަތީޖާ ނެރެން ދުވާނެ ކަމަށެވެ.
ކިޕްޓުމްގެ ތަފާތަކީ އެހާ ޒުވާން އުމުރުގައި މެރެތަންއަށް ނުކުމެ އެހާ އަވަސް މުއްދަތެއްގައި ހޯދަމުން އަންނަ ކާމިޔާބީތަކެވެ. އޭނާ މެރެތަން ދުވަން ފެށީ 2022ގަ އެވެ. އާންމު ގޮތެއްގައި މިކަހަލަ ދުވުންތެރިންގެ ޒުވާން އުމުރު ހޭދަކުރަނީ ޓްރެކް ރޭސްތަކުގަ އެވެ.
ނަމަވެސް ދެ ކުދިންގެ ބައްޕަ ބުނި ގޮތުގައި ޓްރެކް ތަމްރީންތަކަށް ދާ ވަރަށް އޭނާއަށް އާމްދަނީއެއް ނުލިބެ އެވެ. އެހެންކަމުން ހަރަދު ކުޑަ ގޮތަކީ މެރެތަން ޕްރެކްޓިސް ކަމަށް ވާތީ އޭނާ ދުވުން ބަދަލުކޮށްލީ އެވެ.
"ޓްރެކް ތަމްރީންތަކަށް ދެވޭހާ ފައިސާއެއް އަހަރެންގެ އަތަކު ނެތް،" ބީބީސީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.