އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި ސައުތު ކޮރެޔާ 2-0 އިން ބަލިކޮށް ޖޯޑަންގެ ކުޅުންތެރިން ދަނޑު މަތީގައި އުފާ ފާޅުކުރަނީ

އޭޝިއަން ކަޕް

ސައުތު ކޮރެޔާ ބަލިކޮށް ޖޯޑަން އޭޝިއާ ކަޕްގެ ފައިނަލަށް ގޮސް ބޮޑު ހައިރާންކަމެއް

މިއީ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖޯޑަން ދިޔަ ފުރަތަމަ ފަހަރު
7 ފެބްރުއަރީ 2024

މީގެ ކުރިން އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް ވުރެ ދުރަށް ޖޯޑަންއަށް ދެވިފައެއް ނުވެ އެވެ. ނަމަވެސް ރޭ އޭޝިއާ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރު ސައުތު ކޮރެޔާގެ މައްޗަށް ހޯދި 2-0ގެ ކާމިޔާބީއާ އެކު މިހާރު އެވަނީ ފައިނަލަށް ގޮސްފަ އެވެ.

ގަތަރުގައި މިހާރު ކުރިއަށް ދާ އޭޝިއަން ކަޕްގައި ޖޯޑަންގެ މި ހައިރާންކުރުވަނިވި ނަތީޖާ ނުކުތީ ދެވަނަ ހާފުގައި ޔަޒާން އަލް ނައިމަތު އާއި މޫސާ ސުލައިމާން ޖަހައިދިން ދެ ލަނޑުންނެވެ.

އަންނަ ހޮނިހިރުދުވަހު އޮންނަ ފައިނަލްގައި ޖޯޑަން ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި އީރާނާއި ގަތަރުގެ ތެރެއިން މޮޅުވާ ޓީމަކާ އެވެ. ގަތަރަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ސައުތު ކެރެޔާ ކޮޅަށް ޖޯޑަންގެ ޔަޒާން އަލް-ނައިމަތު (11) ލަނޑު ޖެހުމަށް ފަހު އުފަލުން

ސައުތު ކޮރެޔާގެ މި ނާކާމިޔާބީއަކީ 1960ގެ ފަހުން އޭޝިއަން ކަޕްގެ ތަށި ހޯދަން ކުރަމުން އަންނަ އުއްމީދު އަނެއްކާވެސް ހަތަރު އަހަރަށް ފަސްވުމެވެ. މިހާތަނަށް ސައުތު ކޮރެޔާއިން އޭޝިއާގެ ޗެމްޕިއަންކަން ހޯދި ދެ ފަހަރުގެ ތެރެއިން އެންމެ ފަހު ފަހަރު އެ އުފާ ލިބުނީ 1960ގަ އެވެ.

މި ބައްޔަކީ މިހާރުގެ ކޯޗު ޖަރުމަންގެ ޔާގެން ކްލިންސްމަންއަށް ވެސް އިތުރު ބޮލުގެ ރިހުމެކެވެ. އޭނާއަކީ ސައުތު ކޮރެޔާގެ ބައެއް ސަޕޯޓަރުންނަށް މާ މަގުބޫލު ޝަހުސިއްޔަތަކަށް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް