ކްއާޓާ ފައިނަލްގައި ޕީ.ކޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/ އަހުމަދު މިގުދާދު ރުސްދީ (ދާދު)

ނިއުއަށް ފަސޭހަ މޮޅެއް، ދެން އޮތީ ސެމީގައި ވިކްޓަރީއާ ޖެހޭނެތޯ ނޫންތޯ ބެލުން

ރާއްޖޭގެ އެންމެ ދޮށީ ދެ ކްލަބް އެއްވަނަ ޑިވިޒަނަށް އަރަން ކުރަމުން އަންނަ މަސައްކަތުގައި މިފަހަރު ޖާގަ ލިބޭނީ އޭގެ ތެރެއިން އެއް ޓީމަށް
6 ފެބްރުއަރީ 2024

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ސަޕޯޓަރުން ވެސް ތިބި ނިއު ރޭޑިއަންޓާއި ވިކްޓަރީ އަލުން އެއްވަނަ ޑިވިޒަނަށް ގެންނަން އެދޭ މީހުން މަދެއް ނޫނެވެ. އެކަމަކު މާލީ މައްސަލަތަކާ ހެދި ދެވަނަ ޑިވިޒަނުގައި އޮތް ދެ ޓީމަށް މިދިއަ އަހަރު ވެސް އެކަމެއް ނުވި އެވެ.

މިހާރު މި އޮތީ އަނެއްކާ އާ ފެށުން ފަށައި، ކްއާޓާ ފައިނަލްގަ އެވެ. މިއަދު ހަވީރު ކުޅުނު ކްއާޓާ ފައިނަލް ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް 8-0ގެ ތަފާތުން ކްލަބް ޕީ.ކޭ ބަލިކޮށް ސެމީގެ ޖާގަ އެވަނީ ކަށަވަރުކޮށްފަ އެވެ.

ދެން އޮތީ މާދަމާ ކުޅޭ ކްއާޓާ ފައިނަލް މެޗުގައި ކުޑަ ހެންވޭރު ކައިރިން ވިކްޓަރީ ހޯދާނެ ނަތީޖާއަކަށް ބެލުމެވެ.

ނިއު އާއި ވިކްޓަރީގެ ސަޕޯޓަރުންނާއި އެއްވަނަ ޑިވިޒަނަށް އެ ދެ ކްލަބް އަރުވަން ބޭނުންވާ އެހެން މީހުންނަށް އޮތް ނުތަނަވަސްކަމަކީ ނިއު އާއި ވިކްޓަރީ އެކުއެކުގައި މިފަހަރު އެއްވަނަ ޑިވިޒަނަށް އެރެން ނެތް ކަމެވެ. ފައިނަލަށް ދާނީ މީގެ ތެރެއިން ކޮންމެވެސް އެއް ޓީމެކެވެ. މާދަމާގެ މެޗުން ވިކްޓަރީ މޮޅުވެގެން ސެމީގައި ވާދަކުރަން މި ޖެހެނީ ނިއުއާ އެވެ.

މިއަދުގެ މެޗުގައި ނިއުގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ކުރިއަށް ދަނީ: ސެމީގައި ވިކްޓަރީއާ ބައްދަލުކުރުން އެކަށީގެންވޭ --ފޮޓޯ/ އަހުމަދު މިގުދާދު ރުސްދީ (ދާދު)

ފޯރި ކެނޑިފައިވާ ދިވެހި ފުޓްބޯޅަައަށް ކުޑަވެސް ދިރުމެއް އަންނާނީ މިކަހަލަ ބޮޑު ދެ ކްލަބެއް އަލުން އެއްވަނަ ޑިވިޒަނަށް އަރައިގެން ކަމަށް، ފުޓްބޯޅައިގެ އެތައް ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް އަނެއްކޮޅުން މި ދެ ކްލަބް އެހާލަތަށް ވެއްޓުނީ، ފަހަތުން އެރި މާ ޒުވާން ކްލަބްތަކަށް ވުރެ ހިންގުން ދޯދިޔާވެގެން ކަމަށް ވެސް، ގަބޫލުކުރަން ޖެހެ އެވެ.

ނިއު އާއި ވިކްޓަރީ އަލުން އެއްވަނަ ޑިވިޒަނަށް އަރުވަން މިދިއަ އަހަރު ވެސް ވަރަށް ބޮޑު ހޭދައެއްކުރި އެވެ. މި އަހަރު ވެސް ދެ ޓީމު ވަރުގަދަކުރަން ކުރި ހޭދަ ކުޑައެއް ނޫނެވެ.

ދެ ކްލަބްގެ ސަޕޯޓަރުންނަށް މިފަހަރު ދެން އޮތީ، މާދަމާ ވިކްޓަރީ މޮޅުވެއްޖެ ނަމަ، ސެމީ ފައިނަލްގެ ބޮޑު ހިފުން ބަލައިލުމެވެ. އެއީ ފައިނަލަށް ވުރެ ފޯރިގަދަވާނެ މެޗެއް ކަމަށް ފެނެ އެވެ. އެއްވަނަ ޑިވިޒަންގެ ޓީމުތަކުގެ ވާދަކުރުމަށް ވުރެ ވެސް އާންމުންގެ ސަމާލުކަން ހުއްޓޭނެ މެޗަކަށް ވެސް ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް