ނިއުކާސަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ސިޓީގެ ކެވިން ޑި ބްރޭނާ (ކ) އުފާ ފާޅުކުރަނީ

މެންޗެސްޓާ ސިޓީ

ޑި ބްރޭނާ އެނބުރި އައިސް ސިޓީގެ މުހިންމު މޮޅަކަށް އެހީތެރިވެދީފި

ރޭ ފަހަތުން އަރާ ނިއުކާސަލް ބަލިކުރުމުން މެންޗެސްޓަ ސިޓީ ވަނީ ތާވަލްގެ ދެ ވަނައަށް ޖެހިލާފައި
14 ޖެނުއަރީ 2024

މި ސީޒަން ފެށުމާ އެކުހެން ލިބުނު އަނިޔާއަށް ފަހު ޕްރިމިއަ ލީގުން ގެއްލުނު މެންޗެސްޓަ ސިޓީގެ މޮޅު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ އެނބުރި އައިސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނިއުކާސަލް 3-2 އިން ބަލިކުރަން މުހިންމު ރޯލެއް ރޭ އަދާކޮށްފި އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ބާނާޑޯ ސިލްވާ ސިޓީއަށް ކުރި ހޯދާފައި ވަނިކޮށް އެންމެ ދެ މިނިޓްގެ ތެރޭގައި ނިއުކާސަލް 2-1އަށް ނަތީޖާ ބަދަލުކޮށްލީ 35 އަދި 37 ވަނަ މިނިޓްގައި އެލެގްޒެންޑަ އިސާކް އާއި އެންތަނީ ގޯޑަންގެ ދެ ލަނޑުންނެވެ.

އެކަމަކު މިދިއަ ތިން އަހަރުގެ ޗެމްޕިއަން ސިޓީގައި ތިބީ އާދައިގެ ކުޅުންތެރިންނަށް ނުވުމުން އެކަން ނިއުކާސަލްގެ ދަނޑުގައި ރޭ ފެނުނީ ނަތީޖާ އަނބުރާލަން ކޮންމެ ސިކުންތެއް ވެސް ސިޓީއަށް ފަހިކަމެވެ. އެގޮތުން 74 ވަނަ މިނިޓްގައި ޑި ބްރޭނާ ލަނޑެއް ޖަހައި އެއްވަރުކޮށްދިނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭނާ ފަހިކޮށްދިން ފުރުސަތެއްގައި އޮސްކާ ބޮބް ސިޓީއަށް ތިން ވަނަ ލަނޑެއް ޖަހައި މޮޅު ވެސް ކޮށްދިނީ އެވެ.

މި ނަތީޖާއާ އެކު ސިޓީ މިހާރު އޮތީ އެއްވަނާގައި އޮތް ލިވަޕޫލަށް ވުރެ އެންމެ ދެ ޕޮއިންޓް ފަހަތުގަ އެވެ.

މެޗަށް ފަހު ޑި ބްރޭނާ ބުނީ މިކަހަލަ މެޗުތަކުގައި ޓީމަށް އެހީތެރިވާން ވަރަށް ބޭނުން ކަމަށެވެ. އެކަމަކު މެޗެއްގެ 90 މިނިޓް ކުޅޭހާ އަދި ފިޓް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"ނުކުޅެވި މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑު އުނިކަމެއް އިހުސާސްކުރެވުނީ. ލިބުނު އަނިިޔާ ވެސް އެހާމެ ބޮޑު. އެކަމުން އަރައިގަންނަން ވަގުތު ވެސް ބޭނުންވޭ،" ޑި ބްރޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 20، ޕޮއިންޓް 45

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 20، ޕޮއިންޓް 43

  • 3-

    އެސްޓަން ވިލާ، ކުޅުނު 20، ޕޮއިންޓް 42

  • 4-

    އާސެނަލް، ކުޅުނު 20، ޕޮއިންޓް 40

  • 5-

    ޓޮޓެންހަމް، ކުޅުނު 20، ޕޮއިންޓް 39

އިތުރު އާޓިކަލް

އިތުރު އާޓިކަލް