މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގައި ވިލާ ކޮޅަށް ލަނޑު ޖަހައި އުފާ ފާޅުކުރަނީ

މެޗުގެ ނަތީޖާ އަނބުރާލަން ޔުނައިޓެޑަށް އެންމެ ހާފެއް ވެސް ފުދޭ

ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނައިގައި އޮތް އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން 3-2 އިން ޔުނައިޓެޑް މޮޅުވީ ވިލާއިން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ
27 ޑިސެމްބަރު 2023

މި ފަހުން މާ ގިނައިން ނުފެންނަ މަންޒަރަކަށް ވިޔަސް ފަހަތުން އަރައި މޮޅުވުމަކީ މެންޗެސްޓާ ޔުނައިޓެޑަށް އާ ކަމެއް ނޫނެވެ. ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ދައްކުވައިދިނީ އެ ކަމެވެ. 'ކަމްބެކް ކިންގްސް'ގެ ގޮތުގައި ޔުނައިޓެޑް މަޝްހޫރު ވެފައިވާ ސަބަބެވެ.

ވިލާއިން މި މެޗަށް ނުކުތީ ތާވަލުގެ ތިން ވަނައިގައި އޮވެ އެވެ. މެޗުން މޮޅުވެގެން އެއް ވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ވެސް ވިލާއަށް އޮތެވެ. ޖޯން މެގިން އާއި ލީންޑާ ޑެންޑޮންކާގެ ގޯލުތަކާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0ގެ ނަތީޖާއަކުން ވިލާ ކުރީގައި އޮވެގެންނެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑްގައި ތިބި ސަޕޯޓަރުން ނުރުހުން ފާޅުކުރާ އަޑާ ވެސް އެކީގަ އެވެ.

ހިލޭ ޖެހުމަކުން މެގިން ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިޔަކަށް ވާސިލުނުވެ ސީދާ ގޯލަށް ވަންނަނީ

ނަމަވެސް ދެ ވަނަ ހާފުގައި ޔުނައިޓެޑުން ދެއްކީ ތަފާތު ކުޅުމެކެވެ. ހާފު ފެށުމާ އެކު ރާޅަކަށް ފަހު ރާޅަކުން ވިލާގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އަދި ވިލާގެ ޑިފެންސް ފޫއަޅުވާލަން މާ ގިނައިރެއް ވެސް ނުނެގި އެވެ. ޔުނައިޓެޑުގެ ޒުވާން ފޯވަޑް އަލެޒަންޑްރޮ ގަނާޗޯ، ވިލާގެ ގޯލަށް ވައްދާލި ފުރަތަމަ ބޯޅަ ގޯލެއް ކަމަށް ބަލައިނުގަތެވެ. ވީއޭއާރުން ނިންމީ މާކަސް ރަޝްފޯޑް ޕާސް ދިންއިރު ގަނާޗޯ އޮފްސައިޑުގައި ހުރި ކަމަށެވެ.

އެ ގޯލު ބަލައިނުގަތުމަކީ ޔުނައިޓެޑަށް ލިބުނު އިތުރު ހިތްވަރެކެވެ. އޭގެ ފަހުން 10 މިނެޓު ވެސް ނުވެ އެވެ. ވިލާގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ރަޝްފޯޑް ތިރިތިރިން ނަގައިދިން ހުރަހެކެވެ. އެ ހުރަސް ހުއްޓުވަން މަސައްކަތްކުރި ވިލާގެ ދެ ޑިފެންޑަރުންގެ ފައިގައި ވެސް ނުޖެހި ލިބުނީ ގަނާޗޯއަށެވެ. އެއްވެސް ހާސްކަމެއް ނެތި، ގޯލު ތެރެއަށް ފޮނުވާލި ހިތްގައިމު ޝޮޓު، ވިލާގެ އަދި އެންމެ ފަހުން ވޯލްޑް ކަޕް އުފުލައިލި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއަށް ވެސް ނުހުއްޓުވުނެވެ.

ރޭގެ މެޗުގައި ގޯލެއް ޖެހުމަށް ފަހު ގަނާޗޯ އުފާ ފާޅުކުރަނީ. ގަނާޗޯ ވަނީ މެޗުގެ ނަތީޖާ ޔުނައިޓެޑު ކޮޅަށް ބަދަލުކުރަން މުހިންމު ދައުރެއް އަދާކޮށްފައި.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނެޓަށް ވެފައި އޮއްވައި ނަތީޖާ އެއްވަރު ކޮށްދިނީ ވެސް ގަނާޗޯ އެވެ. ޕެނަލްޓީ އޭރިއާގެ މެދުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ. އެ ހަމަލާގެ އަސްލު މިސްރާބު ބަދަލުވުމުން، މިފަހަރު މާޓިނޭޒްއަށް ޑައިވް ކުރެވުނީ ނުބައިކޮޅަށެވެ.

މެޗުގެ 82 ވަނަ މިނެޓެވެ. ޔުނައިޓެޑަށް ލިބުނު ކޯނަރަކުން ބުރޫނޯ ފަނާންޑޭޒް ވިލާގެ އޭރިއާ ތެރެއަށް މަތިން ވައްޓައިލި ބޯޅައެކެވެ. ވިލާއަށް ފުރަތަމަ ގޯލު ޖަހައިދިން  މެގިންގެ ފައިގައި ޖެހި، އެ ބޯޅަ ބައުންސްވީ ޔުނައިޓެޑުގެ ރަސްމުސް ހޮއިލަންޑްއާ ދިމާއަށެވެ. ބޯޅަ ބިންމަތީގައި ޖެހުމުގެ ކުރިން ހޮއިލަންޑް ޖެހި ބާރު ޝޮޓު ހުއްޓުވަން މާޓިނޭޒްއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އަރިމަތީގައި ދަނޑީގައި ޖެހި، ބޯޅަ ގޯލަށް ވަނުމާ އެކު އޯލްޑް ޓްރެފޯޑްގައި ސަޕޯޓަރުންގެ އަޑު ފަޅައިގެންދިޔަ އެވެ.

ލީގު މެޗެއްގައި ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލަށް ފަހު ހޮއިލަންޑް އުފާފާޅު ކުރަނީ

އެއީ ހޮއިލަންޑް، ޕްރިމިއަ ލީގު މެޗެއްގައި ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ހަތަރު މެޗަށް ފަހު ޔުނައިޓެޑަށް މޮޅެއް ކަށަވަރުކޮށްދިން ގޯލު ވެސް މެ އެވެ.

ޔުނައިޓެޑް މިހާރު އޮތީ 31 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ރޭގެ މެޗުތަކާ އެކު ޕްރިމިއަ ލީގުގެ އެއް ވަނާގައި މިހާރު އޮތީ ބާންލީ އަތުން 2-0 އިން މޮޅުވެގެން ލިވަޕޫލް އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 19، ޕޮއިންޓް 42

  • 2-

    އާސެނަލް، ކުޅުނު 18، ޕޮއިންޓް 40

  • 3-

    އެސްޓަން ވިލާ، ކުޅުނު 19، ޕޮއިންޓް 39

  • 4-

    ޓޮޓެންހަމް، ކުޅުނު 18، ޕޮއިންޓް 36

  • 5-

    މެންޗެސްޓަ ސިޓީ، ކުޅުނު 17، ޕޮއިންޓް 34

އިތުރު އާޓިކަލް

އިތުރު އާޓިކަލް