އިނގިރޭސި ޕްރިމިއަ ލީގުގެ ލުޓަން ޓައުންގެ ކެޕްޓަން ޓޮމް ލޮކްޔާ: ހިތް ހުއްޓިގެން ވެއްޓުނީ ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައި ވަނިކޮށް

ލުޓަންގެ ކެޕްޓަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިއްޖެ

އުމުރުން 29 އަހަރުގެ ޓޮމް ލޮކްޔާ ވަނީ މީގެ ކުރިން ދިމާވި ހިތުގެ މައްސަލައެއްގައި ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައި
17 ޑިސެމްބަރު 2023

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ބޯންމައުތުގެ ދަނޑުގައި އެ ޓީމާއި ލުޓަން ޓައުން ބައްދަލުކުރި މެޗުގެ ފަހު ހާފުގައި ލުޓަންގެ ކެޕްޓަން ޓޮމް ލޮކްޔާގެ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިއްޖެ އެވެ.

އެކަމަކު ދެ ޓީމުގެ ސިއްހީ އެހީތެރިންގެ މަސައްކަތުން އޭނާ އަލުން ނޭވާ ލައްވައި ހަމަޔަކަށް އެޅުވި އެވެ. އަދި ސްޓޭޑިއަމްގައި އިތުރު ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ލުޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ލޮކްޔާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ.

ވޭލްސްގެ ގައުމީ ޓީމުގެ ވެސް ކުޅުންތެރިއެއް ކަމަށްވާ ލޮކްޔާއަށް ފަރުވާ ދެމުން ދަނިކޮށް ދެ ޓީމުގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ 65 ވަނަ މިނިޓްގައި ވެއްޓުނު އިރު ނަތީޖާއަކީ 1-1 އެވެ.

މި ހާދިސާއާ ގުޅިގެން މެޗު ވަނީ ފުރިހަމަނުކޮށް ހުއްޓާލައިފަ އެވެ.

"އަހަރެމެންގެ މެޑިކަލް ޓީމުން ބުނީ ކެޕްޓަންގެ ހިތް ހުއްޓުނު ކަމަށާއި ސްޓްރެޗާގައި ދަނޑުން ބޭލިއިރު އޭނާގެ ހަރަކާތްތައް ހުރި ކަމަށެވެ،" ލުޓަންގެ ބަޔާނުގައި ބުންޏެވެ.

"ސްޓޭޑިއަމްގެ ތެރޭގައި އޭނާއަށް އިތުރު ފަރުވާ ދިނެވެ. އެކަމަށްޓަކައި ދެ ޓީމުގެ ސިއްހީ އެހީތެރިންނަށް އަހަރެމެން ޝުކުރު އަދާކުރަމެވެ."

މިދިއަ ސީޒަންގައި ޕްރިމިއަ ލީގަށް ލުޓަން އެރީ ޕްލޭ އޮފްގެ ފައިނަލް މެޗުގައި ކޮވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. އެ މެޗުގައި ވެސް ލޮކްޔާ ނޭވާ ހުއްޓިގެން ވެއްޓުނެވެ. އެއާ ގުޅިގެން ހިތުގެ އޮޕަރޭޝަނެއް ކޮށް އަލުން ކުޅެން ނުކުތީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބަލައިގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް