ޕެރިސްގައި އަންނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސް އޮންނާނީ 26 ޖުލައިއިން 11 އޯގަސްޓަށް.
ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުން ޕެރިސް އޮލިމްޕިކްސްގައި ހިމަނަން ނިންމި ނިންމުން އައިއޯސީން ދިފާއުކޮށްފި
އަންނަ އަހަރު ފްރާންސްގައި އޮންނަ ޕެރިސް އޮލިމްޕިކްސްގައި ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ފުރުސަތު ދޭން ނިންމި ނިންމުން ދަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ވެރިޔާ ދިފާއުކުރައްވައިފި އެވެ.
"އެތުލީޓުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން ހިންގާ ކަންކަމަށް އެތުލީޓުންނަށް އަދަބު ދެވިގެން ނުވާނެ،" ސްވިޓްޒަލެންޑުގެ ޖެނީވާގައި އޮތް ފޯރަމެއްގައި ތޯމަސް ބަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައަކީ ދުނިޔޭގައި މި ވަގުތު ހިނގަމުން އަންނަ ތަފާތު 28 ހަމަނުޖެހުމާއި ހަނގުރާމަތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އެކަމަކު ހަނގުރާމައިގެ މައިދާނާ ހިލާފަށް އެތުލީޓުންގެ މެދުގައި ވާދަވެރިކަން އޮންނަނީ ސުލްހަވެރި ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެރިސްގައި އޮންނަ އޮލިމްޕިކްސްގައި ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ބައިވެރިވެވުނަސް، އެ ދެ ގައުމުގެ ނަމުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އެރުމާ އެކު ބައިނަލްއަގުވާމީ ކުޅިވަރުން ރަޝިޔާ ވަނީ ދުރުކޮށްފަ އެވެ. ބެލޫރުސްއަކީ ރަޝިޔާގެ އެންމެ ބޮޑު އެހީތެރިޔާ އެވެ.
އައިއޯސީން ބުނީ ރަޝިޔާގެ ހަނގުރާމައަށް ތާއިދުކުރި އެ ދެ ގައުމުގެ އެތުލީޓުންނަށް އޮލިމްޕިކްސްގައި ބައިވެރިނުވެވޭނެ ކަމަށެވެ.
ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ފުރުސަތު ހުޅުވާލަން އެކި ގައުމުތަކުން އައިއޯސީގައި އެދުނެވެ. އެ ދެ ގައުމުގެ އެތުލީޓުންނަށް އެއްވެސް ފުރުސަތެއް ނުދޭން ގޮވާލި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. އަދި އައިއޯސީގެ ނިންމުމާ ގުޅިގެން ޔޫކްރެއިން އިން އޮލިމްޕިކް ގޭމްސް ބޮއިކޮޓްކޮށްފާނެ ކަމުގެ އިއްޒާރު ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ދެއްވި އެވެ.
ބަކް ވިދާޅުވީ "ތަފާތު ސިޔާސީ ވިސްނުންތައް ގެންގުޅުމުގެ އިހްތިޔާރު ކޮންމެ ގައުމަކަށް ވެސް އެބަ އޮތް" ކަމަށެވެ.