ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ސެވިއްޔާގެ ސާޖިއޯ ރާމޯސްއަށް ރަތް ކާޑު ދައްކަނީ

ފުޓްބޯޅަ

ރާމޯސްއަށް އޮތީ ރަތް ކާޑު، ރޭގެ ކާޑާ އެކު އެ ހަމަކުރީ 29

ލަލީގާގައި އެކަނި އޭނާއަށް ދެއްކި 21 ރަތް ކާޑަކީ ލީގުގެ ރެކޯޑް. ރޭގެ މެޗުގައި ރާމޯސް ދަނޑުން ބޭރުކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް
27 ނޮވެމްބަރު 2023

ސްޕެއިންގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކުރީގެ ދިފާއީ ކުޅުންތެރިޔާ ސާޖިއޯ ރާމޯސް މިހާރު ކުޅެމުން އަންނަ ސެވިއްޔާ ރޭ ލަލީގާގައި ރެއާލް ސޮސިއެޑާޑް އަަތުން ބަލިވަމުން ދަނިކޮށް ދެއްކި ރަތް ކާޑާ އެކު ކެރިއަރުގައި 29 ފަހަރަށް ދަނޑުން ފޮނުވާލައިފި އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާއަށް 88 ވަނަ މިނިޓްގައި ރެފްރީ ފުރަތަމަ ދައްކަން އުޅުނީ އޭގެ ހަ މިނިޓް ކުރިން ރީނދޫ ކާޑެއް ދައްކާފައި ވާތީ ދެ ވަނަ ރީނދުލުގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ފައުލް ވީޑިއޯއިން ބެލުމަށް ފަހު ނިންމީ ސީދާ ރަތް ކާޑަކަށެވެ.

ސެވިއްޔާ 2-1 އިން ބަލިވި މެޗުގައި ރާމޯސްގެ 29 ވަނަ ރަތް ކާޑު ވީ ލަލީގާގައި އޭނާ ހޯދި 21 ވަނަ ރަތް ކާޑަށެވެ. މިއީ ލީގުގެ ރެކޯޑެއް ވެސް މެ އެވެ.

މިއީ ރާމޯސްގެ އުފަން ސިޓީގެ ޓީމަށް މި ސީޒަންގައި ބަދަލުވި ފަހުން ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

ސެވިއްޔާ މި ސީޒަންގައި ފެންނަނީ ވަރަށް ބަލިކޮށެވެ. މިހާތަނަށް 13 މެޗު ކުޅުނު އިރު 12 ޕޮއިންޓާ އެކު އޮތީ ތާވަލްގެ 15 ވަނައިގަ އެވެ.

ސޮސިއެޑާޑް ވަނީ 25 ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައަށް ޖެހިލައިފަ އެވެ.

ރޭ ރެއާލް މެޑްރިޑްގެ މެޗުން މޮޅުވެ މިހާރު ވަނީ 35 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައަށް އަރައިފަ އެވެ. އެކަމަކު އެއީ ކުރިން އެއް ވަނާގައި އޮތް ޖިރޯނާއަށް ވުރެ އެއް މެޗު ގިނައިން ކުޅެގެންނެވެ. ޖިރޯނާ ކުރިއަށް އޮތް މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް ތާވަލްގެ އެއް ވަނައަށް އަރާނެ އެވެ.

މަޝްހޫރު ބާސެލޯނާ އޮތީ 31 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް