ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް (ވ) އާއި މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: މި ދެ ކޯޗުން އެކަކު އަނެކަކާ މިހާތަނަށް 28 ފަހަރު ވާދަކޮށްފައިވޭ

ގާޑިއޯލާ ބުނަނީ މޮޅު ކޯޗަކަށް އޭނާ ހަދައިދޭން ކްލޮޕް އެހީވާ ކަމަށް

އިނގިރޭސި ޕްރިމިއަ ލީގުގައި މިއަދު ހަވީރު މެންޗެސްޓަ ސިޓީ އާއި ލިވަޕޫލް ވާދަކުރާ މެޗަކީ ލީގުގެ ވަރުގަދަ ހިފުމެއް
25 ނޮވެމްބަރު 2023

މިއަދު ހަވީރު 5:30ގައި ސިޓީގެ ދަނޑުގައި ލިވަޕޫލް އާއި މެންޗެސްޓަ ސިޓީ ވާދަކުރާ މެޗަކީ، އިނގިރޭސި ޕްރިމިއަ ލީގުގެ ކުރީކޮޅު ނަމަވެސް، އެންމެ ވަރުގަދަ އެއް ހިފުމެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިހާތަނަށް އެހެން ކޯޗަކާ ދެކޮޅަށް ނުކުޅޭ ވަރަށް މި ދެ ކޯޗުން އެކަކު އަނެކަކާ ވާދަކޮށްފި އެވެ. މިހާތަނަށް އަދަދަކީ 28 މެޗެވެ. އޭގެ ތެރެއިން ކްލޮޕް 11 މެޗުން އަދި ގާޑިއޯލާ 10 މެޗު ކާމިޔާބުކުރި އެވެ.

ގާޑިއޯލާގެ ހިތުގައި ކްލޮޕްއާ މެދު އޮތީ އަގުވަޒަންކުރުމުގެ ޝުއޫރުތަކެވެ. އެގޮތުން ޖަރުމަންގެ ލީގުގައި ގާޑިއޯލާ ބަޔާން މިޔުނިކްގެ ކޯޗަކަށް ހުރި އިރު އަދި ކްލޮޕް ބޮރޫޝިއާ ޑޯޓްމުންޑްގެ ކޯޗެއްގެ ގޮތުގައި ވެސް ދެ ޓީމު ބޮޑެތި ވާދަތަކާ ކުރިމަތިލި އެވެ. މިއިން ކޮންމެ މެޗެއް ގާޑިއޯލާއަށް މުހިންމެވެ. 

"އަހަރެން މޮޅު މީހަކަށް ހެދުމުގައި އޭނާގެ އަތެއް ވޭ،" މިއަދުގެ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

"އޭނާ އާއި އޭނާގެ ޓީމު، މި ތަނުގަ އާއި ޑޯޓްމުންޑްގައި، އަބަދުވެސް ވެފައި އޮންނަނީ އުނދަގޫ ވާދަވެރިންނަށް. މޮޅު ކުޅުން، ހިތްގައިމު ކުޅުން އަބަދުވެސް އެ މެޗުތަކުން ފެނޭ. އޭނާގެ ޓީމު މެދުވެރިކޮށް އަހަރެން އަބަދުވެސް މޮޅު މީހަކަށް ހަދައިދޭ،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި 2022 ވަނަ އަހަރު މެންޗެސްޓަ ސިޓީގެ ގޯލަށް ލިވަޕޫލްގެ މުހައްމަދު ސަލާހު ލަނޑު ޖަހަނީ: މިއަދު ހަވީރު ދެ ޓީމުގެ ވާދަވެރި މެޗެއް ކުޅޭނެ

މިދިއަ ހަ ސީޒަންގެ ތެރެއިން ފަސް ފަހަރަށް ސިޓީން ލީގު ކާމިޔާބުކުރި އިރު ދެން ލީގުގެ ޗެމްޕިއަންކަން ހޯދުނީ ލިވަޕޫލަށެވެ. މިދިއަ ތިން ސީޒަންގައި ތައްޓާ ވާދަކުރެވޭ ވަރަށް ކުޅުން ނުދެއްކުނަސް މި ފަހަރު ލިވަޕޫލް އަނެއްކާ ފެންނަނީ ތާވަލްގެ ކުރީގައި ވިއްދާފައި އޮއްވަ އެވެ. މިވަގުތު އެއް ވަނާގައި ސިޓީ އެވެ. ދެ ވަނާގައި ލިވަޕޫލެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 12، ޕޮއިންޓް 28

  • 2-

    ލިވަޕޫލް، ކުޅުނު 12، ޕޮއިންޓް 27

  • 3-

    އާސެނަލް، ކުޅުނު 12، ޕޮއިންޓް 27

  • 4-

    ޓޮޓެންހަމް، ކުޅުނު 12، ޕޮއިންޓް 26

  • 5-

    އެސްޓަން ވިލާ، ކުޅުނު 12، ޕޮއިންޓް 25

މިރޭގެ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ ތާވަލްގެ އެއް ވަނަ، މޭ 2022ގެ ފަހުން ފުރަތަމަ ފަހަރަށް ލިބޭނެ އެވެ.

"މިއީ ސިޓީއާ ކިހާ ކައިރިއަކަށް އަހަރެމެންނަށް ދެވެން އޮތް އިމްތިހާނެއް ނޫން، މިއީ އާދަޔާ ހިލާފު ފުޓްބޯޅަ މެޗެއް ވެސް މެ،" ކްލޮޕް ބުންޏެވެ.

ސިޓީގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 23 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އިނގިރޭސި އެންމެ މަތީ ފުޓްބޯޅާގައި ޓީމެއްގެ އަމިއްލަ ދަނޑުގައި ހެދި ރެކޯޑާ މިއަދުގެ މެޗުން މޮޅުވެގެން ސިޓީ އެއްވަރުކުރާނެ އެވެ. އެއީ ޑިސެމްބަރު 1890 އިން އެޕްރީލް 1892އާ ދެމެދު ސަންޑަލޭންޑުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި 24 މެޗުގެ ރެކޯޑާ އެވެ.

އެންމެ ފަހުން ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ލިވަޕޫލް ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަށްް މެޗުން ބަލިވެ، ފަސް މެޗު އެއްވަރުވީ އެވެ.

ކްލޮޕް ބުނީ ސިޓީ މޮޅުވުމުގެ ދަތުރު ދިގުދެމިގެން ދިއުމުގެ މާނައަކީ އޭގެ ނިމުން ވެސް އަވަސް ވެދާނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް