
އިންޑިއާގައި އޮތް ދުނިޔޭގެ ކްރިކެޓް ވޯލްޑް ކަޕްގެ ތަށި ހިފައިގެން އޮސްޓްރޭލިޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ: އޮސްޓްރޭލިޔާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިންޑިއާ ބަލިކޮށްފައި
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި 100،000 މީހުންގެ ކުރިމަތީގައި މިރޭ ކުޅުނު ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލްގައި އިންޑިއާ ހަ ވިކެޓުން ބަލިކޮށް އޮސްޓްރޭލިޔާއިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ 1.2 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އަމިއްލަ ފަސްގަނޑުގައި ކުޅެ މުޅި އިންޑިއާ ރޮއްވާލުމެވެ. ނަރެންދުރަ މޯދީ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި ވަރުގަދަ މެޗު ބައްލަވަން އިންޑިއާގެ ބޮޑުވަޒީރު ވެސް އިންނެވި އެވެ.
މިރޭގެ ބޮޑު މެޗުގެ ކުރިން އިންޑިއާއިން މުޅި މުބާރާތުގައި ވެސް ބަލިވެފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖްގައި އޮސްޓްރޭލިޔާއާ ބައްދަލުކޮށްގެން ވެސް އިންޑިއާ އޮތީ މޮޅުވެފަ އެވެ. ނަމަވެސް މީގެ ކުރިން ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިޔާ އިން ދެއްކީ މުޅިން ތަފާތު ކުޅުމަކާއި ހޮވުމަކާއި އުކުމެކެވެ.
ފުރަތަމަ އިންޑިއާ ކުޅެން އަރުވައި، ވަރުގަދަ ބެޓްސްމަނުންތަކެއް ތިބި ޓީމު 240 ލަނޑަށް އެންމެން ނުބައިކޮށްލި އެވެ. މިއީ 50 އޯވަރުުގެ މެޗަކަށް ބަލާއިރު ނިސްބަތުން އެހާ މަތީ އަދަދެއް ނޫނެވެ.

އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާ އާއި ކުރީގެ ކެޕްޓަން ވީރާތު ކޯލީއަށް ލަނޑު ބޯޑު މާ ބޮޑަށް ބަދަލުކޮށްނުލެވެނީސް ނުބައިކުރި އެވެ. ރޯހިތު 47 ލަނޑަށް އަދި ކޯލީ 54 ލަނޑަށެވެ. ކޯލީ ނުބައިވުމާ އެކު މުޅި ދަނޑަށް ހައިރާންކަން ލިބި، ހުއްޓުނެވެ. ނުބައެއް ކުރިމަތިވަނީކަން އިހުސާސްކުރެވުނު ފަދަ އެވެ.
އިންޑިއާގެ ކުޅުން ދެން ހަމަޔަކަށް ނޭޅުނެވެ. ހުރިހާ ކުޅުންތެރިން 240 ލަަނޑަށް ނުބައިވި އެވެ.
އެކަމަކު އޮސްޓްރޭލިޔާ ކުޅެން ނުކުމެ، 47 ލަނޑުގައި އޮއްވާ ތިން ކުޅުންތެރިން ނުބައިކުރުމުން، އިންޑިއާއަށް ވަރަށް ބޮޑު އުއްމީދެއް ލިބުނެވެ. މައްސަލައަކަށް ވީ ދެން ކުޅެން ތިބި ހެޑް އާއި މާނަސް ލަބުޝޭންގެ ހުށިޔާރުކަމެވެ.
ހެޑް ވަނީ 137 ލަނޑު ހަދައިފަ އެވެ. އޭނާ ނުބައިވީ މެޗުން މޮޅުވާން އެންމެ ދެ ލަނޑަށް ވެފައި އޮއްވަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އެވެ.
"މިހެން މިކަން ވެދާނޭ [ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން] ދުވަހަކު ވެސް އަހަރެންގެ ހިތަކަށް ނާރާ،" މުބާރާތުގެ ފުރަތަމަ ހަތަރު މެޗު، އަނިޔާގެ ސަބަބުން ގެއްލުނު ކުޅުންތެރިޔާ ބުންޏެވެ.
"ކޮން ކަހަލަ ހައިރާންކުރުވަނިވި ދުވަހެއް. މިކަމުގެ ބައިވެރިޔަކަށް ވެވުނީތީ ފަހަރުވެރިވަން."
ކޮމެންޓް (2)
ޔުނިވާސަލް ބޮސް ކްރިސް ގޭލް
ލޮލީ