
ގިބްރަލްޓާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މެޗު ބޯޅަ ހިފައިގެން އެހެން ކުޅުންތެރިންނާ އެކު ދަނޑުން ފައިބަނީ
ޔޫރަޕްގައި ވެސް މި ވަރަށް ލަނޑު ޖަހާފާނެ، ފްރާންސް 14 ލަނޑު
ޔޫރަޕްގެ ފުޓްބޯޅާގައި އެހާ ތަފާތު ބޮޑު ނަތީޖާތަކެއް އެއްވެސް ޓީމަކަށް ނުނެރެވޭނެކަމަށް އޮންނަނީ ބެލެވިފަ އެވެ. ނަމަވެެސް ރޭ ޔޫރޯ ކޮލިފިކޭޝަންގައި ފްރާންސް ވަނީ ގިބްރަލްޓާ 14-0 އިން ބަލިކޮށްފަ އެވެ.
މި ތަފާތު ބޮޑު ނަތީޖާ ނެރުމުގައި ކެޕްޓަން ކީލިއަން އެމްބާޕޭގެ ހެޓްރިކް އާއި ކިންގްސްލޭ ކޯމަން އަދި އޮލިވިއާ ޖިރޫ، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ހިމެނެ އެވެ.
މެޗުގެ 18 ވަނަ މިނިޓްގައި ގިބްރަލްޓާގެ ކުޅުންތެރިޔަކަށް ދެއްކި ރަތް ކާޑާ އެކު މެޗުގެ ބާކީ ބައި އެ ޓީމު ކުޅުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ.
މެޗުގައި ފްރާންސުން ގިބްެރަލްޓާ ގޯލަށް 39 ހަމަލާ އަމާޒުކުރި އެވެ. ޔޫރަޕްގެ ކުޑަކުޑަ ގައުމެއް ކަމަށްވާ ގިބްރަލްޓާއަށް އެންމެ ބޯޅައެއް ވެސް، ފްރާންސްގެ ގޯލަށް ފޮނުވައެއް ނުލެވުނެވެ.
މި މެޗުގައި ފްރާންސްގެ އުމުރުން 17 އަހަރުގެ ވަރެން ޒައަ-އެމެރީ ތާރީހަށް ވަނީ 1914ގެ ފަހުން ފްރާންސަށް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ލަނޑު ޖެހި އިރު އުމުރަކީ 17 އަހަރާއި އަށް މަހާއި 11 ދުވަހެވެ.
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުން ފްރާންސް މިހާރު ވެސް، އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯއަށް ކޮލިފައިވި އިރު 21 ޕޮއިންޓް ލިބިފައިވެ އެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުން ޖާގަ އޮތީ ނެދަލެންޑްސް އާއި ގްރީސްއަށެވެ. ފަހު މެޗުގައި މި ދެ ގައުމު ބައްދަލުކުރާ އިރު، މިވަގުތު ނެދަލެންޑްސް އޮތީ 15 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. ގްރީސްއަށް 12 ޕޮއިންޓެވެ. ނަމަވެސް ނެދަލެންޑްސްއަށް ފައިދާއަށް ހަތަރު ގޯލް އޮތް އިރު ގްރީންސްގެ އަދަދަކީ ހައެކެވެ. އެހެންކަމުން ފަހު މެޗު މި ދަނީ އެންމެ ބޮޑު ވާދަވެރިކަމަށެވެ.
ކޮމެންޓް