ވެލެންސިއާގެ ކުޅުންތެރިއެއް ކަމަށްވާ އަދި އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު، ކުޅުންތެރިއެއް ކައިރިން ބޯޅަ ނައްޓާލައިގެން ދަނީ (ފޮޓޯ/އެފްއޭއެމް)

އެފްއޭއެމް

ބައްސާމްގެ ވެލެންސިއާ ލީގުން ވަކިވެއްޖެ، ސަބަބަކީ މާލީ ދަތިކަން

އެފްއޭއެމްގެ މެނޭޖްމަންޓާ މެދު އުފެދިފައި އޮތް ހިޔާނާތުގެ ތުހުމަތުތައް ފުލުހުން ތަހުގީގުކުރަން ފެށުމުން މެދުކަނޑާލި ލީގު މިއަދު ފަށަނީ ވެލެންސިއާ ނެތި. އެ ކްލަބުން ބުނަނީ ސަރުކާރުން އެކި ކްލަބްތަކާ މެދު ތަފާތުކުރާ ކަމަށް
15 ނޮވެމްބަރު 2023
2

ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން އެފްއޭއެމަށް ވަދެ، ހިންގަން ފެށި ތަހުގީގާ ގުޅިގެން މެދުކަނޑާލި ދިވެހި ޕްރިމިއަ ލީގު މިއަދު ފަށާއިރު، މާލީ ގޮންޖެހުންތަކުގެ މަރާ ފުރަތަމަ ކުރިމަތިވި ކްލަބަކަށް ވެލެންސިއާ ވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކްލަބުން ލީގުގައި އިތުރަށް ނުކުޅެން ނިންމާ އެކަން ވަނީ ރަސްމީކޮށް އަންގައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ވެލެންސިއާ އިން ނެރުނު ބަޔާނުން އެނގެނީ ސަރުކާރުން ކްލަބްތަކަށް ދޭ ފައިސާ ވެސް ވެލެންސިއާއަށް ލިބިފައިނުވާ ކަމެވެ. އެގޮތުން މިދިއަ އަހަރު ރ. އަލިފުށީގައި އޮތް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމުން އިނާމަކަށް ލިބެން ޖެހޭ 500،000ރ އަދިވެސް އެ ކްލަބަށް ލިބިފައި ނުވާ ކަމަށް، ބުންޏެވެ.

އޭގެ ބަދަލުގައި މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން މާޒިޔާއަށް، ބައި މިލިއަންގެ އިތުރުން އެއް މިލިއަން ރުފިޔާ ދިން ކަމުގެ ޝަކުވާ ވެސް، އެ ބަޔާނުގައި ވެލެންސިއާ އިން ފާހަގަކުރި އެވެ.

ރ. އަލިފުށީގައި 23 ޖެނުއަރީ 2022ގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ތަށި ވެލެންސިއާއިން އުފުލާލަނީ: އެކަމަކު ފައިސާގެ އިނާމު އަދިވެސް ނުލިބޭ ކަމަށް ވެލެންސިއާއިން ބުނި -- (ފޮޓޯ/ރައީސް އޮފީސް)

"މިކަމާ ގުޅިގެން މި ކްލަބުން ފޮނުވި އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބު ދީފައިނުވެ އެވެ،" ޕްރެޒިޑެންޓްސް ކަޕްގެ ފައިސާގެ އިނާމު ނުލިބިގެން ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން ވެލެންސިއާ އިން ބުންޏެވެ.

"ނަމަވެސް 2023ގެ ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ޗެމްޕިއަންކަން ހޯދި ޓީމަށް އިތުރު ފައިސާއާ އެކު އެއް މިލިއަން ރުފިޔާ މިނިސްޓްރީން ދީފައިވެ އެވެ."

ވެލެންސިއާ އިން ބުނީ ކްލަބްތަކަށް ފައިސާ ދިނުމުގައި ވެސް މިނިސްޓްރީން ތަފާތުކުރުންތައް ގެންގުޅޭކަން ކަށަވަރު ކަމަށެވެ. އޭގެ އިތުރު މިސާލެއް ދައްކަމުން ފާހަގަކުރީ ސީޒަނަށް ތައްޔާރުވާން އެއްވަނަ ޑިވިޒަންގެ އަށް ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ނިންމެވި އެއް މިލިއަން ރުފިޔާގެ ތެރެއިން ވެލެންސިއާއަށް އެންމެ 250،000ރ ދިނުމެވެ.

"ބައެއް ކްލަބްތަކަށް މި ފައިސާ ޖަމާކޮށްދީފައިވާކަން' މިނިސްޓްރީން ވެލެންސިއާއަށް ފޮނުވި ސިޓީން އެނގޭ ކަމަށް ވެސް، ބަޔާނުގައި ބުންޏެވެ.

ލީގުގެ ބާކީ ބައިގައި ނުކުޅެން ނިންމީ، މާލީ ގޮތުން ހުރި ގޮންޖެހުންތަކާއި ލީގުގެ ތާވަލް އަވަސް އަވަހަށް ބަދަލުވެ، ދިގުދެމިގެން ދިއުމުން ކަމަށް ވެސް، އެ ބަޔާނުގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބުން ފާހަގަކުރި އެވެ.

"ކްލަބަށް މިދިއަ އަހަރާއި މި އަހަރު ލިބެން ޖެހޭ ގިނަ ފައިސާތަކެއް ނުލިބި ހުރުމުން ކުޅުންތެރިންނަށް މުސާރަ ދިނުމާއި ކްލަބްގެ ހަރަދުތައް ހަމަޖައްސަން ވެލެންސިއާއަށް ގިނަ ދަތިތަކެއް ދިމާވެފައިވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާން ނިންމާލަމުން ވެލެންސިއާއިން ބުންޏެވެ.

ވެލެންސިއާ އިން މިފަހަރުގެ ލީގުގައި ކުޅެމުން އައީ ސްކޫލް ދަރިވަރުން ބޭނުންކޮށްގެންނެވެ. އެގޮތުން ޓީމުގެ %90 ކުޅުންތެރިންނަކީ އެކި ސްކޫލްތަކުގެ ދަރިވަރުންނެވެ. 

ކުރިން ވެލެންސިއާއަށް ކުޅުނު ބިދޭސީ ކުޅުންެތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލާގައި ފީފާއިން ވަނީ ވެލެންސިއާ ސަސްޕެންޑްކޮށްފަ އެވެ. އެހެންކަމުން ބޭރު ކުޅުންތެރިން ލައްވާ ކުޅެވޭނެ ފުރުސަތެއް ނެތެވެ.

ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި ދެން ވާދަކުރާނީ

  • މާޒިޔާ

  • ކްލަބް އީގަލްސް

  • ޔުނައިޓެޑް ވިކްޓަރީ

  • ޓީސީ ސްޕޯޓްސް ކްލަބް

  • ކްލަބް ގްރީން ސްޓްރީޓްސް

  • ބުރު ސްޕޯޓްސް

  • ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކޮމެންޓް (2)

ބާކީ

15 ނޮވެމްބަރު 2023
މިކަން އިސްލާހު ކުރަން ބޭނުންމަ އެހެން ކުލަބް ތަކުންވެސް މިގޮތައް އަމުލުކުރުން ރަންގަޅު.
0 0

ޢަދީލް

15 ނޮވެމްބަރު 2023
ބައްސާމްގެ ކްލަބަކަށްވީ ކިހިނެތް؟ ޖައްސާލިޔަސް ބޮޑުވރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް