މިދިއަ ސީޒަންގެ މެޗެއްގައި ޔުވެންޓަސް 5-1 އިން ބަލިކޮށް ނަޕޯލީ ކުޅުންތެރިން އުފާ ފާޅުކުރަނީ
ނަޕޯލީގެ ކޯޗުކަމުން ގާސިއާ ވަކިކޮށް މަޒާރީއަށް މަގާމު ދީފި
ޑިއެގޯ މެރެޑޯނާގެ ކެޕްޓަންކަމުގެ ދަށުން އިޓަލީ ލީގު ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް މިދިއަ ސީޒަންގައި އެ ލީގު ހޯދި ނަޕޯލީ މިހާރު އޮތީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެންމެ ފަހުން މި ފެނުނީ މިހާރުގެ ކޯޗު ރުޑީ ގާސިއާ ވަކިކޮށް، އިޓަލީގެ ވޮލްޓާ މަޒާރީއާ އެ ޒިންމާ ހަވާލުކުރި ތަނެވެ.
މިދިއަ އިޓާލިއަން ލީގުގެ ތަށި ނަޕޯލީއަށް ހޯދައިދިނީ ލުސިއާނޯ ސްޕެލެއްޓީގެ ކޯޗަކަށް ހުރެ އެވެ. ނަމަވެސް 33 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ނަގައިދީފައި އޭނާ ވަނީ ފުޓްބޯޅައިން ޗުއްޓީއަކަށް ގޮސްފަ އެވެ. މިހާރު އެއީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗެވެ.
ގާސިއާ ދުރުކޮށް މަޒާރީއަށް ކޯޗުކަން ދިނީ، ތަށި ދިފާއުކުރުމުގެ މަރުހަލާގައި ނަޕޯލީއަށް ހަމަޖެހިލެވޭނެ ގޮތެއް ނުފެނިގެންނެވެ. އޭނާއަށް ކޯޗެއްގެ ޒިންމާގައި އެ ހުރެވުނީ އެންމެ 16 މެޗަށެވެ.
މިދިއަ އާދިއްތަ ކުޅުނު ލީގު މެޗުގައި ނަޕޯލީ ބަލިވީ ތާވަލްގެ 17 ވަނާގައި އޮތް އެމްޕޮލީ އަތުންނެވެ. އެހެންކަމުން ޓީމުގެ ފެންވަރާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
ތާވަލްގެ އެއްވަނާގައި އޮތް އިންޓަ މިލާނަަށް ވުރެ ނަޕޯލީ މިހާރު އޮތީ 10 ޕޮއިންޓް މަދު ހާލަތެއްގަ އެވެ.
މަޒާރީ ވަނީ މީގެ ކުރިން ވެސް ނަޕޯލީގެ ކޯޗުކަން އަދާކޮށްފަ އެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި 2012ގެ ކޮޕާ އިޓާލިއާ ކާމިޔާބުކުރުމަކީ 20 އަހަރުގެ ތެރޭގައި އެ ޓީމުގެ ފުރަތަމަ ތައްޓެވެ. އޭގެ އަހަރެއް ފަހުން އިޓާލިއަން ލީގުގެ ދެ ވަނާގައި ނިންމައި، ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީ އޭނާގެ ކޯޗުކަމުގަ އެވެ.