އިނގިރޭސި ޕްރިމިއަ ލީގުގައި ބްރައިޓަން ކޮޅަށް ލަނޑު ޖެހުމުން އާލިން ހާލެންޑް (9)އަށް އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ

މެންޗެސްޓާ ސިޓީ

ސިޓީ ތިން ބަލިނުވެ ސަލާމަތްވެ، ތާވަލްގެ އެއް ވަނައަށް

އާސެނަލް ފަހަތުން އަރާ ޗެލްސީއާ އެއްވަރު. ލިވަޕޫލް މޮޅުވެ ތާވަލްގެ ގަދަ ތިނެއްގައި
22 އޮކްޓޯބަރު 2023

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުގައި މެންޗެސްޓަ ސިޓީ މިހާތަނަށް ޖެހިޖެހިގެން ތިން ބަލިވެފައެއް ނުވެ އެވެ. ރޭ ބްރައިޓަންއާ ދެކޮޅަށް ނުކުތް އިރު ސިޓީގެ ކުޅުންތެރިންނަށް އޮތީ އެކަން އެގޮތުގައި ދެމެހެއްޓުމާ އެކު، ހަމަ ނޭވާއެއް ލާނެ ފުރުސަތެއް ހޯދުމުގެ އަޒުމެވެ.

ފުރަތަމަ ހާފުގައި ހޫލިއަން އަލްވަރޭޒް އާއި އާލިން ހާލޭންޑްގެ ދެ ލަނޑުން، ސިޓީއަށް، ޕްރިމިއަ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި، ވުލްވްސް އާއި އާސެނަލް އަތުން ބަލިވެފައި އޮތް އޮތުން ބަަދަލުކޮށްލެވޭނެކަމުގެ ޔަގީންކަން ލިބުނެވެ. މެޗު ނިމުނ ީ2-1 އިން މޮޅުވެގެންނެވެ.

ހާލެންޑްއަށް ލަނޑެއް ނުޖެހި ތިން މެޗު ނިންމާލުމަކީ މުޅިން އާ ކަމެކެވެ. ރޭގެ ކުރިން ޒުވާން ފޯވަޑް ކުޅުނު ފަހު ތިން މެޗުގައި ލަނޑެއް ނުޖެހެ އެވެ. އެހެންކަމުން އޭނާގެ މި ލަނޑަކީ އަނެއްކާވެސް އިތުބާރެއް ކަމަށް ބެލެވެ އެވެ. މިދިއަ ސީޒަންގައި 53 މެޗު ކުޅެ 52 ލަނޑު ޖެހި އެވެ. އަދި ޕްރިމިއަ ލީގުގައި އޭނާ ކާމިޔާބުކުރި 36 ލަނޑަކީ ރެކޯޑެއް ވެސް މެ އެވެ.

އިއްޔެގެ އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް ވަނީ އެވަޓަން 2-0 އިން ބަލިކޮށްފަ އެވެ. ދެން ކުޅުނު ބޮޑު އަނެއް މެޗަކީ ޗެލްސީ އާއި އާސެނަލްގެ ވާދަކުރުމެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުގައި 2-0 އިން ކުރި ހޯދާފައި އޮއްވާ އާސެނަލް ވަނީ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށްފަ އެވެ.

މި ތިން މެޗުގެ ނަތީޖާއާ އެކު ތާވަލްގެ ގަދަ ތިނެއްގައި އޮތީ، ސިޓީ އާއި އާސެނަލް އަދި ލިވަޕޫލެވެ.

އެއް މެޗު މަދުން ކުޅެފައިވާ ޓޮޓެންހަމް މާދަމާ ރޭ ފުލްހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ތާވަލްގެ އެއްވަނައަށް އަރާނެ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 9، ޕޮއިންޓް 21

  • 2-

    އާސެނަލް، ކުޅުނު 9، ޕޮއިންޓް 21

  • 3-

    ލިވަޕޫލް، ކުޅުނު 9، ޕޮއިންޓް 20

  • 4-

    ޓޮޓެންހަމް، ކުޅުނު 8، ޕޮއިންޓް 20

  • 5-

    ނިއުކާސަލް، ކުޅުނު 9، ޕޮއިންޓް 16

އިތުރު އާޓިކަލް

އިތުރު އާޓިކަލް