މެންޗެސްޓަ ސިޓީ ބަލިކުރި ލަނޑު އާސެނަލްއަށް ޖެހުމަށް ފަހު ގެބްރީލް މާޓިނެއްލީ އުފާ ފާޅުކުރަނީ
އާސެނަލްއަށް ހަތް އަހަރު ފަހުން ސިޓީ ބަލިކުރެވިއްޖެ
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި އޮއްވާ ގެބްރީލް މާޓިނެއްލީ ޖަހާލި ލަނޑުން، ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މެންޗެސްޓަ ސިޓީގެ އަތުން އާސެނަލް، ރޭ މޮޅުވެއްޖެ އެވެ.
މިއީ އާސެނަލްގެ ކޯޗު އަދި ކުރިން ސިޓީގެ އެސިސްޓެންޓް ކޯޗަކަށް ހުރި މިކޭލް އާޓެޓާ އެންމެ ބޭނުންވި އެއް މޮޅެވެ. ޕްރިމިއަ ލީގުގެ ތަށި ހޯދަން ބޭނުން ނަމަ ސިޓީ ބަލިނުކޮށް ނުވާނެކަން އޭނާއަށް އެނގެ އެވެ. އެހެންކަމުން މިއީ އާސެނަލްގެ ފެންވަރާ މެދު އިތުބާރު ބޮޑުކޮށްދޭނެ މޮޅެކެވެ.
އާސެނަލް މިހާރު އޮތީ ސިޓީއަށް ވުރެ ދެ ޕޮއިންޓްގެ ކުރިއެއް ހޯދައިގެން، ތާވަލްގެ ދެވަނައިގަ އެވެ. އެއް ވަނާގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓާއި ލަނޑުގެ ތަފާތުން ވެސް އާސެނަލް އެއްވަރެވެ.
މާޓިނެއްލީގެ ލަނޑަކީ އަނިޔާއަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް، ފަހު ހާފުގައި ކުޅެން ނުކުމެ، އޭނާގެ އަމިއްލަ ނަފުސަށް ވެސް ހޯދައިދެވުނު ބޮޑު ޔަގީންކަމެކެވެ. ބްރެޒިލްގެ ގައުމީ ޓީމާއި އާސެނަލްއަށް ލަނޑެއް ނުޖެހި އޭނާ ވަނީ 12 މެޗު ހޭދަކޮށްފަ އެވެ.
ދެ ޓީމުގެ އަސްލު ފެންވަރަށް ބަލާއިރު ރޭގެ މެޗުގެ ކުޅުން އެހާ މޮޅެއް ނޫނެވެ. ނަމަވެސް ސިޓީގެ ލަނޑު މެޝިން، އާލިން ހާލެންޑްއަށް ގޮތެއް ހެދިޔަ ނުދީ ހިފެހެއްޓުން ކަހަލަ، ސިޓީއަށް ގިނަ ހަމަލާތަކެއް އުފެއްދިޔަ ނުދީ ހުރަސް އެޅުން ކަހަލަ، ރަނގަޅު އެތައް އިންތިޒާމެއް އާސެނަލްގެ ޓީމުން ފެނުނެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
ޓޮޓެންހަމް، ކުޅުނު 8، ޕޮއިންޓް 20
-
2-
އާސެނަލް، ކުޅުނު 8، ޕޮއިންޓް 20
-
3-
މެންޗެސްޓަ ސިޓީ، ކުޅުނު 8، ޕޮއިންޓް 18
-
4-
ލިވަޕޫލް، ކުޅުނު 8، ޕޮއިންޓް 17
-
5-
އެސްޓަން ވިލާ، ކުޅުނު 8، ޕޮއިންޓް 16
-
6-
ބްރައިޓަން، ކުޅުނު 8، ޕޮއިންޓް 16
ރޭ އާސެނަލްގެ ގޯލާ ދިމާލަށް ސިޓީއަށް ފޮނުވާލެވުނު ހަތަރު ބޯޅައަކީ، 2010ގެ ފަހުން އިނގިރޭސި ލީގު މެޗެއްގައި އެ ޓީމަށް އުފެއްދުނު އެންމެ މަދު ހަމަލާ އެވެ.
އާސެނަލްއަށް ސިޓީ އަތުން އެންމެ ފަހުން މޮޅުވެވުނީ ޑިސެމްބަރު 2017ގަ އެވެ. އޭގެ ފަހުން އާސެނަލް، ސިޓިއާ ދެކޮޅަށް ލީގުގައި 15 މެޗު ކުޅުނު އިރު އޭގެ ތެރެއިން ޖެހިޖެހިގެން 12 މެޗުން ބަލިވި އެވެ.
މިދިއަ ސީޒަންގެ ލީގު ޗެމްޕިއަންކަން ސިޓިީއަށް ލިބުނީ ލީގުގެ ބޮޑު ބައިގައި އާސެނަލް އެއް ވަނާގައި އޮވެ، ފަހު މެޗުތަކުން އެ މަގާމު ނުހިފެހެއްޓިގެންނެވެ.
ސިޓީއަށް މިހާރު އޮތީ ލީގުގައި ދެން ކުޅޭ މެޗުން މޮޅުވެ، ހަމަޔަކަށް އަޅުވާލުމެވެ. އެހެން ނޫނީ ޕެޕް ގާޑިއޯލާގެ ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވުން ކައިރި އެވެ.