ނޭޕާލު ކޮޅަށް ލަނޑު ޖެހުމަށް ފަހު އާދަމް ލަޔާން ރަޝީދު (19) އުފާ ފާޅުކުރަނީ

ނޭޕާލު އަތުން ތަފާތު ބޮޑުކޮށް ބަލިވެ، ސެމީއަށް ނުގޮސް ރާއްޖެ ކަޓައިފި

މިއީ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ކޮޅަށް ނޭޕާލުން ހަތަރު ލަނޑު ޖެހި ދެ ވަނަ މެޗު
25 ސެޕްޓެމްބަރު 2023

އަނެއްކާވެސް ހަމަ އެކަހަލަ ދުވަހެކެވެ. ސަރަހައްދުގެ އުމުރު ފުރައިގެ މުބާރާތެއްގައި ރާއްޖެއަށް ބޮޑު ނާކާމިޔާބީއެކެވެ.

ނޭޕާލުގައި މިހާރު ކުރިއަށް ދާ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި، އެއްވަރުވެގެން ވެސް ސެމީ ފައިނަލަށް ދެވެން އޮތް މެޗުގައި، ނޭޕާލު އަތުން ރާއްޖެ 4-1 އިން ބަލިވީ އެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ 1-1 އިން އެއްވަރުކުރުމުން ސެމީ ފައިނަލްގެ ފުރުސަތު، އޭގެ ކުރީގެ މެޗުގައި ޕާކިސްތާން އަތުން ބަލިވެފައި އޮތް ނޭޕާލަށް ވުރެ، ރާއްޖެ މާ ބޮޑަށް ހުޅުވުނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅާއި މެޗުގެ އެންމެ ފަހު މިނިޓްކޮޅުގެ ތެރޭގައި ނޭޕާލުން ޖެހި ހަތަރު ލަނޑުން ރާއްޖެއަށް ފުރުސަތު ގެއްލުނީ އެވެ.

ނޭޕާލުގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ރާއްޖޭގެ އަހުމަދު ޒަހާން ނަޒީރު (15) އާއި ޝަނާން ރަޝީދު ރަޝާދު މަސައްކަތްކުރަނީ (ފޮޓޯ/ސާފް)

ރާއްޖެއިން ދެ ވަނަ ހާފުގައި ނުކުމެ، 58 ވަނަ މިނިޓްގައި، އާދަމް ލަޔާން ރަޝީދު ޖެހި ރީތި ލަނޑާ އެކު، އިތުރު ހިތްވަރެއް ލިބުނެވެ. ނަމަވެސް އެއް މެޗެއްގައި ރަނގަޅަށް ކުޅެފައި އަނެއް މެޗެއްގައި އުއްމީދުކުރާ ވަރުގެ ކުޅުމެއް ނުދެއްކުމުގެ މަައްސަލަތައް ކުރިމަތިވެފައި އޮންނަ ރާއްޖޭގެ އުމުރު ފުރައިގެ ޓީމުތަކުން ހޯދަމުން ދާ ދަށް ނަތީޖާގެ ތެރެއަށް މިއަދުގެ މެޗު ވެސް މި ވަނީ ވަދެފަ އެވެ.

މިއީ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ނޭޕާލުން ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހި ދެ ވަނަ މެޗެވެ.

ރާއްޖެ އާއި ނޭޕާލު، ސާފްގެ 19 އަހަރުން ދަށުގެ ވާދަކުރުންތައް

  • 2017: ރާއްޖެ 0، ނޭޕާލު 2

  • 2019: ރާއްޖެ 1، ނޭޕާލު 1

  • 2022: ރާއްޖެ 1، ނޭޕާލު 4

  • 2023: ރާއްޖެ 1، ނޭޕާލު 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް