ޕާކިސްތާން ކޮޅަށް ރާއްޖެއިން ލަނޑު ޖެހި ކެޕްޓަން ޝަނާން ރަޝީދު ރަޝާދު ބޮލުން ޖަހަނީ: މި މެޗު ނިމުނީ 1-1 އިން އެއްވަރުގެން (ފޮޓޯ/ސާފް)

ޮާޕާކިސްތާނާ އެއްވަރުކޮށް ރާއްޖެއިން ސެމީގެ އުއްމީދު ބޮޑުކޮށްފި

ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށް އަންނަ ހޯމަދުވަހު
23 ސެޕްޓެމްބަރު 2023

ނޭޕާލުގައި މިހާރު ކުރިއަށް ދާ ސާފްގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ޕާކިސްތާނާ 1-1 އިން އެއްވަރުކޮށް، ސެމީ ފައިނަލްގެ ފުރުސަތު ރާއްޖެއިން ބޮޑުކޮށްފި އެވެ.

މި ނަތީޖާއާ އެކު ޕާކިސްތާން ވަނީ ހަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕުން ސެމީއަށް ދިޔަ ފުރަތަމަ ޓީމަށް ވެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާން މޮޅުވީ ނޭޕާލާ ކުޅެ 1-0 އިންނެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ އިން ނުކުތް ފުރަތަމަ 11. ދެ ވަނަ މެޗުގައި އަންނަ ހޯމަދުވަހު ބައްދަލުކުރާނީ ނޭޕާލާ (ފޮޓޯ/ސާފް)

މިއަދު ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުމެ، ފުރަތަމަ ހާފުގައި ކެޕްޓަން ޝަނާން ރަޝީދު ރަޝާދު 39 ވަނަ މިނިޓްގައި ޖެހި ލަނޑުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ނަމަވެސް ޕާކިސްތާންގެ ޝާހު ޖަހާން ވަނީ މެޗު ނިމެން އެންމެ ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.

އަންނަ ހޯމަދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު މެޗު އެއްވަރުވެގެން ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ރާއްޖެ ވަނީ 2019ގެ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެފަހަރު ސެމީގައި އިންޑިއާ އަތުން ބަލިވީ 4-0 އިންނެވެ. އެކަމަކު ތިން ވަނަ ހޮވި މެޗުގައި ބޫޓާން 1-0 އިން ބަލިކޮށް ތިން ވަނަ ޓީމުގެ ގޮތުގައި ރާއްޖެއިން މުބާރާތް ނިންމާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް