
ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މެންޗެސްޓަ ސިޓީގެ ޖޫލިއަން އަލްވަރޭޒް، ސްޓާ ބަލްގްރޭޑްގެ ކީޕަރު ކައިރިން ނައްޓާލާފައި ލަނޑު ޖަހަން ތައްޔާރުވަނީ
ގާޑިއޯލާގެ ވާހަކައަށް ހަމްދަރުދީއެއް ނެތަސް، ޓީމުގައި އަނިޔާގެ މައްސަލަ ހަމަ ބޮޑު
މެންޗެސްޓަ ސިޓީގައި މިހާރު އޮތީ އަނިޔާގެ މައްސަލައޭ ކޯޗު ޕެޕް ގާޑިއޯލާ ބުންޏަސް އޭނާގެ އެ ވާހަކައަށް ގިނަ ބަޔަކު ހަމްދަރުދީނުވެދާނެ އެވެ. ސިޓީގެ ބެންޗުގައި ވެސް ތިބޭނީ އެ ފެންވަރުގެ މޮޅު ކުޅުންތެރިން ކަމަށް ވާތީ އެވެ.
ނަމަވެސް ހަގީގަތަކީ ފުރަތަމަ 11ގައި ދަނޑަށް އަރުވަން ގާޑިއޯލާ ބޭނުން ކިތައްމެ ކުޅުންތެރިންނެއް މިހާރު ވެސް ތިބީ އަނިޔާގެ ސަބަބުން ދަނޑަށް ނޭރޭ ހާލަތުގައި ކަމެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ ހިމެނެ އެވެ. އޭގެ އިތުރުން ޖެކް ގްރީލިޝް އާއި މެޓެއޯ ކޮވަސިޗް އާއި ޖޯން ސްޓޯންސް ހިމެނެ އެވެ.
އެ ލިސްޓަށް ރޭ އިތުރުވީ ބާނާޑޯ ސިލްވާ އެވެ. ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅުނު ގްރޫޕް ފުރަތަމަ މެޗުގައި ސްޓާ ބަލްގްރޭޑް މައްޗަށް 3-1 އިން ކާމިޔާބު ހޯދި ނަމަވެސް ސިލްވާއަށް ލިބުނު އަނިޔާގެ މައްސަލަ ގާޑިއޯލާއަށް މާ ބޮޑެވެ.
ގާޑިއޯލާ ބުނީ ސިލްވާއަށް އަލުން ދަނޑަށް ނުކުންނަން ހަފުތާތަކެއް ބޭނުންވާނެ ކަމަށެވެ.
"އަހަރެމެން މި އޮތީ މައްސަލަގަނޑެއްގެ ތެރޭގައި، އެކަމަކު އަހަންނެއް ނުބުނާނަން 'އޯ، އަހަރެމެންނަށް އަނިޔާގެ ވަރަށް ގިނަ މައްސަލަ ދިމާވިއެކޭ'،" އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ކޯޗު ބުންޏެވެ.
"އަހަރެމެންނަށް ލިބިފައި ތިބި ކުޅުންތެރިންނާ އެކު ކުރިއަށް ދާނީ. ވިސްނުމަށް ބަދަލު ނާންނަ ނަމަ އެ އޮތީ ރަނގަޅަށް."
އޭނާ ބުނީ ނުލާހިކު މުހިންމު ފަސް ކުޅުންތެރިން އަނިޔާގައި ތިބުމާ އެކު ދިގު މުއްދަތެއް އެހެން ހޭދަވެއްޖެ ނަމަ އެއީ ސިޓީއަށް އޮތް މައްސަލައެއް ކަމަށެވެ.
ސިޓީން ވަނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި 240 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ދުވަހު ވުލްވްސްއިން 63 މިލިއަން ޑޮލަރަށް ގަތް މެތުއަސް ނުނޭޒް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. މިއީ އޭނާ ސިޓީއަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
ޗެމްޕިއަންސް ރޭގެ ބައެއް މެޗުތައް
ގްރޫޕް އެޗު
ބާސެލޯނާ 5
ރޯޔަލް އެންޓްވާޕް 0
ގްރޫޕް އެފް
ޕީއެސްޖީ 2
ބްރޫޝިއާ ޑޯޓްމުންޑް 0
އޭސީ މިލާން 0
ނިއު ކާސަލް 0