
ބައިނަލްއަގުވާމީ ފުޓްބޯޅާގައި އެންމެ ދިގު މުއްދަތެއްގައި ހިފެހެއްޓި ކުޅުންތެރިޔާ އެންޑޯރާގެ އިލްޑެފޮންސް ލީމާ
ދުނިޔޭގެ ރެކޯޑަށް ފަހު 43 އަހަރުގައި ކުޅުމާ ދުރަށް
ޔޫރަޕްގެ ކުޑަކުޑަ ގައުމެއް ކަމަށްވާ އެންޑޯރާގެ ގައުމީ ޓީމުގެ ދިފާއީ ކުޅުންތެރިޔާ އަދި ކުރީގެ ކެޕްޓަން އިލްޑެފޮންސް ލީމާ، އިއްޔެ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަކޮށްފި އެވެ.
އޭނާގެ އެންމެ ފަހު މެޗަކަށް ވީ ޔޫރޯގެ ކޮލިފިކޭޝަންގައި، ސްވިޓްޒަލެންޑްގައި އެ ގައުމާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވި މެޗެވެ. އެކަމަކު މެޗުގެ 23 ވަނަ މިނިޓްގައި އޭނާ ބަދަލުކުރި ވަގުތު ދަނޑުގައި ތިބި އެންމެން ކޮޅަށް ތެދުވެ، ވަދާއުގެ ސަލާންކުރި އެވެ.
އުމުރުން 43 އަހަރުގެ ލީމާއަކީ ބައިނަލްއަގުވާމީ ފުޓްބޯޅާގައި އެެންމެ ދިގު މުއްދަތެއްގައި ކުޅުނު ފިރިހެން ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުން 17 އަހަރުގައި 1997ގައި އެންޑޯރާގެ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން 26 އަހަރު ވީ އެވެ. ޖުމްލަ 137 މެޗު ކުޅެފައިވެ އެވެ.

ލީމާއަކީ އެންޑޯރާއަށް އެންމެ ގިނަ ލަނޑު ވެސް ޖަހައިދިން ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ 11 ލަނޑު ކަމިޔާބުކޮށްފަ އެވެ.
އާބާދީގައި އެންމެ 79،000 މީހުން ތިބި އެންޑޯރާއަކީ، ފުޓްބޯޅައަށް އެންމެ ވަރުގަދަ ޔޫރަޕްގައި މޮޅުވާ ގައުމެއް ނޫނެވެ. މިހާތަނަށް މޮޅުވެފައި ވަނީ އެންމެ ހަތް މެޗުންނެވެ.
މިހާރު ކުރިއަށްދާ ޔޫރޯގެ ކޮލިފިކޭޝަންގައި އޭނާ ބައިވެރިވުމުން ލީމާ ވެފައި ވަނީ އެ މުބާރާތުގައި ކުޅުނު އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ.
ކޮމެންޓް