ޔުވެންޓަސް އާއި ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ
ޕޮގްބާ މަނާ ބޭސް ބޭނުންކުރުމުގެ ތުހުމަތުގައި ވަގުތީ ސަސްޕެންޝަނަކަށް
މަނާ ބޭސް ބޭނުންކުރުމުގެ ތުހުމަތުގައި ޔުއެންޓަސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް ވަގުތީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިޓަލީގެ އެންޓި ޑޯޕިން ޓްރިބިއުނަލް، ނަޑޯއިން ޕޮގްބާގެ ޓެސްޓް ހެދީ 20 އޮގަސްޓްގައި އުދުނޭސީއާ ދެކޮޅަށް ޔުއެންޓަސް 3-0 އިން މޮޅުވި މެޗަށް ފަހު އެވެ. އެ މެޗުގައި ޕޮގްބާ އިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ރެންޑަމްކޮށް އޭނާގެ ޓެސްޓް ހެދުމުން ހަށިގަނޑުގައި ޓެސްޓޮސްޓެރޯންގެ މާއްދާ ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިކަން ވަނީ އެނގިފަ އެވެ.
ވަގުތީ ސަސްޕެންޝަނެއްގައި ހުންނަން ޖެހެނީ މައްސަލަ ބަލައި، އޭނާއަށް ދޭނެ އަދަބެއް ކަނޑައަޅަން ދެންނެވެ. މަނާ ބޭސް ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެ އެވެ.
ޓެސްޓޮސްޓެރޯންއަކީ ބުންވަރު ހިފަހައްޓައިދޭން އެހީތެރިވެދޭ މާއްދާއެކެވެ.
ނަޑޯއިން ހެދި ޓެސްޓްތަކުގެ ނަތީޖާއަށް ރައްދު ދޭން 30 އަހަރުގެ ކުޅުންތެރިޔާއަށް ތިން ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުއެންޓަސްއާ ޕޮގްބާ އަލުން ގުޅުނު ނަމަވެސް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މިދިއަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސަށް ނުކުޅެވުނީ ވެސް އަނިޔާއާ ހެދި އެވެ.
މި ސީޒަންގައި ވެސް ޕޮގްބާއަށް އަދި ފުލް މެޗެއް ކުޅޭކަށް ނުލިބެ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިހާތަނަށް އޭނާއަށް ކުޅެވިފައި ވަނީ އެންމެ 51 މިނިޓެވެ.