ބޫޓާންގައި މިހާރު ކުރިއަށްދާ ސާފްގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންޑިއާ ޓީމު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހުމަށް ފަހު. މިއަދު އޮތް ސެމީގައި އިންޑިއާ ވަނީ ރާއްޖެ 8-0 އިން ބަލިކޮށްފައި

އިންޑިއާ މާ ވަރުގަދަ، 8-0 އިން ރާއްޖެ ބަލިކޮށް ފައިނަލަށް

އިންޑިއާގެ ފަހު ހަ ލަނޑު އައީ ފަހު ހާފުގައި. ދިވެހި ކުޅުންތެރިންނަށް ހަމަލާއެއް އުފެއްދޭ ވަރު ވެސް ނުވި
8 ސެޕްޓެމްބަރު 2023

ބޫޓާންގައި ކުރިއަށްދާ ސާފްގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާގެ ފެންވަރު ދައްކާލައި، ރާއްޖެ 8-0 އިން ބަލިކޮށް ފައިނަލަށް ދަތުރުކޮށްފި އެވެ.

މިދިއަ ބުދަދުވަހު ބޫޓާން 3-2 އިން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ޓީމުގެ ފެންވަރާއި އިންޑިއާގެ ފެންވަރު އުޑާއި ބިމާހާ ތަފާތެވެ. މިއީ އުމުރު ފުރައިގެ މުބާރާތްތަކުގައި ރާއްޖެއަށް އަބަދުވެސް ދިމާވާ މައްސަލައެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއަށް ޖެހުނީ ދެ ލަނޑެވެ. އެކަމަކު ފަހު ހާފުގައި އިތުރު ހަ ލަނޑު ޖަހައި، ޖުމްލަ އަށަކަށް އެރުވި އެވެ. އޭގެ އިތުރުން ވެސް އިނޑިއާގެ ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލަށް އަމާޒުވި އެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އިންޑިއާގެ ހާފު ތެރޭގައި ވެސް ގެންގުޅެވުނީ މަދު ބޯޅަތަކެކެވެ.

މި ސަރަހައްދުގެ 16 އަހަރުން ދަށުގެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އިންޑިއާ އެވެ.

އިންޑިއާގެ ފުޓްބޯޅަ މިހާރު ތަރައްގީވަމުން އަންނަ ގޮތުން އުމުރު ފުރައިގެ ޓީމުތައް ފެންނަނީ މާ ތަފާތުކޮށެވެ. މި އަހަރު ކުރީކޮޅު އޮތް އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އިންޑިއާ އަތުން ބަލިވީ 5-0 އިންނެވެ.

އިންޑިއާއާ އެކު ފައިނަލްގައި ކުޅޭނެ ޓީމެއް އެނގޭނީ މިއަދު އޮންނަ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝްގެ ކުރިމަތިލުން ނިމުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް