
ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނެލް މެސީ، ދެ ކުޅުންތެރިން ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ބާސެލޯނާއަށް ކުޅުނު އިރު
މެސީއާ މެދު އޮތް ވާދަވެރިކަން މިހާރު ނެތިއްޖެ: ރޮނާލްޑޯ
އޭނާ އާއި ލިއޮނެލް މެސީގެ ސަބަބުން ދުނިޔޭގެ 'ފުޓްބޯޅައިގެ ތާރީހު ބަދަލުކުރެވިއްޖެ' ކަމަށާއި ނަމަވެސް ދެ މީހުންގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ނެތިއްޖެ ކަމަށް، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިން ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ މި ދެ ކުޅުންތެރިން، ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުންތަކުގައި އެކަކު އަނެކަކާ ދެކޮޅަށް ނުކުތް ނުކުތުން ދުނިޔޭގެ ފުޓްބޯޅަ މާޒީން ފޮހެއެއް ނުލެވޭނެ އެވެ.
"މުޅި ދުނިޔޭގައި އަހަރެމެންނަށް ވަނީ އިހުތިރާމް ލިބިފައި. އެންމެ މުހިންމު އެއްޗަކީ އެއީ،" ރޮނާލްޑޯ ބުންޏެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުން 2003ގެ ފަހުން މިފަހަރު ނޫނީ ރޮނާލްޑޯ އުނިވެފައެއް ނުވެ އެވެ. އެކަމަކު ފަސް ފަހަރަށް އެ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ 30 ކުޅުންތެރިންގެ ތެރޭގައި ނުހިމެނުނު އިރު މެސީ ވަނީ އެ ލިސްޓަށް އަރައިފަ އެވެ. އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ވަނަ ފަހަރަށް އެވޯޑް ހޯދުމުގެ ފުރުސަތު ވެސް ބޮޑީ މެސީއަށެވެ.

"މެސީ އޭނާގެ މަގު އޮތީ ކޮށާފައި، އަހަރެން އަހަރެންގެ ގޮތުގައި މިދަނީ ކުރިއަށް. އަހަންނަށް ފެނުނު ގޮތުން ވިއްޔާ އޭނާގެ ކަންކަން ވަރަށް ރަނގަޅަށް ދިޔައީ،" މިހާރު ސައުދީ އަރަބިއްޔާގެ އަލް-ނަސްރަށް ކުޅެމުން އަންނަ، 38 އަހަރުގެ، ފޯވަޑް ބުންޏެވެ.
"މީގައި މުހިންމީ އެކަމެއްގައި ދެމިތިބުން. އެމީހާގެ ކާމިޔާބީގެ ވާހަކަ ދެމިގެން ދާނެ."
ދެ ކުޅުންތެރިންގެ ދެމެދު އޮތް ވާދަވެރިކަމުގެ އެއް ބަޔަކީ ރުޅިވެރިކަންތޯ ސުވާލުކުރުމުން ރޮނާލްޑޯ ބުނީ އޭނާއަށް ސަޕޯޓްކުރާ މީހުން ކޮންމެހެން މެސީ ދެކެ ރުޅިއަންނަން ނުޖެހޭނެ ކަމަށެވެ.
"ވާދަވެރިކަމަކީ އެއީ ކަމަކަށް އަހަރެން ނުދެކެން،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ 15 އަހަރު ވަންދެން ދެ މީހުން ދެއްކި ކުޅުމުން ސަޕޯޓަރުން ހިތްހަމަޖައްސައި ދެވުނު ކަމަށެވެ. ދެ މީހުންނަކީ ރަހުމަތްތެރިން ނޫން ނަމަވެސް ޕްރޮފެޝަނަލް ހައިސިއްޔަތުން އެކަކު އަނެކަކަށް އިހުތިރާމް އޮންނަ ކަމަށް ވެސް، ބުންޏެވެ.
ކޮމެންޓް