މި އަހަރު އޮތް އޭއެފްސީގެ 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމު: މި އަހަރު ރާއްޖެއަށް ނުދެވުނީ 23 އަހަރުން ދަށުގެ މުބާރާތަށް

އެފްއޭއެމްއަށް 20،000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ، ދެން އޮންނަ މުބާރާތެއްގައި ބައިވެރިއެއް ވެސް ނުވެވޭނެ

މިއަދު ޗައިނާގައި ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނުން ރާއްޖެ ވަކިވީ ފަހު ވަގުތު ޓިކެޓް ހަމަނުޖެހިގެން
6 ސެޕްޓެމްބަރު 2023

ޗައިނާގެ ޑާލިއާންގައި މިއަދު ފަށާ އޭއެފްސީގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފޭޝަނުން ރާއްޖެ ފަހު ވަގުތު ވަކިވުމާ އެކު 20،000 ޑޮލަރު (308،400 ރުފިޔާ)ގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޭގެ އިތުރުން ދެން އޮންނަ 23 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

އޭއެފްސީގެ ގަވާއިދު ބުނާ ގޮތުން އެ ގައުމެއްގެ ފުރަތަމަ މެޗު އޮންނަ ތާރީހުގެ 30 ދުވަސް ކުރިން ވަކިވާ ނަމަ އަންނާނީ 10،000 ޑޮލަރުގެ ޖޫރިމަނާއެކެވެ. ނަމަވެސް މުބާރާތުން ވަކިވަނީ 30 ދުވަހަށް ވުރެ ކައިރިވެފައި އޮއްވާ ކަމަށް ވާ ނަމަ އެ ޖޫރިމަނާ 20،000 ޑޮލަރަށް ބޮޑުވެ އެވެ.

ގްރޫޕް ޖީގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅެން އޮތީ، އިންޑިއާއާ ދެކޮޅަށް، މިއަދު އެވެ. މުބާރާތަށް ނުދާ ގޮތަށް އެފްއޭއެމުން ހަމަޖެއްސީ އިއްޔެ އެވެ.

މާލީ ބޮޑެތި ދަތިތަކެއް އޮތް އެފްއޭއެމުން ބުނި ގޮތުގައި ޓިކެޓްގެ ކަންކަން ހަމަނުޖެހުނީ އެންމެ ފަހު ވަގުތު ފައިސާ ހޯދި ނަމަވެސް، ފުރަން ކުޑަތަންވެފައި އޮތުމުންނެވެ. އެވަރަށް އެއާލައިންތަކުން ކުއްލިއަކަށް ގޮނޑި ލިބެން ނެތް ކަމަށް އެފްއޭއެމުން ބުންޏެވެ.

މިދިއަ ޖޫން މަހު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު: ސީނިއަ ޓީމަށް މޮޅު ކުޅުންތެރިން ހޮވަން އޮންނަ ފުރުސަތަކީ އުމުރު ފުރައިގެ ޓީމުތައް -- ފޮޓޯ-އިމޭޖްސްއެމްވީ

'ދައުރު'އަށް އެނގިފައިވާ ގޮތުގައި 30 މެމްބަރުން ހިމެނޭ 23 އަހަރުން ދަށުގެ ޓީމުގެ ޓިކެޓަށް 500،000ރ އަރަ އެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ ރާއްޖޭގެ ޓީމު އެންމެ ލަސްވެގެން ވެސް މިދިއަ އާދިއްތަދުވަހު ފުރާނެ އެވެ.

އެފްއޭއެމުން ބުނީ ގައުމީ ޓީމުތަކުގެ ބޭރު ދަތުރުތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދޭ ކަމަށާއި އެގޮތުން އެފްއޭއެމުން ޓިކެޓަށް ޖެހޭ އަދަދުގެ ބައެއް ހޯދައި، އަނެއް ބައި ސްޕޯޓްސް މިނިސްޓްރީން ލިބޭނެ ކަމަށް ބެލި ކަމަށެވެ. ސަރުކާރުގެ އެ އެހީ ނުލިބުމުން ޓިކެޓްގެ މުޅި ހަރަދު ވެސް އަމިއްލައަށް ހޯދި ކަމަށް، ފުޓްބޯޅައިގެ މައި އިދާރާއިން ބުންޏެވެ.

މިއީ ފައިސާ ނެތިގެން އޭއެފްސީގެ މުބާރާތަކުން ރާއްޖެ، މި ފަހުގެ ތާރީހެއްގައި ވަކިވި ފުރަތަމަ ފަހަރެވެ.

މިހާރު ބޫޓާންގައި ކުރިއަށްދާ ސާފްގެ 16 އަހަރުން ދަށުގެ މުބާރާތަށް ވެސް ރާއްޖޭގެ ޓީމު ފޮނުވުނީ ކިރިޔާ އެވެ. ފުރަތަމަ ދުވަހު ޓީމު ފުރަން ވެސް ދިޔަ އެވެ. ނަމަވެސް ޓިކެޓް ހަމަނުޖެހުމުން އެނބުރި ދާން ޖެހުނީ ގެއަށެވެ.

މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރާއްޖެއަށް ސަރަހައްދީ މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް