
ދުނިޔޭގެ ރެކޯޑް މުގުރާލި ވޮލީ މެޗު ނެބްރަސްކާގައި ކުރިއަށް ދަނީ: މިއީ އެމެރިކާގެ ކޮލެޖް މުބާރާތުގެ މެޗެއް
ދުނިޔޭގެ ރެކޯޑް: އަންހެނުންގެ މި ވޮލީ މެޗު ބަލަން 92،003 މީހުން
މީގެ ކުރިން އަންހެނުންގެ ކުޅިވަރު އިވެންޓެއް ބަލަން ނުވަންނަހާ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގެ ނެބްރަސްކާގެ މެމޯރިއަލް ސްޓޭޑިއަމަށް، ވޮލީބޯޅަ މެޗެއް ބަލަން ރޭ ވަދެއްޖެ އެވެ.
އެމެރިކާގެ ކޮލެޖް ވޮލީބޯޅަ މުބާރާތުގެ މި މެޗުގައި ނެބްރަސްކާ ޔުނިވަސިޓީގެ ޓީމާއި އޮމަހާގެ ވާދަކުރުން ބަލަން 92،003 މީހުން ވަނެވެ. މިއީ މިދިއަ އަހަރު ބާސެލޯނާގެ ދަނޑުގައި، ޖަރުމަނުގެ ވޮލްފްސްބާގާއި ބާސެލޯނާގެ އަންހެން ޓީމު ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗު ބަލަން ވަން ދުނިޔޭގެ ރެކޯޑް އަދަދަށް ވުރެ ގިނަ މިންވަރެކެވެ. އެ މެޗު ބަލަން ވަނީ 91،648 މީހުންނެވެ.

"މިއީ ގަބޫލުކުރަން ދަތި ކަމެއް،" މެޗުން މޮޅުވި ނެބްރަސްކާގެ ކުޅުންތެރިއެއް ކަމަށްވާ އެންޑީ ޖެކްސަން ބުންޏެވެ.
އެމެރިކާގައި މިހާތަނަށް އަންހެނުންގެ ކުޅިވަރު ވާދަކުރުމެއް ބަލަން އެންމެ ގިނަ އަދަދަކަށް މީހުން ވަނީ 1999ގެ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ޗައިނާ އަތުން އެމެރިކާ މޮޅުވި މެޗަށެވެ. ކެލިފޯނިއާގައި ކުޅުނު މެޗު ބަލަން 90،185 މީހުން ވަދެފައިވެ އެވެ.
