ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބައިލެސް އޭނާގެ މަންމަ އެންޖެލިސް ބެޖާއާ އެކު
ދަރިއަށްޓަކައި ބަނޑުހައިހޫނުކަމުގައި ތިން ދުވަސް، މިހާރު ހޮސްޕިޓަލްގައި
އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ފޯވަޑަށް ދޮނެއް ދެއްވުމުން އެތައް ޕްރެޝަރަކާ ކުރިމަތިވެވަޑައިގެންނެވި ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބައިލެސްގެ މަންމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ރުބައިލެސްއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ހިތްހަމަނުޖެހި، އެއީ ބޭއިންސާފު އަމަލެއް ކަމަށް ގަބޫލުކޮށް ދަރިފުޅުގެ ހައްގުގައި މަންމަ އެންޖެލިސް ބެޖާ، ފައްޅިއަކަށް ވަދެ، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށިތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ. އެންމެ ފަހުން އޭނާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރަން ޖެހުނީ އެވެ.
ފައްޅިއަށް ވަންނަމުން ބެޖާ ބުނީ 'ވަކި މުއްދަތެއް ނެތި ދުވާލާއި ރޭގަނޑު ވެސް' އެ ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ރުބައިލެސްއާ ދެކޮޅަށް މިހާރު ހިންގަނީ އިންސާނިއްޔަތު ކަމެއް ނެތް އަމަލުތަކެކެވެ. އަދި އެއީ އޭނާގެ ދަރިފުޅަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ބުންޏެވެ.
ބެޖާ ހުރި ފައްޅީގެ އިސް އޮފިޝަލަކު ބުނީ ހޫނު ގަދަވުމާއި އެހެން ބައެއް ކަންކަމާ ހެދި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.
"ފައި ވެސް ދުޅަވެފައި ހުރީ އަދި އެހާމެ ބޮޑަށް ވަރުބަލި ވެސް ވެފައި. އޭގެ އިތުރުން އޭނާގެ ހާސްކަން ވެސް ބޮޑު،" އޮފިޝަލް ބުންޏެވެ.
ދޮން ދިނީ ރުހުމަކާ ނުލައި
ތަށި ހޯދި ސްޕެއިން ޓީމުގެ ފޯވަޑް ޖެނީ ހާމޯސޯ ބުނި ގޮތުން ނަމަ، ތަށި ދިނުމުގެ ރަސްމިއްޔާތުގައި އޭނާގެ ތުންފަތަށް ރުބައިލެސް ދޮން ދެއްވީ ރުހުމުގައެއް ނޫނެވެ. އެކަމަކު ރުބައިލެސް ވިދާޅުވީ އަވަސް ދޮނެއް ދެއްވީ އެކަމަށް އެދުމުން ކުޅުންތެރިޔާ 'އޯކޭ'އޭ ބުނުމުން ކަމަށެވެ.
މި މައްސަލާގައި އެންމެން ކަހަލަ ގޮތަކަށް ގެންދަނީ ރުބައިލެސްއަށް ފާޑުކިޔަމުން، އޭނާގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. ފީފާއިން ވަނީ އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާކަށް ރުބައިލެސް އަދި ތައްޔާރެއް ނޫނެވެ.