އިންގްލެންޑް ކެޕްޓަން ހެރީ ކޭން، ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކްއަށް ކުޅުނު ބުންޑަސްލީގާގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ބުންޑެސްލީގާ

ކޭން، ޖަރުމަން ލީގުގެ ފުރަތަމަ މެޗުގައި ބަޔާނަށް ލަނޑު ޖަހައިދީފި

ބަޔާންގެ ރެކޯޑް ފީއެއް ކަމަށްވާ 120 މިލިއަން ޑޮލަރަށް ކޭން ގެންދިޔައީ ލެވަންޑޮވްސްކީ ނެތް ތަން ފޫބައްދަން
19 އޯގަސްޓު 2023

ޓޮޓެންހަމް ހޮޓްސްޕާ އާއި އިންގްލެންޑް ކެޕްޓަން ހެރީ ކޭން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ އަގަކަށް ބަޔާން މިޔުނިކަށް ގެންދިޔައީ ސަބަބެއް އޮވެގެންނެވެ. އަދި އެކަން ރޭ، ބުންޑަސްލީގާގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ސާބިތު ވެސް ކޮށްދީފި އެވެ.

ވާޑާ ބްރެމެންއާ ދެކޮޅަށް ޗެމެޕިއަން ބަޔާން ނުކުމެ 4-0 އިން މޮޅުވި މެޗުގައި ކޭން ވަނީ ލަނޑެއް ޖަހައިފަ އެވެ. ޖަރުމަން ލީގުގައި އޭނާގެ ފުރަތަމަ ލަނޑެވެ.

ޓޮޓެންހަމް އިން ދޫނުކޮށް އެތައް ދުވަހެއް ވަންދެން ހިފެހެއްޓުމަށް ފަހު، ދެން ނޫނެކޭ ނުބުނެވޭނެ އަގެއް ލިބުމުން ދޫކޮށްލި ކޭން، ތޯމަސް ޓުޗެލް ކޯޗަކަށް ހުރި ބަޔާނަށް ގެންދިއުމުގެ މައިގަނޑު ސަބަބަކީ، ކުރިން އެ ޓީމުގެ ނަންބަރު 9 ޖާޒީގައި ލަނޑު ޖަހަމުން ގެންދިޔަ ރޮބަޓް ލެވަންޑޮވްސްކީ ނެތްތަން ފޫބެއްދުމެވެ.

ކޭންއަށް ބަޔާނުން ދިން އަގަކީ އެ ކްލަބްގެ ރެކޯޑް ފީއެކެވެ. ކޭން ކުޅެނީ ވެސް ނަންބަރު 9 ޖާޒީގަ އެވެ.

ރޭގެ މެޗުގެ ކުރިން ޓުޗެލް ބުނީ 'ކޭންގެ އަސަރު' ފެންނާނެ ކަމަށެވެ.

"މި މެޗު ކުޅެން އަހަރެން ކުޑަކޮށް ޖެހިލުން ވެސް ވި، ހަމައެހެން ވަރަށް އުފާ ވެސް ވި،" މެޗަށް ފަހު ކޭން، 30، ބުންޏެވެ.

ކޭން ޖަރުމަނަށް އައި ފަހުން ބަޔާން ކުޅުނު ފުރަތަމަ މެޗުގައި، ޖަރުމަން ސުޕާ ކަޕްގައި އާރުބީ ލެޕްޒިގް އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ކޭން ދަނޑަށް އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ރޭގެ މެޗުގައި ބަޔާން ވަނީ އެ ޓީމުގެ އަސްލު ފެންވަރު ދައްކާލައިފަ އެވެ.

ލަނޑު ޖެހުމުގެ އިތުރުން ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބުކުރަން ލެރޯއީ ސާނޭއަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ކޭން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް