ސާފް ޗެމްޕިއަންޝިޕްގެ ކުރިން މޮރިޝަސްގައި އޮތް ހަތަރު ގައުމު ވާދަކުރި ފުޓްބޯޅަ މުބާރާތުގެ މެޗެއް ނިމުނު ވަގުތު ޕާކިސްތާންގެ ކުޅުންތެރިންނާއި އޮފިޝަލުން ބެންޗު ކައިރީގައި
ޕާކިސްތާން ޓީމުގެ ވިސާ މައްސަލާގައި މެޗު ފަސްކުރުން އެކަށީގެންވޭ
ބުދަދުވަހު ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރަން އޮތް މެޗު ފަސްވުމުގެ ފުރުސަތު އޮތް ކަމަށް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ވަގުތު މޮރިޝަސްގައި ތިބި ޕާކިސްތާން ޓީމު އިންޑިއާއަށް އަންނަން އޮތީ އިއްޔެ އެވެ. އެކަމަކު ވިސާ ނުލިބުމުން މޮރިޝަސްގައި އެ ޓީމު ވަނީ ތާށިވެފަ އެވެ.
އޭއައިއެފްއެފްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ޕާކިސްތާން ޓީމަށް މާދަމާ ވިސާ ލިބޭނެ ކަމަށެވެ. މާދަމާ ލިބިގެން އަނެއް ދުވަހުގެ މެޗަށް އެ ޓީމަށް އެރިދާނެތޯ ސުވާލު އުފެދެ އެވެ.
"މެޗު އެހެން ތާރީހަކަށް ފަސްކުރުމުގެ ފުރުސަތު އެބަ އޮތް. އެކަމަކު އެއީ އެހެން ގޮތެއް ނެތިއްޖެއްޔާ،" އޭއައިއެފްއެފްގެ އޮފިޝަލް ވިދާޅުވި އެވެ.
އަންނަ ބުދަދުވަހު ހަވީރު އޮންނަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުވޭތާއި ނޭޕާލެވެ. ޕާކިސްތާނާއި އިންޑިއާގެ މެޗު އޮތީ އެރެ އެވެ. ނަމަވެސް ޕާކިސްތާން ޓީމަށް އިންޑިއާއަށް ދެވޭއިރު އެ މެޗަށް އަރަން އެކަށީގެންވާ ވަގުތު ނުލިބިއްޖެ ނަމަ، މެޗު ފަސްކުރުން ނޫން ގޮތެއް ނޯންނާނެ އެވެ.
މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ޓީމު މިހާރު ތިބީ ބެންގަލޫރުގަ އެވެ. ރާއްޖޭގެ ގްރޫޕްގައި ހިމެނޭ ބަންގްލަދޭޝް އާއި ބޫޓާން އަދި ލުބުނާން ވެސް ވަނީ އިންޑިއާއަށް ގޮސްފަ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗު ބުރާސްފަތިދުވަހުގެ ރޭ އޮންނާނީ ބޫޓާނާ ދެކޮޅަށެވެ.