މެންޗެސްޓަ ސިޓީގެ ކުޅުންތެރިން، ކޯޗު ޕެޕް ގާޑިއޯލާގެ ބެލުމުގެ ދަށުން، އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި އުފުލާލަނީ: މިއީ ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ސިޓީން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރު. (ފޮޓޯ/ރޮއިޓާސް)

ފުޓްބޯޅަ

މާދަމާއަކީ ފުޓުބޯޅައިގެ ބޮޑު ދުވަހެއް؛ މީޑިއާނެޓުން މެޗުތައް ބަލާލެވޭނެ

އެންމެ ބޮޑު ލީގުތަކުގައި މި ސީޒަންގައި ކުޅޭ އެންމެ ފޯރިގަދަ މެޗުތައް މާދަމާ ރޭ ކުޅޭނެ
27 މޭ 2023

ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ ލީގުތައް ނިމުމަކާ ގާތް ވެފައި ވާއިރު، މާދަމާ އަކީ ފުޓުބޯޅައަށް ފޯރި ހުންނަ ފަރާތްތަކަށް ހާއްސަ ދުވަހެކެވެ.

އެންމެ ބޮޑު ލީގުތަކުގައި މި ސީޒަންގައި ކުޅޭ އެންމެ ފޯރިގަދަ މެޗުތައް މާދަމާ ރޭ ކުޅޭނެ އެވެ. އެކި ލީގުތަކުގައި ކުޅޭ ފޯރިގަދަ މެޗުތަކެކޭ އެއްފަދައިން މާދަމާ ކުޅޭ މެޗުތައް ވެސް ދިވެހިންނާ ހަމައަށް މީޑިއާނެޓުން ގެނެސްދޭނެ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއިން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ހޯދާފަ އެވެ. ލީގުގެ އެއްވަނަ އާއި ދެވަނަ މެންޗެސްޓާ ސިޓީ އަދި އާސެނަލް އިން ކަށަވަރުކޮށްފައިވީ ނަމަވެސް، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބާކީ އިން ދެ ޖާގައަށް ތިން ޓީމަކުން ފަހު ދުވަހާ ހަމައަށް ވާދަކުރާނެ އެވެ. އެއީ ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި ލީޑްސް ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ސިޓީގެ ކުޅުންތެރިން އިލްކޭ ގުންޑޮގާން، ކަނާތުން ދެވަނައަށް،އަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ރޮއިޓާސް)
  • ނިއުކާސަލް ޔުނައިޓެޑުން މާދަމާ ނިކުންނާނީ މި ސީޒަނުގައި އެދެވިގެންވާ ކުޅުމެއް ނުދެއްކި ގަދަ ހަތަރެއްގެ ޖާގަ ގެއްލިފައިވާ ޗެލްސީއާ ދެކޮޅަށް

  • މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ 10ގައި އޮތް ފުލަމްއާ ދެކޮޅަށް ނިކުންނަ އިރު، ފަސްވަނައިގައި އޮތް ލިވަޕޫލް ވާދަ ކުރާނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާ ސައުތެމްޕްޓަންއާ

  • ޗެމްޕިއަން މެންޗެސްޓާ ސިޓީ މާދަމާ ބައްދަލުކުރާނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެންޓްފަޑްއާ

މި މެޗުތައް ނިމޭއިރު އިނގިރޭސި ޕްރިމިއާ ލީގުން އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅޭނެ ޓީމުތައް އެނގިގެންދާނެ އެވެ.

މި ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެ ގަޑިން 8:30ގަ އެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައް ވެސް މި ގަޑީގައި ކުޅޭނެ އެވެ.

ސްޕެނިޝް ލަ ލީގާ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާއިން ވަނީ ހޯދާފަ އެވެ.

ނަމަވެސް، ބާސެލޯނާއަށް ފަހު ޓޭބަލްގެ ދެވަނައިން ފެށިގެން ފަސްވަނައާ ހިސާބަށް ވާދަވެރިކަން ބޮޑެވެ. ދެވަނައިގައި އޮތް ރިއާލް މެޑްރިޑާއި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. އަދި ހަތަރުވަނަ އާއި ފަސްވަނައިގައި އޮތް ރިއަލް ސޮސިއެޑާޑް އަދި ވިލަރެއާލްއާ ދެމެދު ވެސް އޮތީ އެންމެ ފަސް ޕޮއިންޓުގެ ތަފާތެވެ.

16 އެޕްރީލް 2023 - ލަލީގާގައި  ކާޑިޒް ކޮޅަށް ލަނޑު ޖެހި ރެއާލް މެޑްރިޑްގެ ނަޗޯ، އުފާ ފާޅުކުރަނީ

މާދަމާގެ އެންމެ ފޯރިގަދަ މެޗަކަށް ވާނީ ގަދަ ހަތަރެއްގައި ހަނގުރާމަކުރަމުންދާ އެތުލެޓިކޯ މެޑްރިޑް އަދި ރިއަލް ސޮސިއަޑާޑް ބައްދަލުކުރާ މެޗެވެ. މިއީ މިވަގުތު ލީގުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ.

ޗެމްޕިއަން ބާސެލޯނާ ބައްދަލުކުރަނީ ޓޭބަލްގެ 12 ވަނައިގައި އޮތް މަޔޯކާއާ އެވެ.

ސްޕެނިޝް ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑް އަދި ސެވިއްޔާ ވެސް މި ދުވަހު ވާދަކުރާނެ އެވެ.

ސްޕެނިޝް ލަލީގާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެ ގަޑިން 10ގަ އެވެ. މި މެޗުތަކުގެ އިތުރުން، މި ލީގުގެ އެހެން މެޗުތައް ވެސް މި ގަޑީގައި ކުޅޭނެ އެވެ.

ފްރެންޗް ލީގް 1

ފްރާންސްގެ ފުޓުބޯޅަ ލީގުގެ ޗެމްޕިއަންކަން ވަރުގަދަ ޕީއެސްޖީން ވަނީ މި އަހަރު ވެސް ކާމިޔާބުކޮށްފަ އެވެ.

ޖުމްލަ 84 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ ޗެމްޕިއަންކަން ހޯދިއިރު، މި އަހަރުގެ ސީޒަންގައި ގަދަ ހަތަރެއްގައި ލެންސް ހިމެނުމަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމެކެވެ. ދެވަނައިގައި މިވަގުތު އޮތް ލެންސް އާއި ތިންވަނައިގައި އޮތް މާސޭގެ ދެމެދުގައި އޮތީ އެންމެ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

ހަތަރުވަނައިގައި އޮތް މޮނާކޯ އާއި ފަސްވަނައިގައި އޮތް ލިލްގެ ފަރަގު އެންމެ ދެ ޕޮއިންޓަށް ކުޑަވެފައިވުމަކީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދުމަށް ޓީމުތަކުން އިތުރަށް މަސައްކަތްކުރާނެ ސަބަބެކެވެ.

ޗެމްޕިއަން ޕީއެސްޖީ މާދަމާ ނިކުންނާނީ ސްޓްރަސްބޯއާ ދެކޮޅަށެވެ.

ލީގުގެ ހަވަނައިގައި އޮތް ރެނޭ އާއި ހަތަރުވަނައިގައި އޮތް މޮނާކޯގެ ކުރިމަތިލުން ވެސް ފޯރިގަދަވާނެކަން ޔަގީނެވެ. މާ ބޮޑު ފަރަގެއް ނެތުމުން ރެނޭ ވެސް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި މި މެޗުން މޮޅުވުމަށް މަސައްކަތް ކުރާނެ އެވެ.

މާދަމާ ފްރާންސް ލީގުގެ ހުރިހާ މެޗެއް ކުޅޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. ޗެމްޕިއަން ކަށަވަރުވެފައިވީ ނަމަވެސް، މި ލީގުގައި މާދަމާ ކުޅޭ ހުރިހާ މެޗެއް ވެސް ފޯރިގަދަވާނެކަން ޔަގީނެވެ.

އިޓާލިއަން ސެރިއާ

ވަރުގަދަ އޭސީ މިލާން 33 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އިންޓަ މިލާން އަދި ޔުވެންޓަސް ފަހަތަށް ޖައްސާލުމަށް ފަހު ނަޕޯލީ އިން ވަނީ އިޓާލިއަން ސެރިއާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ލީގުގެ ދެވަނައިގައި ޔުވެންޓަސް އޮތް ކަމުގައި ވިޔަސް ދެވަނައިން ފަށައިގެން ހަވަނައާ ހިސާބަށް އޮތް ޕޮއިންޓް ފަރަގު ކުޑަވުމުން ގަދަ ހަތަރެެއްގެ ޖާގައަކަށް ޓީމުތަކުން ރަނގަޅު ވާދައެއް ކުރާނެކަން ޔަގީނެވެ.

މާދަމާ ޗެމްޕިއަން ނަޕޯލީ ނިކުންނާނީ ލީގުގެ ނުވަވަނައިގައި އޮތް ބޮލޯނާއާ ދެކޮޅަށެވެ. މި މެޗު ފެށޭނީ ރާއްގެ ގަޑިން ރޭގަނޑު 6ގަ އެވެ.

މާދަމާގެ އެންމެ ފޯރިގަދަވާނެ މެޗެއް ކަމުގައި ބެލެވެނީ އިޓަލީ ފުޓުބޯޅައިގެ ގަދަ ދެ ބާރު ޔުވެންޓަސް އަދި އޭސީ މިލާނުގެ ކުރިމަތިލުމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 11:45ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް