ފެބްރުއަރީ މަހު މާލޭގައި އޮތް ފޯ ނޭޝަންސް ކަޕްގައި މެލޭޝިއާ ކުޅުންތެރިއެއްގެ ހަމަލާ، ރާއްޖޭގެ ދެ ކުޅުންތެރިޔަކު ބްލޮކްކުރަނީ: ރާއްޖޭގެ ޓީމުގައި ހުނަރުވެރި ކުޅުންތެރިން ހިމެނޭ

ވޮލީބޯޅަ

ތިން މެޗުން ވެސް އަންހެން ޓީމު ބަލި، މައްސަލައަކީ ފިޓްނަސް

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ފިޓްނަސްއަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ
25 މޭ 2023

ނޭޕާލުގައި ރޭ އަވަށްޓެރި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ގައުމީ ޓީމު ކުޅުނު މެޗުގެ ފަހު ސެޓްގައި އެހާ ވާދަކޮށް، މޮޅުވަން ވެސް ދަނިކޮށް، އެވީ ގޮތުން ދިވެހިންނަށް ލިބުނީ ހިތާމައެކެވެ. ލަންކާއިން 26-24 އިން ސެޓް ކާމިޔާބުކޮށް، ސީދާ ތިން ސެޓުން ރާއްޖެ ބަލިކުރީ އެވެ.

ރާއްޖޭގެ އަންހެން ޓީމަށް މި ދިމާވި މައްސަލައިގެ އަސްލު ސަބަބަކީ ކޮބައި ހެއްޔެވެ؟ ޖަވާބަކީ ފިޓްނަސް އެވެ. ބައެއް ކުޅުންތެރިންގެ ހަށިގަނޑު ވަނީ، ވޮލީ ފަދަ ކުޅިވަރެއްގައި އެ ފެންވަރުގެ ކުޅުންތެރިން ތިބެން ޖެހޭ ވަރަށް ވުރެ މާ ބަރުހަލިވެފަ އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި މީގެ ކުރިން ކަޒަކަސްތާނާއި އުޒުބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެހެންކަމުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ މި ވަނީ ކަޓައިފަ އެވެ.

މައްސަލައަކީ ބަލިވުމެއް ނޫނެވެ. މައްސަލައަކީ، މި ޓީމަށް އިތުރު ތަމްރީނާއި މެޗު ތަޖުރިބާ ހޯދައިދޭން، ފޯ ނޭޝަންސް ކަޕްގެ ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބާއްވައި، އޭގެ ފަހުން ލިބުނު ތިން މަސް ދުވަހުގެ ތެރޭގައި ވެސް، ބައެއް ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ނުކުރެވުމެވެ.

އެ މުބާރާތުގެ އަންހެން ބައިގައި ވާދަކުރަން މެލޭޝިއާ އާއި ސިންގަޕޫރުގެ ގައުމީ ޓީމު ރާއްޖެ ގެނަ އެވެ. ކާވާ ޗެލެންޖް ކަޕް ވިސްނުމުގައި ބާއްވައިގެން ސަރުކާރުން މުޅި އެ މުބާރާތަށް އެހާ ބޮޑު ހަރަދެއް ކޮށްފައި ވަނިކޮށް، އޭގެ ދެތިން މަސް ފަހުން ޓީމުގެ ފިޓްނަސް ލެވެލް ހުރި ފެންވަރުން، ގައުމީ ޓީމުތައް ތައްޔާރުވާ ގޮތް ބަލާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް އުފައްދަން ޖެހޭ ހިސާބަށް މި އޮތީ ގޮސްފަ އެވެ.

ކާވާ ޗެލެންޖް ކަޕްގެ ތިން މެޗަށް ބަލައިލާ އިރު، ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެ ކިބާގައި ވޮލީ ކޯޓަކަށް ނުކުންނަ އިރު ތިބެން ޖެހޭނެ ފިޓްނަސް ހުރި ނަމަ، ބަލިވި ނަމަވެސް، ވަރަށް ވާދަވެރި ކުޅުމެއް ދެއްކުނީހެވެ. ރާއްޖޭގެ ޓީމުގައި މޮޅު، ހުނަރުވެރި އެތައް ކުޅުންތެރިންނެއް ހިމެނެ އެވެ.

ރާއްޖޭގެ އެތެރޭގެ މުބާރާތްތަކުގައި ކުޅެން އައި ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ލަންކާ އަތުން ރާއްޖެ ރޭ ބަލިވީ 25-18 ،25-13 ،26-24 އިންނެވެ. އުޒުބަަކިސްތާނާއި ކަޒަކަސްތާންގެ ފެންވަރު އަދި މާ މައްޗެވެ.

ރާއްޖެއަށް ދެން އޮތީ ދެ ގްރޫޕުން ސެމީ ފައިނަލަށް ނުގޮސް ކެޓި ޓީމުތަކުގެ މެދުގައި ކުޅޭ ރޭންކިން ބުރެވެ. އެގޮތުން މިއަދު ކިރިގިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭނެ އެވެ.

ރާއްޖޭގެ އަންހެން ޓީމުގެ ކުރިމަގު މިހާރަށް ވުރެ ރަނގަޅުވުމުގެ ފުރުސަތު އެބަ އޮތެވެ. ކާވާ ޗެލެންޖް ކަޕަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ގެނައި ތައިލެންޑް ކޯޗުގެ ބެލުމުގެ ދަށުން ކުޅުންތެރިން އެހެން ލެވެލްއަކަށް ގެންދެވިދާނެ ކަމަށް، ވޮލީބޯޅައިގެ ބައެއް މީހުން ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް