
އާސެނަލްގެ ކުޅުންތެރިން ދަނޑު މަތީގައި: ޕްރިމިއަ ލީގު ހޯދުމުގެ ހުރިހާ ފުރުސަތެއް ވަނީ ގެއްލިފައި
އާސެނަލް ބަލިވުމާ އެކު މެންޗެސްޓަ ސިޓީ ޕްރިމިއަ ލީގުގެ ޗެމްޕިއަނުންނަށް
މިދިއަ މަހު ގެއްލުނު ތިން މެޗާ އެކު އަތުން ނަސީބު ދޫވި އާސެނަލް މިރޭ ނޮޓިންހަމް ފޮރެސްޓްއާ ކުޅެ ބަލިވުމުން އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން، ޓީވީން މެޗު ބަލަން ތިބި، މެންޗެސްޓަ ސިޓީއަށް ލިބިއްޖެ އެވެ.
ސިޓީއަށް ކުރިއަށް ތިން މެޗު އޮއްވާ އާސެނަލްގެ ނަތީޖާތަކުން ތަށި ކަށަވަރުވުމަކީ، ޕްރިމިއަ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ތިން ފަހަރު ތަށި ހޯދި ފުރަތަމަ ޓީމަށް ވެސް ސިޓީ ވުމެވެ.
ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގައި ޓައިވޯ އަވޯނިޔީ ޖެހި ހަމައެކަނި ލަނޑުން ފޮރެސްޓް މޮޅުވުމަކީ ރެލިގޭޝަނުން ސަލާމަތްވެ، ޕްރިމިއަ ލީގުގައި ދެމިތިބެވުނުކަން ކަށަވަރު ވެސް ވި ނަތީޖާއެކެވެ. މިއީ 26 އަހަރުގެ ތެރޭގައި ޖެހިޖެހިގެން ދެ ސީޒަންގައި ފޮރެސްޓްއަށް ހޭދަކުރެވޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
މެންޗެސްޓަ ސިޓީ، ކުޅުނު 35، ޕޮއިންޓް 85
-
2-
އާސެނަލް، ކުޅުނު 37، ޕޮއިންޓް 81
-
3-
ނިއުކާސަލް، ކުޅުނު 36، ޕޮއިންޓް 69
-
4-
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 36، ޕޮއިންޓް 69
-
5-
ލިވަޕޫލް، ކުޅުނު 37، ޕޮއިންޓް 66
ޕެޕް ގާޑިއޯލާގެ ސިޓީން ކުރިއަރައި އެދަނީ ޕްރިމިއަ ލީގުގެ ރެކޯޑްތައް ހަދަމުން އެކަންޏެއް ނޫނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގޮސްފައި އޮތުމާއި އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ވެސް ކުޅޭނެތީ، 1999ގެ ފަހުން އެއް ސީޒަނެއްގައި ތިން ތަށި ހޯދި ފުރަތަމަ ޓީމަށް ވުމުގެ މަގު ވެސް އޮތީ ބޮޑަށް ހުޅުވިފަ އެވެ. އެ އަހަރު އެ ޝަރަފު ލިބިގަތީ ޔުނައިޓެޑެވެ.

ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން އާސެނަލްއަށް ފުރުސަތު ލިބުނަސް، ޕްރިމިއަ ލީގުގައި މުޅި ސީޒަންގައި ދަމަހައްޓަމުން އައި އެއް ވަނަ، އެންމެ ދޮޅުމަސް ތެރޭގައި ގެއްލި، އަދި 19 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބި، އަތުން ދޫވުމަކީ ހިތްދަތިކަމެކެވެ.
މިރޭ މެޗުން އާސެނަލް މޮޅުވި ނަމަވެސް ތަށި ހޯދުމުގެ ބާރު އަމިއްލަ އަތުގައި ނެތެވެ. ތާވަލްގެ 12 ވަނާގައި އޮތް ޗެލްސީ އަތުން މާދަމާ ރޭ ސިޓީ މޮޅުވެގެން ވެސް ތަށި ދިފާއުކުރެވޭނެ އެވެ. އެކަމަކު އޭގެ ކުރިން އާސެނަލް މެޗު ބަލަން ތިބެގެން މިރޭ ސިޓީއަށް އޮތީ އުފާކުރުމެވެ.
އެޕްރީލް މަހު އާސެނަލް އަތުން ކޮންޓްރޯލް ގެއްލުނީ ލިވަޕޫލް އާއި ވެސްޓް ހެމް އަދި ތާވަލްގެ ފުލުގައި އޮތް ސައުތެމްޓަންގެ މެޗުތައް އެއްވަރުވުމާއި ސިޓީ އަތުން 4-1 އިން ބަލިވުމުންނެވެ. އޭގެ ފަހުން މިދިއަ ހަފުތާގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-0 އިން ބަލިވުމާ އެކު ހުރިހާ ކޮންޓްރޯލެއް ބީވި އެވެ.
އާސެނަލް އިން އަހަރު ފެށީ ތާވަލްގެ ކުރީގައި ހަތް ޕޮއިންޓްގެ ތަފާތެއްގައި އޮވެގެންނެވެ.