ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ބަލިވެފައި އޮތް ވަގުތުކޮޅު އާސެނަލްގެ ކުޅުންތެރިން ވާހަކަ ދައްކަނީ. އެޕްރީލް މަހު އާސެނަލްއަށް ގިނަ ޕޮއިންޓްތަކެއް ގެއްލުނު

ޕްރެމިއަ ލީގު

އާސެނަލްގެ އުއްމީދު ފެނަށް، ސިޓީއަށް ތަށި ގާތްގަނޑަކަށް ކަށަވަރު

ސީޒަންގެ ބޮޑު ބައިގައި ތާވަލްގެ އެއް ވަނަ ދެމެހެއްޓި އާސެނަލްގެ ބަދުނަސީބު ކުރިމަތިވީ އެޕްރީލް މަހު
15 މޭ 2023

ޕްރިމިއަ ލީގުގެ ބޮޑު ބައިގައި ތާވަލްގެ އެއްވަނަ ދެމެހެއްޓިޔަސް، އެޕްރީލް މަހުން ފެށިގެން ގެއްލުނު ޕޮއިންޓްތަކާ އެކު އާސެނަލްއަށް ކުރިމަތިވި ބަދުނަސީބުގެ ނިމުން ރޭ އަމިއްލަ ދަނޑުގައި އައީ ވަރަށް ހިތިކޮށެވެ؛ ލީގު ހޯދަން ބަލިނުވެ ދަމަހައްޓަން ޖެހޭ ނަތީޖާގެ ބަދަލުގައި ބްރައިޓަން އަތުން 3-0 އިން ބަލިވުމުގެ މާނައަކީ ހުވަފެން ފެނަށް ވުމެވެ.

މި މުހިންމު މެޗަށް އާސެނަލް ނުކުތުމުގެ ކުޑައިރުކޮޅެއް ކުރިން މެންޗެސްޓަ ސިޓީ ވަނީ އެވަންޓަންގެ ދަނޑުގައި 3-0ގެ ކާމިޔާބީއެއް ހޯދައިފަ އެވެ. އެވަޓަން އަތުން މޮޅުވާން އުނދަގުވާނެ ކަމަށް ބެލެވުނަސް، ތަފާތު ފެންވަރެއްގައި ކުޅެމުން އަންނަ އެންމެ ފަހުގެ ޗެމްޕިއަން ތިން ޕޮއިންޓް ކަށަވަރުކުރީ ހަމަޖެހިލައިގެން ތިބެ އެވެ.

ސިޓީގެ ކުރިއަށް އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް ލީގު ދިފާއުކުރެވުނީ އެވެ. އާސެނަލްއަށް ކިރިޔާވެސް ފުރުސަތެއް އޮތީ، އެ ތިން މެޗުން ސިޓީ ބަލިވެ، އާސެނަލްގެ ދެ މެޗުން މޮޅުވުމެވެ.

އެވަރުގެ ތަފާތު، ހައިރާންކުރުވަނިވި، އަދި ތާރީހުގައި ވެސް ނުދެކޭ ފަދަ ނަތީޖާއެއް ނުކުތުން ވަރަށް ދުރެވެ. އެހެންކަމުން 2004އަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދުމުގެ އުއްމީދު އެންމެ ބޮޑުވި ސީޒަން އާސެނަލް ނިންމާލަން މި ޖެހުނީ ދެ ވަނައިގަ އެވެ.

މައްސަލައަކީ އެޕްރީލް މަހު ގެއްލުނު ޕޮއިންޓްތަކެވެ. އަށް ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން އައިސް އެޕްރީލް މަހު ނުވަ ޕޮއިންޓް ގެއްލުނެވެ. އެހާ ހިސާބުން ސިޓީ ތާވަލްގެ ކުރިއަށް އެރި އެވެ.

އެކަމަކު މިކޭލް އާޓެޓާގެ ކޯޗުކަމުގައި މިއީ އާސެނަލްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ކަށަވަރުވި އެވެ. އަދި އާސެނަލްއަކީ ލީގުގެ އެންމެ ހަގު ޓީމު ވެސް މެ އެވެ.

ރޭގެ ތިން ލަނޑު ވެސް އައީ ފަހު ހާފުގަ އެވެ. ފުރަތަމަ ހާފުގައި އާސެނަލް ވަރަށް ރަނގަޅަށް ކުޅުނެވެ. ނަމަވެސް ބްރައިޓަންގެ ލަނޑާ އެކު ޓީމު ގާތްގަނޑަކަށް ރޫޅުނީ އެވެ.

އާޓެޓާ ބުނީ އަމިއްލަ ދަނޑުގައި ނުކުތް މި ނަތީޖާއާ މެދު ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

"މިދިއަ ހަފުތާގައި ނިއުކާސަލް ދަނޑުގައި ކުރިމަތިވި ޗެލަންޖަށް ވުރެ މިއަދުގެ ޗެލެންޖް މާ ބޮޑު،" އާޓެޓާ ބުންޏެވެ.

"އަހަރެމެންގެ ސަޕޯޓަރުންގެ ކިބައިން މިއަދު މައާފަށް އެދެން ޖެހޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް