5 މޭ 2023 - ރޭގެ މެޗުގެ ފަހު ކަށިކަނޑާ އެކު ނަޕޯލީގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާފައި. ފޯވަޑް ވިކްޓާ އޮސިމްހެން، ސަޕޯޓަރުންގެ ތެރެއިން ގެންދަނީ. އޭނާ ވަނީ ލީގުގައި 11 ލަނޑު ޖަހާފައި

ނަޕޯލީ

ލީގުގެ ތަށި ނުލިބި ދިޔަ 33 އަހަރުގެ ހުސްކަމަށް ނިމުން އައިސް މުޅި ނަޕޯލީ ރައްޔިތުން އުފަލުން ފޮޅިއްޖެ

އެންމެ ފަހުން ނަޕޯލީއަށް އިޓަލީ ލީގު ކާމިޔާބުކުރެވުނީ 1990ގައި ޑިއެގޯ މެރަޑޯގެ މޮޅު ކުޅުމާ އެކު
5 މޭ 2023

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއެގޯ މެރަޑޯނާގެ މޮޅު ކުޅުމުގައި ނަޕޯލީއަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ލިބުނު ފަހުން ކުރިމަތިވި 33 އަހަރުގެ ހުސްކަން ރޭ ބޮޑު އުފަލަކަށް ބަދަލުކޮށްލައިފި އެވެ. ރަށުން ބޭރުގައި އުދުނޭސީއާ ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ އެކު ލީގު ޗެމްޕިއަންކަން ނަޕޯލީއަށް ކަށަވަރުވީ އެވެ.

މި ހާއްސަ ވަގުތަށް މުޅި ސިޓީ ތައްޔާރުވަމުން އަންނަތާ އެތައް ދުވަހެކެވެ. މިދިއަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެގެން ވެސް ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އޮތެވެ. މުޅި ސްޓޭޑިއަމް، ނޫ ކުލައިން ފުރުނެވެ. އެކަމަކު ބޭނުންވާ ދެ ޕޮއިންޓްގެ ބަދަލުގައި އެ މެޗު އެއްވަރުވެ، އިތުރު މެޗަކަށް އިންތިޒާރުކުރަން ޖެހުނީ އެވެ.

ނަޕޯލީގެ ގޯޅިގަނޑެއްގައި ޓީމުގެ ކުޅުންތެރިންގެ އަސްލު އިސްކޮޅަށް ހަދާފައި ހުރި ފޮޓޯތަކެއް

ރޭގެ މެޗު ބަލަން ނަޕޯލީގެ 10،000 ސަޕޯޓަރުން އުދިނޭސީ ސްޓޭޑިއަމަށް ދިޔަ އެވެ. އޭގެ އިތުރުން މިހާރު މެރަޑޯނާގެ ނަމުން ނަން ދީފައި ހުރި ނަޕޯލީގެ އަމިއްލަ ސްޓޭޑިއަމަށް ވެސް، އެތައް ހާސް ބަޔަކު ވަދެ، ޓީވީން މެޗު ބަލައި، އުފާ ފާޅުކުރި އެވެ.

ނަޕޯލީގެ މަގުތަކުގައި ރޭ އޮތީ އެ ޝަރަފު ފާހަގަކޮށް، ޕާޓީ ބޭއްވުމެވެ.

ނަޕޯލީއަށް އިޓަލީ ލީގު ކާމިޔާބުކޮށްދިނުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔާ ނައިޖީރިޔާގެ ފޯވަޑް ވިކްޓާ އޮސިމްހެން

ކުރިއަށް އަދި ފަސް މެޗު އޮއްވާ ނަޕޯލީން މި ކާމިޔާބީއާ ހަމައަށް ދިޔައީ 52 ވަނަ މިނިޓްގައި ޓީމުގެ އެންމެ މުހިންމު ފޯވަޑް ނައިޖީރިޔާގެ ވިކްޓާ އޮސިންހެމް ޖެހި ލަނޑުންނެވެ. މިއީ ލީގުގައި އޭނާ ކުޅުނު 26 މެޗުގައި ޖެހި 21 ވަނަ ލަނޑެވެ.

މި މޮޅުން ނަޕޯލީގެ ޕޮއިންޓްގެ ޖުމްލަ ވަނީ 80 އަށް އަރައިފ އެވެ. މިއީ ދެ ވަނާގައި އޮތް ލާޒިއޯއަށް ވުރެ 16 ޕޮއިންޓްގެ އިތުރު އަދަދެކެވެ. ކުރިއަށް އޮތް ފަސް މެޗުން ލާޒިޔޯ މޮޅުވިޔަސް ލިބޭނީ ގިނަވެގެން 15 ޕޮއިންޓެވެ.

ޑިއެގޯ މެރަޑޯނާގެ ހަނދާންތަކާއި ނަޕޯލީގެ ނޫ ކުލައިގެ ފޮތިތަކުން މަގެއް ރީތިކޮށްލާފައި. ނަޕޯލީއަށް އިޓަލީ ލީގު 1987 އާއި 1990ގައި ކާމިޔާބުކޮށްދިނީ މެރަޑޯނާ
ނަޕޯލީގެ މަގެއް، ކުޅުންތެރިންގެ ފޮޓޯ އާއި ޖާޒީތަކުން ޒީނަތްތެރިކޮށްފައި

ނަޕޯލީއަށް މީގެ ކުރިން އިޓަލީ ލީގު ކާމިޔާބުކުރެވުނު ދެ ފަހަރު ވެސް މޭސްތިރިއަކީ މިހާރު މަރުވެފައިވާ މެރަޑޯނާ އެވެ. އޭނާ އެންމެ ފުރަތަމަ ނަޕޯލީއަށް އިޓަލީ ލީގު ކާމިޔާބުކޮށްދިނީ، 1986ގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިންތާ އަހަރެއް ފަހުން 1987ގަ އެވެ. އަދި 1990ގައި އަލުން އެ ކާމިޔާބު ތަކުރާރުކުރި އިރު، އެ ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ވެސް އާޖެންޓީނާ ގެންގޮސްދިނީ މެރަޑޯނާ އެވެ.

އޭގެ ފަހުން މިދިއަ 33 އަހަރުގެ ތެރޭގައި ނަޕޯލީ ވަނީ ވަރަށް ހިތްދަތި ތަޖުރިބާތައް ކޮށްފަ އެވެ. އޭގެ ތެރޭގައި މާލީ މައްސަލަތަކާއި ކްލަބް ބަނގުރޫޓުވުމާއި 2006ގައި އިޓަލީގެ ތިން ވަނަ ޑިވިޒަނަށް ރެލިގޭޓް ވުން ވެސް ހިމެނެ އެވެ. ނަމަވެސް 64 އަހަރުގެ ކޯޗު ލުޗިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން މުޅިން އާ ތަރިންތަކެއް ވަނީ އުފައްދައިފަ އެވެ.

"ނަޕޯލީގެ ރައްޔިތުންގެ އެ އުފާވެރިކަން ފެނުނީމާ ވެސް ހިތްހަމަޖެހުން އެބަ ލިބޭ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސްޕަލެއްޓީ ބުންޏެވެ.

"އެކަހަލަ އުފާވެރިކަމެއް އެމީހުންނަށް ގެނެސްދެވުނުކަން އިހުސާސްކުރެވުމަކީ ވެސް ސިކުނޑިއަށް ހަމަޖެހުމެއް."

އޮސިމްހެން ބުނީ މިހާ ބޮޑު އުފަލެއް ނަޕޯލީއަށް ހޯދައިދެވުމަކީ އެހާ އަވަހަށް ހަނދާނުން ފޮހެލެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

"މުޅި އުމުރަށް އަހަރެމެންގެ ހިތުގައި މި ހަނދާން ރައްކާކުރެވިފައި އޮންނާނެ،" އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް