ގައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މާޒިޔާ އިން ރޭ ތަށި އުފުލާލަނީ. ތަށި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --ފޮޓޯ/މާޒިޔާ
އައިސަމްގެ ދެ ލަނޑުން ޕްރެޒިޑެންޓްސް ކަޕްގެ ތަށި މާޒިޔާއަށް ހޯދައިދީފި
ހުނަރުވެރި ފޯވަޑުން ތިއްބާ މާޒިޔާއަށް މެޗު ކާމިޔާބުކޮށްދޭ އެއް ކުޅުންތެރިޔަކީ އިބްރާހިމް އައިސަމް ކަން، މުޅި މުބާރާތުގައި ވެސް ސާބިތުކޮށްދިނުމަށް ފަހު، ރޭ ޕްރެސިޒެންޑްސް ކަޕް، އެ ޓީމަށް ހޯދައިދީފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ދެ ހާފުގެ އިތުރު ވަގުތުގައި އޭނާ ޖެހި ދެ ލަނޑުން، 2-0 އިން އީގަލްސް ބަލިކޮށް މާޒިޔާ މި ތަށި ހޯދުމަކީ، މިދިއަ އަހަރު އަލިފުށީގައި އޮތް ފޯރިގަދަ ފައިނަލް މެޗުގައި ވެލެންސިއާ އަތުން 2-1 އިން ބަލިވުމުގެ ހިތާމަ ފިލުވާލުމެވެ.
މާޒިޔާގައި ރާއްޖޭގެ ގައުމީ ޓީމުގެ ހުނަރުވެރި ފޯވަޑުން ކަމަށްވާ ހަސަން ރާއިފް އަހުމަދާއި ހަމްޒާ މުހައްމަދު (ހަމްޓޫ) އާއި ނާއިޒް ހަސަން (ދާދު) ފަދަ ކުޅުންތެރިން ވެސް ހިމެނެ އެވެ. ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މާޒިޔާ ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖެހީ އައިސަމް އެވެ. އެގޮތުން ފުރަތަމަ މެޗުގައި 2-0 އިން ޓީސީ ބަލިވީ އޭނާގެ ދެ ލަނޑުންނެވެ. އަދި ބުރު ސްޕޯޓްސް އަތުން 2-1 އިން ބަލިވި މެޗުގައި ވެސް މާޒިޔާގެ ލަނޑު އައީ، އެޓޭކިން މިޑްފީލްޑަރު، އައިސަމްގެ ފަރާތުންނެވެ.
އެކަމަކު ސެމީ ފައިނަލްގައި ސަސްއާ ބައްދަލުކޮށް 8-0ގެ ބޮޑު ތަފާތަކުން މާޒިޔާ މޮޅުވި މެޗުގައި އައިސަމްގެ ލަނޑެއް ނުފެނުނެވެ.
ރޭ އައިސަމް ޖެހި ދެ ލަނޑު ވެސް އެހާމެ ރީއްޗެވެ. ފުރަތަމަ ލަނޑު، ނާއިޒްގެ ރީތި ހުރަހެއްގައި އެހާމެ ބާރަށް ފޮނުވާލި ބޯޅަ ހިތްގައިމެވެ. އަދި ދެ ވަނަ ހާފުގައި ޖެހި ލަނޑު ވެސް މޮޅެވެ.
ސީޒަންގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމަކީ މާޒިޔާއަށް ވަރަށް ބޮޑު އުފަލެކެވެ. ބޮޑު ހޭދައެއް ކޮށް އަދި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ ވެސް އެ ޓީމެވެ. މާޒިޔާގައި ގައުމީ ޓީމުގެ 12 ކުޅުންތެރިޔަކު ހިމެނެ އެވެ.