މާޒިޔާގެ ފޯވަޑް ހަމްޒާ މުހައްމަދު ސީޒަން ހުޅުވަން އޮތް ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދަނީ
ޕްރެކްޓިސް ކުރި ދެ ޓީމުގެ ފައިނަލެއް، ބޮޑު ވާދަ 2 މޭގައި
ރާއްޖޭގެ އެންމެ ގަދީމީ ފުޓްބޯޅަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް، ގަލޮޅު ދަނޑުގައި ކުރިއަށް ދާކަން، އެނގޭ މާ ގިނަ ބަޔަކު އުޅޭހެންނެއް ހިއެއްނުވެ އެވެ. ހިލޭ ވަދެވޭ ގޮތަށް ދަނޑުގެ ދޮރުތައް ހުޅުވާފައި ހުއްޓަސް، ވަދެ މެޗު ބަލަން ތިބެނީ ވަރަށް މަދު ބައެކެވެ.
މުބާރާތުގައި މިހާތަނަށް ފެނުނީ ހައްގު ނަތީޖާތަކެކެވެ. އެގޮތުން އަންނަ އަންގާރަދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރަނީ މި އަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާ އާއި އީގަލްސް އެވެ. ދެން ވާދަކުރި އަނެއް ހަތަރު ޓީމު މުބާރާތަށް ނުކުތީ ހަފުތާއެއްހާ ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ.
މިއީ މިއަދު ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގެ ހާލަތެވެ. ޕްރިމިއަ ލީގުގައި ހިމެނޭ އަށް ޓީމުގެ ތެރެއިން ދެ ޓީމު ޕްރެޒިޓެންޑްސް ކަޕްގައި ވާދައެއް ނުކުރެ އެވެ. މިދިއަ އަހަރު ރ. އަލިފުށީގައި އޮތް ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް ތަށި އުފުލައިލި ވެލެންސިއާ އިން ނެރުނީ ގިނައިން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ ޓީމެކެވެ.
ފައިނަލުން އީގަލްސް ޖާގަ ހޯދީ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފަ އެވެ. މިއީ މިދިއަ އަހަރުގެ ދެ ވަނަ ޑިވިޒަނުން ޕްރިމިއަ ލީގަށް ކޮލިފައިވި ޓީމެކެވެ.
މިދިއަ ބުރާސްފަތިދުވަހުގެ ރޭ އޮތް ސެމީ ފައިނަލް ދެވަނަ މެޗުގައި މާޒިޔާ މޮޅުވީ ސަސްއާ ވާދަކޮށް މާ ބޮޑު ތަފާތަކުން، 8-0 އިންނެވެ.
މާޒިޔާއިން ހަމައެކަނި ސީޒަނަށް ދުރާލާ ތައްޔާރުވީކީ ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމުގެ 12 ކުޅުންތެރިން، މާޒިޔާގައި ހިމެނެ އެވެ.
ޕްރެޒިޑެންޓްސް ކަޕަކީ ކުރިން ބާއްވަމުން އައި ގައުމީ ފުޓްބޯޅަ މުބާރާތެވެ.