
ޖިރޯނާގެ ފޯވަޑް ވެލެންޓިން ވެލެންޓިން ކޮސްޓިލާނޯސް
ނުވެސް ދަންނަ ކުޅުންތެރިޔަކު ރެއާލް ކޮޅަށް ހަތަރު ލަނޑު ޖަހައިފި
ވެލެންޓިން ކޮސްޓިލާނޯސް ނަމަކަށް ކިޔާ ކުޅުންތެރިޔަކު ދަންނަން ހެއްޔެވެ؟ ގިނަ މީހުންނަށް މި ނަން އަޑުއިވުނީ ވެސް އަދި ކިރިޔާ ކަމަށް ވެދާނެ އެވެ. މިއީ ސްޕެއިންގެ ލަލީގާގެ ކްލަބެއް ކަމަށް ވާ ޖިރޯނާގެ ފޯވަޑެވެ.
އުމުރުން 24 އަހަރުގެ އާޖެންޓީނާގެ މި ކުޅުންތެރިޔާ އެމެރިކާގެ ނިއު ޔޯކް ސިޓީން ލޯނަކަށް ޖިރޯނާއާ ގުޅުނު ފަހުން، ރޭގެ މެޗާ ހަމައަށް، ހަތް ލަނޑު ޖަަހާފައިވެ އެވެ. އެކަމަކު އޭނާގެ ނަން އެހާ މަޝްހޫރެއް ނޫނެވެ.
ރޭ ކޮސްޓިލާނޯސްގެ ނަން ދުނިޔޭގެ ކުޅިވަރު ހަބަރުތަކުގެ ސުރުހީއަށް އަރައިފި އެވެ. ތާވަލްގެ ދެ ވަނާގައި އޮތް ރެއާލް މެޑްރިޑް 4-2އިން ބަލިވި އިރު ޖިރޯނާގެ ހަތަރު ލަނޑު ވެސް ޖެހީ އޭނާ އެވެ. ކޮންމެ ހާފެއްގައި ދެ ލަނޑެވެ.
މިއީ 75 އަހަރުގެ ތެރޭގައި ލަލީގާގެ މެޗެއްގައި ރެއާލްގެ ގޯލަށް ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރޭގެ މެޗުގައި ކޮސްޓިލާނޯސްގެ ފައިގައި ބޯޅަ ޖެހުނީ އެންމެ 15 ފަހަރު އެވެ.
ނިއު ޔޯކް ސިޓީން ކޮސްޓިލާނޯސް ލޯނަކަށް ދޫކޮށްލީ 12 މިލިއަން ޑޮލަރުގެ ފީއަކަށް އޭނާ ގަންނާނެ ކްލަބެއް ނުވެގެންނެވެ. ނިއު ޔޯކް ސިޓީން އުއްމީދުކުރަނީ ލަލީގާގައި އޭނާ ދައްކާ ކުޅުމެއްގެ ސަބަބުން އަގު އަރާފާނެ ކަމަށެވެ.
ކޮސްޓިލާނޯސްއަކީ 2021ގައި އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ. އޭނާ އެފަހަރު 19 ލަނޑު ޖަހާފައިވެ އެވެ. އަދި އެމްއެލްއެސްގައި 50 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެ އެވެ.
މިހާތަނަށް ކޮސްޓިލާނޯސް އާޖެންޓީނާގެ ގައުމީ ޓީމަށް ނަގާފައެއް ނުވެ އެވެ.