މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ،ސަމުއްޓެ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަތުން ޗެރިޓީ ޝީލްޑްއާ ހަވާލުވަނީ
މާޒިޔާއިން ޗެރިޓީ ޝީލްޑް ހޯދައި، އާ ފުޓްބޯޅަ ސީޒަން ފަށައިފި
އީގަލްސް އެހާ ބޮޑަށް ހިތާމަކުރާކަށް ނުޖެހެ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ރޭ މާޒިޔާ އަތުން 2-1 އިން ބަލިވި ނަމަވެސް، މެޗުގެ ވާދަވެރިކަމަށް ބަލާއިރު، މި މެޗާ އެކު ފެށި ފުޓްބޯޅައިގެ އާ ސީޒަންގައި އީގަލްސަށް އޮތް އުއްމީދުތައް މިހާރު ކުޑައެއް ނުވާނެ އެވެ.
މާޒިޔާގައި އޮތީ ރާއްޖޭގެ ގައުމީ ޓީމު ގާތްގަނޑަކަށް އެއްކޮށެވެ. ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވީ ވެސް އަދި އެންމެ ރޭވުންތެރިކަމާ އެކު ކުރިއަށް ދަނީ ވެސް މާޒިޔާ އެވެ. އީގަލްސްއަކީ އޭގެ ދެވަނަ އެވެ.
ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު މާޒިޔާއަށް ކާމިޔާބުކޮށްދިން ދެ ލަނޑު ޖެހީ މިދިއަ އަހަރު އީގަލްސަށް ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ސްޓެފަން މިހަލޮވިޗް އެވެ.
މެޗުގެ ފަހުކޮޅު އީގަލްސަށް ދިރުން ގެނެސްދިނ ީއަސްކަރްބެކް ސަލިއޭފް ޖެހި ލަނޑުންނެވެ.
ދެ ޓީމަށް ދެން އޮތީ އަންނަ ހޮނިހިރުދުވަހު ފަށާ ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް އެވެ.
އެކަމަކު އާ ސީޒަން މި ފެށީ ރާއްޖޭގެ ގަދަ އަނެއް ހަ ޓީމުން ރަނގަޅު ތައްޔާރުވުމެއް ނެތި އެވެ. އެ ޓީމުތަކުން ޕްރެކްޓިސް ފެށީ މިދިއަ ހަފުތާގަ އެވެ. އެހެންކަމުން މި ސީޒަނަށް ގިނަ ޓީމުތައް އެ ނުކުންނަނީ އެކަށީގެންވާ ތަމްރީންތަކެއް ނެތި އެވެ.
މައްސަލައަކަށް ވަނީ އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުލިބުމެވެ. ޕްރިމިއަ ލީގުގެ ގަދަ އަށް ޓީމަށް އަހަރަކު 3 މިލިއަން ރުފިޔާ ދޭން އެފްއޭއެމުން އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު މިދިއަ އަހަރު ވެސް ގިނަ ޓީމުތަކަށް އެ ފައިސާ އެއްކޮށް ލިބިފައެއް ނުވެ އެވެ. އެހެންވެ އެފްއޭއެމްގެ މާލީ އެއްވެސް އެހީތެރިކަމެއް ނުލިބޭ ނަމަ ޕްރެކްޓިސް ނުފަށަން ގިނަ ޓީމުތައް ތިބީ މަޑުކޮށްގެންނެވެ.
މިދިއަ ހަފުތާގައި އެފްއޭއެމުން ބުނީ ފުރަތަމަ ޕޭމެންޓް އެ ހަފުތާގައި ކްލަބްތަކަށް ދޭނެ ކަމަށެވެ. އަދި މިދިއަ އަހަރު ނުދެވި ހުރި ފައިސާ ވެސް މި އަހަރު ތެރޭގައި ދީ ހަލާސްކުރާނެ ކަމަށް، އެފްއޭއެމުން ބުންޏެވެ.
މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނުން ކުރިން ބުނެފައި އޮތީ އެ ހުރިހާ މައްސަލަތަކެއް ވެސް ހައްލުވާނެ ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް، ދާދި ފަހުން 'ދައުރު'އާ ވާހަކަ ދައްކަވަމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި އެވެ.