
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ޕެޑްރޯ ދަނޑުގެ ސެންޓަ ސާކަލްގެ ތެރެއިން ފޮނުވާލި ބޯޅަ، އާސެނަލްގެ ކީޕަރު އޭރަން ރަމްސްޑޭލް މަތަކުރަން މަސައްކަތްކުރަނީ. އެކަމަކު ބޯޅަ ގޮސް ވަނީ ގޯލަށް
އާސެނަލް ކަޓައި، ޔުނައިޓެޑް ގަދަ އަށަކުން ޖާގަ ހޯދައިފި
ޔޫރޮޕާ ލީގުގެ ގަދަ 16ގެ ވާދަކުރުމުގައި އަމިއްލަ ދަނޑުގައި ކުޅެ އާސެނަލް، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން ބަލިވެ، ރޭ ކަޓައިފި އެވެ. އެކަމަކު އިނގިރޭސި ބޮޑު އެހެން ކްލަބެއް ކަމަށްވާ މެންޗެސްޓަ ޔުނައިޓެޑް ވަނީ ރެއާލް ބަޓިސް އަތުން 1-0 އިން މޮޅުވެ ގަދަ އަށެއް ކަށަވަރުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ފަސް ޕޮއިންޓްގެ ތަފާތަކުން ކުރީގައި އޮތް އާސެނަލްއަށް ރޭ މެޗު ގެއްލުނީ ފަހު ހާފުގައި ލިޒްބަންގެ ޕެޑްރޯ ގޮންކާވްސް، ސެންޓަ ސާކަލް ތެރެއިން ބަލާލައިފައި މަތިން ފޮނުވާލި ބޯޅަ، ކުރިއަށް ނުކުމެފައި ހުރި އާސެނަލްގެ ކީޕަރު އޭރަން ރަމްސްޑޭލްގެ ބޯ މަތިން ގޮސް ވަދެގެންނެވެ. މިއީ މޮޅު އަދި އެހާމެ ފުރިހަމަ ލަނޑެކެވެ.
އޭރު އާސެނަލްގެ ގްރެނައިޓް ޒަކާ ފުރަތަމަ ހާފުގައި ޖެހި ލަނޑުން އާސެނަލް އޮތީ، ލިޒްބަންގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވުމާ އެކު، 3-2 އިން ކުރި ހޯދައިފަ އެވެ.
އިތުރު ވަގުތުގެ 30 މިނިޓްގައި ވެސް ލަނޑެއް ނުޖެހުމުގެ ސަބަބުން ޕެނަލްޓީއަށް ދިޔަ އެވެ. އާސެނަލްއަށް 5-4 އިން ނާކާމިޔާބުވީ ފަހު ޕެނެލްޓީ ޒުވާން ފޯވަޑް ގެބްރީލް މާޓިނެއްލީ ޖެހުމުން، ލިޒްބަންގެ ކެޕްޓަން އަދި މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކުރި އެޑަން މަތަކުރުމުންނެވެ.
ރަށުން ބޭރުގައި މާކަސް ރަޝްފޯޑް ޖެހި ހަމައެކަނި ލަނޑުން ޔުނައިޓެޑް، ރަށުން މޮޅުވި އިރު، ދެ މެޗުގެ ނަތީޖާއަކީ 5-1 އެވެ. ޔުނައިޓެޑްގެ ދަނޑުގައި ފުރަތަމަ ލެގުން ބެޓިސް އަތުން މޮޅުވެފައި އޮތީ 4-1 އިންނެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ބަލިވުމުގެ ހިތްދަތިކަން ދެމިގެންދާނެ ކަމަށާއި ނަމަވެސް މެޗުގައި އާސެނަލްއިން ބޭނުންވާ ގޮތަށް ނުކުޅެވުނު ކަމަށެވެ.
"މާ އަވަހަށް ބޯޅަ ގެއްލުމާއި ޕްރެޝަރު ބޮޑުކުރެވޭ ވަރަށް ކުޅެގަތުމުގައި ދިމާވި މައްސަލަ އަސްލު މައްސަލައަކީ،" އާޓެޓާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު ކުރިމަތީގައި އޮތީ ލީގުގެ 11 މެޗެވެ. އަދި ދެން ނުކުންނަން ޖެހޭ ކްރިސްޓަލް ޕެލެސްގެ މެޗަކީ، މި ބަލީގެ ހިތްދަތިކަމުން އަރައިގަތުމަށް ފައިނަލެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އާސެނަލްއަށް ޕްރިމިއަ ލީގު ކާމިޔާބުނުކުރެވޭތާ މިހާރު 20 އަހަރު ވެއްޖެ އެވެ.
ކޮމެންޓް