ޔުވެންޓަސްގެ ކުޅުންތެރިން ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: ތިން ވަނަ އިން 10 އަށް ވަނީ ވެއްޓިފައި
ޔުވެންޓަސްއަށް 15 ޕޮއިންޓް އުނިކޮށް އަދަބު ދީފި
ކުޅުންތެރިން ވިއްކައިގެން ކްލަބުގެ މާލީ ހާލަތު އޮޅުވާލުމުގެ އަދަބެއްގެ ގޮތުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކޮށް އަދަބު ދީފި އެވެ. މި ވަގުތު އިޓާލިއަން ލީގުގެ ތިން ވަނާގައި އޮތް ޓީމު މިހާރު ވަނީ 10 ވަނައަށް ވެއްޓިފަ އެވެ.
އިޓަލީީީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޔުވެންޓަސްގެ މާލީ ހިސާބުތައް އޮޅުވާލަން، ކުޅުންތެރިން ވިއްކުމުގެ ވިޔަފާރިން ނުލިބޭ އާމްދަނީ ހިމަނާފައިވާކަން ތަހުގީގުން ސާބިތުވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު ޔުވެންޓަސްގެ ބޯޑު މެމްބަރުން މިދިއަ ނޮވެމްބަރު މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކްލަބްގެ ކުރީގެ ރައީސް އެންޑްރީ އަގްނެއްލީ ވެސް ހިމެނެ އެވެ.
ޔުވެންޓަސް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ. ފުޓްބޯޅަ ފެޑެރޭޝަންގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ވެސް، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބުން ބުންޏެވެ.
ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނީ ފެޑެރޭޝަނުން އެގޮތަށް ނިންމި ސަބަބުތައް ހާމަކުރާނެ އިރަކަށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވެސް، އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ހާއްސަ ކޮމިޓީއަކަށް މައްސަލަ އިސްތިއުނާފްކުރުމުގެ މަރުހަލާ ފަށާފައިވާ ކަމަށް ބުންޏެވެ.
ޔުވެންޓަސްގެ ކުރީގެ ސްޕޯޓްސް ޑައިރެކްޓަރު އަދި މިހާރު އިނގިރޭސި ޕްރިމިއަ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ފުޓްބޯޅަ ޑައިރެކްޓަރު ފެބިއޯ ޕެރަޓިސީ ވަނީ 30 މަސް ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފަ އެވެ.
ކުޅުންތެރިންގެ ޓްރާންސްފާ މައްސަލަ އާއި ކްލަބްތަކުގެ މާލީ ހިސާބުތައް އޮޅުވާލުމުގެ ތުހުމަތުކުރެވޭތީ އިޓަލީގެ ފުޓްބޯލަ ފެޑެރޭޝަނުން ޔުވެންޓަސްގެ އިތުރުން 10 ކްލަބެއްގެ މައްސަލަ ކުރިން ވެސް ބަލާފައިވެ އެވެ. އޭގެ ތެރޭގައި މި ވަގުތު ތާވަލްގެ އެއް ވަނާގައި އޮތް ނަޕޯލީ ވެސް ހިމެނެ އެވެ. ނަމަވެސް އެފަހަރު އެއިން އެއްވެސް ކްލަބަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައެއް ނުވެ އެވެ. އަލުން އެ މައްސަލަ ބަލަން ފެށީ މިދިއަ ޑިސެމްބަރު މަހު އެވެ.