އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ: ވޯލްޑް ކަޕަށް މެދުކަނޑާލުމަށް ފަހު އަލުން ޕްރިމިއަ ލީގު ފަށާއިރު ތާވަލްގެ ކުރީގައި އޮތީ އާސެނަލް

ޕްރެމިއަ ލީގު

ޕްރިމިއަ ލީގު މުޅިން ތަފާތު، އެއީ އިނގިރޭސިންގެ ސަގާފަތް

ދުނިޔޭގެ އެހެން ލީގުތައް ކްރިސްމަސްއަށް މެދުކަނޑާލިޔަސް، އިނގިރޭސި ލީގުގެ ވާދަވެރިކަން އެ ދުވަހު ވަނީ ބޮޑު
26 ޑިސެމްބަރު 2022

ދުނިޔޭގެ ބޮޑު ހުރިހާ ލީގެއް، ކްރިސްމަސްއަށް މި ވަނީ މެދު ކަނޑާލައިފަ އެވެ. ޔޫރަޕްގެ ބޮޑެތި ބައެއް ލީގުތައް އަލުން ފަށާނީ އާ އަހަރަށް ފަހު އެވެ. ނަމަވެސް އިނގިރޭސި ޕްރިމިއަ ލީގު މުޅިން ތަފާތެވެ. ކްރިސްމަސްގެ ދެ ވަނަ ދުވަހުގެ ފުޓްބޯޅައިގެ ފޯރިއާ ނުލައި، އިނގިރޭސި ފުޓްބޯޅަ ފުރިހަމައެއް ނުވެ އެވެ.

ފިނި މޫސުމާ ދިމާކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ބޭއްވި އިރު، ކްރިސްމަސްގެ ކުރިން އެ މުބާރާތް ނިންމަން ޖެހޭނެ ކަމަށް، އިނގިރޭސި ފުޓްބޯޅަ ލީގުން ފީފާގެ ބައްދަލުވުމުގައި، ގަދަފައި ވިއްދާފައި، ބުނީ އެހެންވެ އެވެ. ފީފާގެ އެ ބައްދަލުވުން އޮތީ 2015 ގަ އެވެ. ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ވެރިން ވެސް ހިމެނުނު ބައްދަލުވުމުގައި ފީފާ އިން ބުނީ 2022ގެ ވޯލްޑް ކަޕް ޖޫން/ޖުލައިގައި ނުބޭއްވޭނެ ކަމަށެވެ. އެ ދުވަސްވަރު ގަތަރުގެ ހޫނުކަން މާ މަތިވުމަކީ، އެފަދަ މުބާރާތަކަށް ކުޅަދާނަ މިންވަރެއް ނޫން ކަމަށް، ފީފާއިން ފާހަގަކުރި އެވެ.

ނޮވެމްބަރު/ޑިސެމްބަރަކީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ މުހިންމު ހިސާބެކެވެ. ދުނިޔޭގެ މޮޅު ހުރިހާ ކުޅުންތެރިންހެން ކުޅެމުން އަންނަނީ އެ ލީގުތަކުގަ އެވެ. އެހެންކަމުން ފީފާއިން ގެންނަ ބަދަލާ އެކު ލީގުތަކުގެ ރުހުން ވެސް ހޯދަން ޖެހެ އެވެ.

6 ނޮވެމްބަރު 2022 - މެންޗެސްޓަ ސިޓީގެ އާލިން ހާލޭންޑް، ރޭ ކުޅުނު ޕްރިމިއަ ލީގު މެޗުގައި ފުލަމްގެ ކޮޅަށް ވަގުތު ޕެނެލްޓީ ޖަހަނީ. ސިޓީ މޮޅުވީ 2-1 އިން

އެ ބައްދަލުވުމުގައި އިނގިރޭސި ފުޓްބޯޅައިގެ އިސް އޮފިޝަލުން ބުނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ކްރިސްމަސްގެ ލީގު މެޗުތަކަށް ވަގުތު ލިބޭ ގޮތަށް ވޯލްޑް ކަޕް ނިންމަން ޖެހޭނެ ކަމަށެވެ.

ގަތަރު ވޯލްޑް ކަޕް ނިންމީ 18 ޑިސެމްބަރުގަ އެވެ. އިނގިރޭސި ޕްރިމިއަ ލީގު، މީގެ ކުރިން ނާންނަ ހުއްޓުމަކަށް ފަހު، ފަށާނީ މިއަދު، 26 ޑިސެމްބަރުގަ އެވެ. ކްރިސްމަސްއާ އެކު އާ އަހަރުގެ ބަންދު ތެރޭގައި ވެސް ގިނަ މެޗުތަކެއް، ކައިރިކައިރީގައި ކުޅޭނެ އެވެ.

އިނގިރޭސި ކުޅިވަރު ސަގާފަތުގައި ކްރިސްމަސްގެ ދެ ވަނަ ދުވަހު، 26 ޑިސެމްބަރުގައި ފުޓްބޯޅައިގެ ވާދަކުރުންތައް ބެލުން ކޮންމެހެން ވެސް މުހިންމެވެ. ކްރިސްމަސްގެ ބަންދުގައި ފުޓްބޯޅަ ނެތުމަކީ އެ އުފަލަށް ލިބޭ އުނިކަމެއް ކަމަށް ވެސް، ފުޓްބޯޅައިގެ ތަޖުރިބާކަރުން ބުނެ އެވެ.

ޕްރިމިއަ ލީގުގެ ގަދަ 10

 • 1-

  އާސެނަލް، ކުޅުނު 14، ޕޮއިންޓް 37

 • 2-

  މެންޗެސްޓަ ސިޓީ، ކުޅުނު 14، ޕޮއިންޓް 32

 • 3-

  ނިއުކާސަލް، ކުޅުނު 15، ޕޮއިންޓް 30

 • 4-

  ޓޮޓެންހަމް، ކުޅުނު 15، ޕޮއިންޓް 29

 • 5-

  މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 14، ޕޮއިންޓް 26

 • 6-

  ލިވަޕޫލް، ކުޅުނު 14، ޕޮއިންޓް 22

 • 7-

  ބްރައިޓަން، ކުޅުނު 14، ޕޮއިންޓް 21

 • 8-

  ޗެލްސީ، ކުޅުނު 14، ޕޮއންޓް 21

 • 9-

  ފުލަމް، ކުޅުނު 15، ޕޮއިންޓް 19

 • 10-

  ބްރެންޓްފޯޑް، ކުޅުނު 15، ޕޮއިންޓް 19

މިއީ އިނގިރޭސި ޕްރިމިއަ ލީގުގެ މާލީ ފައިދާއާ ވެސް ގުޅިފައި އޮތް ކަމެކެވެ. ވޯލްޑް ކަޕްގެ ތެރޭގައި ފީފާއަށް ނުލިބޭ އާމްދަނީ ކްރިސްމަސް ބަންދާއި އާ އަހަރުގެ މެޗުތަކާ ގުޅިގެން ޕްރިމިއަ ލީގަށް ލިބެ އެވެ. އެއީ ސްޕޮންސަރުންގެ މުދަލާއި ހިދުމަތުގެ އިސްތިހާރުތައް ގިނަ ބައެއްގެ ސަމާލުކަމަށް ގެންނަން ވެސް، އަހަރު ދުވަހުގެ ތެރޭގައި ލިބޭ އެންމެ ބޮޑު ފުރުސަތެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ބަޔަކު ބަލާ ލީގަށް ޕްރިމިއަ ލީގު ވީ، މިކަހަލަ ތަފާތު ވަރަށް ގިނަ ސަބަބުތަކާ ހެދި އެވެ. ލިއޮނެލް މެސީ އާއި އެމްބާޕޭ އާއި ނޭމާ އަދި ރޮބަޓް ލެވަންޑޮވްސްކީ ކަހަލަ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ތަރިންނާ ނުލައި ވެސް އިނގިރޭސި ޕްރިމިއަ ލީގު ދުނިޔޭގެ އެންމެ ބޮޑު ލީގަށް ވީ ވެސް، އެއާ ގުޅިފައި ހުރި ގިނަ ކަންކަން ތަފާތުކަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް