ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ފަހު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ތައްޓާ އެކު (ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން)

ބީޗު ވޮލީބޯލް

ސާޖިދާއި އާދަމް، ބީޗު ވޮލީގައި ރާއްޖެއަށް ރަން މެޑެލް ހޯދައިދީފި

މިއީ ބައިނަލްއަގުވާމީ ވޮލީބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ފުރަތަމަ ފަހަރު
30 ޑިސެމްބަރު 2022

ބަންގްލަދޭޝްގައި އޮތް ސެންޓްރަލް އޭޝިއަން ބީޗު ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން، މިއަދު ހެނދުނު އޮތް ފައިނަލްގައި، ނޭޕާލު ބަލިކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ހޯދައިފި އެވެ.

ރާއްޖޭގެ ބީޗުވޮލީގައި އެންމެ މޮޅު ޕެއާގެ މި ކާމިޔާބީއާ އެކު ރާއްޖޭގެ ވޮލީބޯޅައިގެ އާއިލާ ވަނީ ހިނިތުންވުމުން ފުރިފަ އެވެ.

"ބީޗުވޮލީ މުބާރާތުގެ ރަން މެޑެލް ހޯދައިގެން އަނެއްކާވެސް ރާއްޖެއިން ތާރީހު ލިއެލައިފި އެވެ،" ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް، ދެ ކުޅުންތެރިންގެ ކާމިޔާބު ފާހަގަކުރައްވަމުން، ފޭސްބުކްގައި ލިއުއްވި އެވެ.

 އިސްމާއިލް ސާޖިދު (ވ) ކޯޗު ވިނީޝިއަސް އަދި އާދަމް ތައްޓާ އެކު: މިއީ ވޮލީގައި ބޮޑު ކާމިޔާބީއެއް (ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން)

"މިއީ އޮލިމްޕިކްސްއަށް ކޮލިފައިވާން އޮތް މަގުގެ ފެށުމެވެ."

ސާޖިދު އާއި އާދަނުގެ މި ކާމިޔާބު ދިވެހި ވޮލީގެ ތާރީހުގައި ރަން އަކުރުން ލިޔަން ޖެހެނީ މިއީ ބައިނަލްއަގުވާމީ ވޮލީގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑެލް ކަމަށް ވުމުންނެވެ.

ފައިނަލަށް މެޗުގައި ނޭޕާލާ ވާދަކުރަން ރާއްޖޭގެ އިސްމާއިލް ސާޖިދު (ވ) އާއި އާދަމް ނަސީމް ތައްޔާރުވަނީ

ބްރެޒިލްގެ ކޯޗެއް ކަމަށްވާ ވިނީޝިއަސްގެ ތަމްރީންތައް ލިބެމުން އަންނަ ދެ ކުޅުންތެރިން ފައިނަލްގައި ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ސުނާރު ބަލިކުރީ ސީދާ ދެ ސެޓުން 21-13 ،21-19 އިންނެވެ.

މުބާރާތުގައި ސާޖިދާއި އާދަމް ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

ރާއްޖެ އާއި ނޭޕާލްގެ އިތުރުން މުބާރާތުގައި ވާދަކުރީ ބަންގްލަދޭޝް އާއި ޕާސްކިތާން އާއި ބޫޓާން އަދި ކިރިގިސްތާން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް