އިންގްލެންޑްގެ ފޯވަޑް މާކަސް ރަޝްފޯޑް، ވޭލްސް ކޮޅަށް ލަނޑު ޖަހަނީ

ވޭލްސް ބަލިކުރަން ރަޝްފޯޑް ދެ ލަނޑު، ދެން އޮތީ ސެނެގޯލް

ޒުވާން ފޯވަޑް އޭނާގެ ލަނޑުތައް ހާއްސަކުރީ ކެންސަރު ބަލީގައި މަރުވި ގާތް ރަހުމަތްތެރިޔަކަށް
30 ނޮވެމްބަރު 2022

ދެ ވަނަ ހާފުގައި މާކަސް ރަޝްފޯޑް ޖެހި ދެ ލަނޑާ އެކު 3-0 އިން ވޭލްސް ބަލިކޮށް ގަތަރު ވޯލްޑް ކަޕްގެ ގަދަ 16 ކަށަވަރުވުމުން، އިނގިރޭސި މީޑިއާއިން ޒުވާން ކުޅުންތެރިޔާއަށް ތައުރީފް އޮއްސަން ފަށައިފި އެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުމަށް ފަހު ދެ ވަނަ ހާފުގައި އިންގްލެންޑުން ޖެހި ތިން ލަނޑުގައި ދެން ބައިވެރިވީ ފިލް ފޯޑެން އެވެ. އެކަމަކު އިނގިރޭސި މީޑިއާގެ ދުރުމީއަށް ރަޝްފޯޑް އަރައި، އޭނާއަކީ މިހާރު އަނެއްކާވެސް ބަތަލެކެވެ.

ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުން ގަދަ 16 ގައި އިންގްލެންޑް ނުކުންނަން ޖެހެނީ ސެނެގޯލްއާ ދެކޮޅަށެވެ.

ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އީރާން ކޮޅަށް ރަޝްފޯޑް، ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ލަނޑު ޖެހި އެވެ. ރޭގެ ދެ ލަނޑާ އެކު އޭނާގެ ވޯލްޑް ކަޕްގެ ޖުމްލަ މިހާރު އެ އުޅެނީ ތިނެއްގަ އެވެ. ރަން ބޫޓު ހޯދުމުގެ ފުރުސަތު ވެސް އޮތީ އެވެ.

އިނގިރޭސި މީޑިއާތަކުން ރަޝްފޯޑް ސިފަކުރަނީ ވަރަށް ހިތްވަރު ވެސް ގަދަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސަބަބަކީ ދަނޑުމަތީގައި އޭނާ މޮޅަށް ކުޅުނު އިރު، އެންމެ ގާތް އެއް އެކުވެރިޔާ މަރުވުމުގެ ހިތާމަ ވެސް އޮތުމުންނެވެ.

ރޭގެ ދެ ލަނޑު ރަޝްފޯޑް ހަދިޔާކުރީ އެ ރަހުމަތްތެރިޔާއަށެވެ.

"ކެންސަރުގައި އޭނާ އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ. އެއީ އަހަންނަށް ވަރަށް ބޮޑު ސަޕޯޓެއް ލިބުނު އަދި އެހާމެ ގާތް ރަހުމަތްތެރިއެއް. އެއީ އަހަރެންގެ ހަޔާތަށް އައި އެކުވެރިއެއް،" މެޗަށް ފަހު ރަޝްފޯޑް ބުންޏެވެ.

އޭނާ މިހާރު ވަނީ 49 މެޗުން 15 ލަނޑު އިންގްލެންޑަށް ޖަހައިދީފަ އެވެ. އޭގެ ތެރެއިން ފުރަތަމަ 11 ގައި ހިމެނުނީ 22 މެޗުގަ އެވެ.

ގަދަ 16ގެ މެޗުގައި ސެނެގޯލާ ދެކޮޅަށް އިންގްލެންޑް ނުކުންނާނީ އަންނަ އާދިއްތަދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް