ވޯލްޑް ކަޕްގައި ގްރޫޕް ބީގެ ފުރަތަމަ މެޗަށް އީރާން ޓީމު ގައުމީ ސަލާމަށް ހުއްޓި. އެކަމަކު އީރާންގެ އަންހެނުން ކުރަމުން އަންނަ މުޒާހަރާތަކަށް ސަޕޯޓްކުރުމުގެ ގޮތުން ގައުމީ ސަލާމެއް ނުކިޔާ

އީރާން ޓީމުން ގައުމީ ސަލާން ނުކިޔާ ދެއްކީ ހިމޭންކަން

މިއީ އީރާނުގެ އަންހެނުން ހައްގު ހޯދަން ހިންގާ ހަރަކާތަށް ތާއީދުކުރުމުގެ ގޮތުން އީރާން ޓީމުން ދެއްކި މިސާލެއް
22 ނޮވެމްބަރު 2022

އިއްޔެ އިންގްލެންޑާ ދެކޮޅަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން އޮތް ގައުމީ ސަލާން ކިޔުމުގެ ވަގުތުކޮޅު އީރާންގެ ޓީމުން ހިމޭންކަން ދައްކައިފި އެވެ.

ގައުމީ ސަލާން ކިޔަން އީރާންގެ ޓީމުން ދެކޮޅުހެދީ އީރާނުގައި އަންހެނުންގެ ހައްގުތައް ހޯދަން ސަރުކާރާ ދެކޮޅަށް އަންހެނުން ހިންގާ މުޒާހަރާތަކަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ގައުމީ ސަލާން ޖަހަމުން ދިޔަ ވަގުތު އީރާންގެ ގައުމީ ޓީވީން ވަނީ ދަނޑުގެ ދުރު ޝޮޓެއް ދައްކައިފަ އެވެ. ކުޅުންތެރިން ގައުމީ ސަލާން ނުކިޔާ ތިބި ތަނެއް އީރާނުގައި ނުދައްކަ އެވެ.

ސެޕްޓެމްބަރު މަހު ޒުވާން އަންހެނަކު މަގުމަތީގައި ރަނގަޅަށް ބޯ ނިވާނުކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. އެނާ މަރުވީ ބަންދުގައި ހުއްޓަ އެވެ. ތުހުމަތުކުރެވެނީ ފުލުހުންގެ އަނިޔާގެ ސަބަބުން މަރުވީ ކަމަށެވެ.

އެ މަރާ އެކު އީރާނުގައި އަންހެނުން ސަރުކާރާ ދެކޮޅު ހަރަކާތްތައް ފެށި އެވެ. މުޒާހަރާތައް ބާއްވަމުން އާދެ އެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާތައް ލޭއޮހޮރުވުންތަކާ އެކު، ހުއްޓުމަކަށް ގެނެވޭތޯ ސަރުކާރުން މަސައްކަތްކުރެ އެވެ.

ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވުން ކައިރި އެވެ. ނަމަވެސް އީރާނަކީ އެކަހަލަ ކަންކަމުގެ ތެދު މައުލޫމާތު ފޯރުކޮށްދޭ ގައުމަކަށް ނުވާތީ، އެއީ ރަނގަޅު އަދަދުކަން ކަށަވަރެއް ނުވެ އެވެ.

މި ފަހުން އީރާނުން ވަނީ ހަމަނުޖެހުން ހިންގުމުގެ ކުށުގައި ބައެއް މީހުންނަށް މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ.

އީރާނުން ބުނާ ގޮތުގައި މިއީ ބޭރުގެ ދުޝްމަނުން އަޑީގައި ތިބެގެން ހިންގާ ކެމްޕޭނެކެވެ.

މިދިއަ ހަފުތާގައި އީރާންގެ ފުޓްބޯޅަ ޓީމު ވަނީ ރައީސް އިބްރާހިމް ރައިސީއާ ބައްދަލުކޮށްފަ އެވެ. މުޒާހަރާކުރާ މީހުންގެ ހައްގުގައި އެއްޗެކޭ ނުބުނާތީ އީރާންގެ ވަރަށް ގިނަ ބަޔަކު ފުޓްބޯޅަ ޓީމަށް ފާޑު ވެސް ކިޔަ އެވެ.

އެކަމަކު 6-2ގެ ބޮޑު ތަފާތަކުން އިންގްލެންޑް އަތުން ބަލިވި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އެހްސާން ހަޖްސަފީ ވަނީ އެ މުޒާހަރާތަކަށް ތާއީދުކޮށް އަދި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ވެސް ފޮނުވައިފަ އެވެ.

އީރާންގެ ކޯޗު ކާލޯސް ކުއިރޯޒް ރޭ ބުނީ ގައުމުގައި އަންހެނުންގެ ހައްގުތައް ހޯދައިދޭން އަޑު އުފުލުމުގެ ހައްގު ކުޅުންތެރިންނަށް އޮތް ކަމަށެވެ. އެކަމަކު އެއީ ވޯލްޑް ކަޕްގެ ގަވާއިދުތަކުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް