ޕޯލް ޕޮގްބާ 2018 ގެ ވޯލްޑް ކަޕް ތައްޓާއި މެޑެލްއާ އެކު: ކަކުލުގެ އޮޕަރޭޝަނަކާ ގުޅިގެން ވޯލްޑް ކަޕް ގެއްލޭނެ

ޕޯލް ޕޮގްބާ

ޕޮގްބާއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ

ޖުލައި މަހު ކަކުލަށް ލިބުނު އަނިޔާ ރަނގަޅުނުވެ އެންމެ ފަހުން ދާން ޖެހުނީ އޮޕަރޭޝަނަކަށް
1 ނޮވެމްބަރު 2022

ފްރާންސަށް އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރި މިޑްފީލްޑް ކުޅުންތެރިޔާ ޕޯލް ޕޮގްބާއަށް މި މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި، އަނިޔާގެ ސަބަބުން، ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިހާރު އޮޕަރޭޝަނެއް ކޮށްފައިވާ، ޖުވެންޓަސްގެ ކުޅުންތެރިޔާ މުޅިން ރަނގަޅުވާން އަދިވެސް ވަގުތު ބޭނުންވެ އެވެ.

މިދިއަ ޖުލައި މަހު ލިބުނު އަނިޔާއާ ގުޅިގެން ޕޮގްބާ ފުރަތަމަ ބޭނުންވީ އޮޕަރޭޝަން ނުކޮށް ކުޅެވޭތޯ އެވެ. އޭގެ ސަބަބަކީ ވެސް ވޯލްޑް ކަޕް ގެއްލިދާނެކަމުގެ ބިރެވެ. ނަމަވެސް އަނިޔާގެ ގޮތުން އޮޕަރޭޝަނަކަށް ނުގޮސް ރަނގަޅުނުވާނެތީ، އެންމެ ފަހުން އޮޕަރޭޝަންކުރީ އެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާގެ އެޖެންޓް ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ހެދި ޓެސްޓްތަކުން އެނގުނީ މުޅިން ރަނގަޅުވާން އަދިވެސް ވަގުތު ބޭނުންވާ ކަމެވެ.

"މި ސަބަބާ ހެދި ޕޮގްބާގަށް ވޯލްޑް ކަޕްގެ ކުރިން ޖުވެންޓަސް އަދި ވޯލްޑް ކަޕްގައި ފްރާންސްގެ ގައުމީ ޓީމާ ގުޅުމުގެ ފުރުސަތެއް ނެތެވެ،" ބަޔާނުގައިވެ އެވެ.

އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި ޕޮގްބާގެ ކުޑަކަޅުވާއަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެއީ ކަކުލުގެ އަނިޔާ ރަނގަޅުވާން ކުރިމަތިވި އިތުރު ހުރަހެއް ކަމަށް ވެސް، ރިޕޯޓްތައް ބުނެ އެވެ.

ޕޮގްބާ އެންމެ ފަހުން ފްރާންސްގެ ގައުމީ ޓީމަށް މެޗެއް ކުޅުނީ މާޗު މަހު އޮތް ރަހުމަތްތެރިކަމުގެ ވާދަކުރުމެއްގައި ސައުތު އެފްރިކާއާ ދެކޮޅަށެވެ. އެ މެޗުން ފްރާންސް މޮޅުވީ 5-0 އިންނެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށް މި މަހު 22 ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް