ޕޯލް ޕޮގްބާ، 2018ގެ ވޯލްޑް ކަޕް ތަށި ހިފަހައްޓައިގެން ހުރި އިރު ބޭބެ މަތިއަސް ޕޮގްބާ އާއި މަންމަ އޭނާ ކައިރީގައި

ޕޯލް ޕޮގްބާ

ޕޮގްބާއަށް ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ބޭބެގެ މައްޗަށް ދައުވާކޮށްފި

ގޭންގަކުން އުޅުނީ އޭނާ ބްލެކްމެއިލް ކޮށް 13 މިލިއަން ޑޮލަރު ހޯދަން ކަމަށް، ޕޮގްބާ ބުނި
18 ސެޕްޓެމްބަރު 2022

ފްރާންސްގެ ވޯލްޑް ކަޕް ތަރި ޕޯލް ޕޮގްބާ އަތުން ފައިސާ ހޯދަން ބިރުދެއްކުމުގެ ކުށުގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މަތިއަސް ޕޮގްބާގެ މައްޗަށް ދައުވާކޮށް، ހައްޔަރުކޮށްފި އެވެ.

ފްރާންސްގެ ނިއުސް އެޖެންސީ، އޭއެފްޕީއާ ވާހަކަ ދައްކަމުން ޝަރުއީ ދާއިރާގެ އޮފިޝަލަކު ބުނީ އެ މައްސަލާގައި އިތުރު ހަތަރު މީހެއްގެ ރަސްމީ ތަހުގީގު ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

މަތިއަސްގެ ވަކީލް ޔާސީން ބޯޒްރޯ ވިދާޅުވި ގޮތުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ.

"އަހަރެމެން މި ނިންމުމަށް ގޮންޖަހާނަން،" ފްރާންސް ޓީވީއާ ވާހަކަ ދައްކަވަމުން ބޯޒްރޯ ވިދާޅުވި އެވެ.

މެންޗެސްޓާއަށް ކުރިން ކުޅުނު އަދި އަލުން މިހާރު އިޓަލީގެ ޔުވެންޓަސްގެ 29 އަހަރުގެ މިޑްފީލްޑަރުގެ ކަންކަން "ފަޅާއަރުވާލާނެ" ކަމަށް ބުނެ، މިދިއަ މަހު އޮންލައިންގައި އާންމުކުރި ވީޑިއޯ ހެދުމުގެ ފަހަތުގައި ހުރި ކަމަށް މަތިއަސް ވަނީ އެއްބަސްވެފަ އެވެ.

ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން މި މަހު ކުރީކޮޅު އެކަމުގެ ތަހުގީގު ފެށީ ޕޮގްބާ އެ މައްސަލަ ހުށައެޅުމުންނެވެ. އޭނާ ބުނި ގޮތުގައި ކުށްކުރާ ގޭންގަކުން ފައިސާ ހޯދަން އޭނާ ވަނީ އަމާޒަކަށް ހަދައިފަ އެވެ. ބްލެކްމެއިލް ކުރުމުގެ އެ އަމަލުގައި ހޯދަން އުޅުނީ 13 މިލިއަން ޑޮލަރު ކަމަށް ވެސް، ޕޮގްބާގެ ފަރާތުން ހުށައެޅި މައްސަލާގައި ބުނެފައިވެ އެވެ.

އުމުރުން 32 އަހަރުގެ މަތިއަސްއަކީ ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގިނީގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް