ޑިއެގޯ މެރަޑޯނާ، އިންގްލެންޑްގެ ކީޕަރު ޕީޓާ ޝިލްޓަންއަށް ވުރެ ކުރިން ބޯޅާގައި އަތުން ޖަހަނީ: މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ހަނދާނުން ފޮހެލަން އުނދަގޫ ލަނޑެއް

ޑިއެގޯ މެރަޑޯނާ

މެރަޑޯނާ އަތުން ލަނޑު ޖެހި ބޯޅަ 3 މިލިއަން ޑޮލަރަށް ނީލަމަށް

ބޯޅަ ނީލަން ކިޔަނީ އެ މެޗުގައި ރެފްރީއަކަށް ހުރި ޓިއުނީޝިއާގެ ބިން ނައްސާރު
14 އޮކްޓޯބަރު 2022

މެކްސިކޯގައި 1986ގައި އޮތް ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ޑިއެގޯ މެރަޑޯނާ އަތުން ލަނޑު ޖެހި ބޯޅަ، 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) އާއި 3.5 މިލިއަން ޑޮަލަރު (53 މިލިއަން ރުފިޔާ)ގެ އަގެއްގައި ވިއްކާލެވޭނެ ކަމުގެ އުއްމީދުގައި ނީލަމަށް ލައިފި އެވެ.

ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެރަޑޯނާ ފުރަތަމަ ލަނޑު ބޮލުން ޖަހާ ކަމަށް ހަދާފައި ޖަހަނީ އަތުންނެވެ. އިންގްލެންޑްގެ ކީޕަރު ޕީޓާ ޝިލްޓަންއަށް އެ ބޯޅަ އަތެއް ނުވި އެވެ.

ރެފްރީ އާއި އެސިސްޓެންޓް ރެފްރީއަށް ވެސް މެރަޑޯނާގެ އެ މަކަރު ރޭކައެއް ނުލަ އެވެ. އިންގްލެންޑްގެ ބައެއް ކުޅުންތެރިން ރެފްރީއަށް މައްސަލަ ވެސް ޖެއްސި އެވެ. އެކަމަކު ނިންމުން ބަދަލެއް ނުކުރެ އެވެ.

އެ ލަނޑަށް ފަހު ހަމަ އެ މެޗުގައި ހަ ކުޅުންތެރިޔަކު ކަޓުވާފައި ގޮސް މެރަޑޯނާ ޖެހި ދެ ވަނަ ލަނޑަކީ، މިހާރު ވެސް ވޯލްޑް ކަޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަނޑެވެ. އެހެންކަމުން މީގެ 36 އަހަރު ކުރިން ކުޅުނު އެ މެޗުގެ ދެ ލަނޑު ވެސް ވަނީ ތާރީހުގައި ލިއެވިފަ އެވެ.

މި ބޯޅަ ނީލަމަށް ލީ ވެސް މެޗުގެ ރެފްރީ ކަމަށްވާ ޓިއުނީޝިއާގެ އަލީ ބިން ނައްސާރު އެވެ.

"މި ބޯޅައަކީ ފުޓްބޯޅައިގެ ތާރީހުގެ ބައެއް. މިއީ ދުނިޔެއާ އެ ހިއްސާކުރަން އެންމެ ރަނގަޅު ވަގުތު ވެސް މެ،" ބިން ނައްސާރު ބުންޏެވެ.

ވޯލްޑް ކަޕް ތާރީހުގެ އެންމެ ހޫނު ބަހުސެއް ހިނގި އެއް ވާދަކުރުން ކަމަށް ބެލެވޭ މެޗުގެ 90 މިނިޓްގައި ވެސް ބޭނުންކުރީ އެ ބޯޅަ އެވެ.

އާޖެންޓީނާ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ބޯޅަ ނީލަން ކިއުން އޮންނާނީ މި އަހަރުގެ ވޯލްޑް ކަޕްގެ ބައެއްގެ ގޮތުން 16 ނޮވެމްބަރުގައި ބާއްވާ އިވެންޓެއްގަ އެވެ. އެކަމަކު އޮންލައިންކޮށް ބޯޅައަށް ބިޑް ހުށައަޅަން ޖެހޭނީ 28 އޮކްޓޯބަރުގަ އެވެ.

އެ މެޗުގައި މެރަޑޯނާ ލީ ޖާޒީ ވަނީ މި އަހަރުގެ މޭ މަހު އޮތް ނީލަމެއްގައި 9.3 މިލިއަން ޑޮލަރު (143 މިލިއަން ރުފިޔާ)އަށް ވިކިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް