
މާލޭގައި އޮތް ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ލަންކާ ކުޅުންތެރިން އުފާފާޅުކުރަނީ. ލަންކާ އަތުން ރާއްޖެ ބަލިވީ 72-59 ޕޮއިންޓުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ރާއްޖޭގެ ރަން މެޑެލް އުއްމީދު ލަންކާއިން ގެއްލުވާލައިފި
މުހިންމު ނުކުތާތައް
މާދަމާ ބޫޓާން ބަލިކޮށް ރާއްޖެއަށް ލޯ މެޑެލް ހޯދުމުގެ ފުރުސަތު އެބަ އޮތް
ނޭޕާލް ވަނީ މިއަދު ބޫޓާން ބަލިކޮށް ރިހި މެޑެލް ކަށަވަރުކޮށްފައި
މިރޭގެ މެޗަށް ރާއްޖެ ނުކުތީ ލަންކާ ބަލިކުރެވިދާނެކަމުގެ ބޮޑު އުއްމީދެއްގައި
ރާއްޖެއަށް އެއްވެސް ކްއާޓާރެއްގައި ކުރިއަރާނެ ފުރުސަތު ނުދީ، 72-59 ޕޮއިންޓް ބަލިކޮށް، ސްރީ ލަންކާއިން ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ރަން މެޑެލް މިރޭ ދިފާއުކޮށްފި އެވެ.
މުބާރާތަށް ރަނގަޅަށް ތައްޔާރުވެ، އިންޑިއާ އާއި ތައިލެންޑަށް ވެސް ތަމްރީން ދަތުރުތަކުގައި ދިޔަ ރާއްޖޭގެ އަންހެން ޓީމު، އަމިއްލަ ފަސްގަނޑުގައި އޮތް ވާދަކުރުމުން ރަން މެޑެލް ހޯދަން ކުރި އުއްމީދު، މި ބަލިވުމާ އެކު ވަނީ ގެއްލިފަ އެވެ.
ސޯޝަލް ސެންޓަރު ފުރެންދެން ކަހަލަ ގޮތަކަށް ދިވެހި ސަޕޯޓަރުން ވަދެ ސަޕޯޓް ދިން މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް 51-47 އިން ބަލިކޮށް ރާއްޖެ އިން ފެށުން ރަނގަޅު ކުރި ނަމަވެސް ދެ ވަނަ މެޗުގައި މިރޭ ރާއްޖެއަށް ލަންކާގެ މައްޗަށް އެންމެ ވަގުތަކު ވެސް ކުރި ހޯދިފައެއް ނުވެ އެވެ.
ނޭޕާލުގައި 2019 ގައި އޮތް ސާފް ގޭމްސްގައި 69-64 އިން ސްރީ ލަންކާ ބަލިކޮށްފައި އޮތުމާ އެކު މިރޭގެ މެޗަށް ކުރި އުއްމީދު ބޮޑުވި އެވެ. ނަމަވެސް އެއް ކޮމަންޓޭޓަރަކު ބުނި ގޮތަށް ކޯޓުގެ "އަރިމަތިން މިދޭ ގެއްލުމުން އަޅުގަނޑުމެންގެ ޓީމު މަރާލީ" އެވެ.

ލަންކާގެ ޓީމުން ވަރަށް ގިނަ ޕޮއިންޓް ކޯޓުގެ އަރިމަތިން އަރައިގެން ގޮސް ސްކޯކުރި އެވެ. ލަންކާ ކުޅުންތެރިންގެ އެ ހަމަލާތައް ރާއްޖެއަށް ހުއްޓުވޭ ގޮތެއް ނުވި އެވެ.
މުބާރާތުގެ ދެ ވަނަ ޓީމުގެ މަގާމާ އެކު ރިހި މެޑެލް ލިބުނީ ނޭޕާލަށެވެ. ރާއްޖެ އަތުން ބަލިވި ނަމަވެސް ނޭޕާލް ވަނީ ލަންކާ އާއި ބޫޓާން އަތުން މޮޅުވެފަ އެވެ.
ރާއްޖެއަށް ލޯ މެޑެލް ލިބެން އޮތީ، ލީގު އުސޫލުން އެއް ބުރު ކުޅޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތުގެ އެންމެ ފަހު މެޗުގައި މާދަމާ ބޫޓާން ބަލިކޮށްގެންނެވެ.
ރާއްޖެއިން ވަނީ 2016 ގައި އޮތް ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި ވެސް ލޯ މެޑެލް ހޯދައިފަ އެވެ.
މުބާރާތުގެ މެޗުތަކުގެ ނަތީޖާ
-
ސްރީ ލަންކާ 98 - ބޫޓާން 33
-
ރާއްޖެ 51 - ނޭޕާލް 47
-
ނޭޕާލް 55 - ލަންކާ 49
-
ނޭޕާލް 65 - ބޫޓާން 26
-
ސްރީ ލަންކާ 72 - ރާއްޖެ 59
-
ރާއްޖެ - ބޫޓާން (29 ސެޕްޓެމްބަރުގައި)